ބާސާ އެއްވަރުވެ، އެއްވަނައަށް އަރަން ލިބުނު ފުރުސަތު ގެއްލިއްޖެ

ޔުއޭފާ ޗެމްޕިއަންސް ލީގުގެ ލީގު ފޭސްގައި އެފްސީ ބާސެލޯނާއާއި އެޓަލާންޓާ ބައްދަލުކުރި މެޗު އެއްވަރުވެ, އެއްވަނައަށް އަރަން ލިބުނު ފުރުސަތު ބާސާއަށް ގެއްލިއްޖެއެވެ.

ބާސާގެ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.

ފުރަތަމަ ހާފުގައި ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވުނު މި މެޗުގެ ފުރަތަަމަ ލަނޑު ކާމިޔާބު ކޮށްފައިވަނީ ބާސާއިންނެވެ. ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ދެވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ލެމީން ޔަމާލެވެ. މެޗުގައި އެޓަލަންޓާގެ ފުރަތަމަ ލަނޑު ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ 67 ވަނަ މިނެޓުގައި އެޑަސަން ކާމިޔާބުކޮށްދިން ލަނޑުންނެވެ.

ނަމަވެސް، މި ލަނޑު ޖެހިތާ ފަސް މިނެޓު ފަހު ބާސާއިން ވަނީ ރޮނާލްޑް އަރައުހޯ ކާމިޔާބުކޮށްދިން ލަނޑުން ދެވަނަ ފަހަރަށް މި މެޗުގެ ލީޑު ނަގައިފައެވެ. މެޗުގައި އެޓަލާންޓާއިން ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްފައިވަނީ 79 ވަނަ މިނެޓުގައި މާރިއޯ ޕަސަލިޗް ކާމިޔާބުކުރި ލަނޑުންނެވެ.

މެޗު އެއްވަރުވުމުން ބާސާއަށް މިވަނީ އެއްވަނައިގައި އޮތް ލިވަޕޫލް ބަލިވުމުގެ ފައިދާ ނެގޭގޮތް ނުވެފައެވެ.

މެޗު ކާމިޔާބުކުރި ނަމަ ބާސާއަށް ފައިދާ ގޯލަށް ބަލާއިރު އެއްވަނަ ލިބުނީހެވެ. ނަމަވެސް، މެޗު އެއްވަރުވުމުން ބާސާ ލީގު ފޭސް ނިންމާލާފައިވަނީ 19 ޕޮއިންޓާ އެކު ދެވަނައިގައި އޮވެގެންނެވެ. މެޗު އެއްވަރުވުމުން އެޓަލާންޓާއަށް ވެސް ޖެހުނީ ސީދާ ޖާގަ ގެއްލި ޕްލޭ އޮފް ޖާގައަކާ އެކު ލީގު ފޭސް ނިންމާލާށެވެ. އެއީ، 15 ޕޮއިންޓާ އެކު ނުވަވަނައިގައި އޮވެގެންނެވެ.

މުބާރާތުގައި އާސެނަލާއި ޖިރޯނާ ބައްދަލުކުރި މެޗު ރަށުން ބޭރުގައި 2-1 އިން ކާމިޔާބުކޮށްފައިވަނީ އަސެނަލުންނެވެ.

މެޗުގައި އާސެނަލްގެ ދެ ލަނޑު ކާމިޔާބުކޮށްދިނީ ޖޯޖީނިއޯއާއި އީތަން އެންވަނޭރީއެވެ. ޖިރޯނާގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ އާނޯޓް ޑަންޖޫމާއެވެ.

މި ކާމިޔާބީއާ އެކު އާސެނަލުން ލީގު ފޭސް ނިންމާލީ 19 ޕޮއިންޓާ އެކު ތިންވަނައިގައި އޮވެގެންނެވެ. އިންޓާ މިލާނުން އޭއެސް މޮނާކޯ ބަލިކޮށް، ހަތަރުވަނަ ހޯދާފައިވާއިރު އެތުލެޓިކޯ މެޑްރިޑުންވަނީ އާރްބީ ސާލްޒްބާގް ބަލިކޮށް ފަސްވަނަ ކަށަވަރުކޮށްފައެވެ.

comment ކޮމެންޓް