ރިސޯޓެއްގައި މަސައްކަތް ކުރާ އިންޑިއާ މީހަކު މޫދަށް ގެއްލިގެން އިއްޔެއާ ހަމައަށް ކަނޑުމަގުން 74.18 ސްކެއާ ނޯޓިކަލް މޭލު ބަލާފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފިއެވެ،
އިފުރު މޯލްޑިވްސްގައި މަސައްކަތް ކުރާ 26 އަހަރުގެ އިންޑިއާ މީހަކު މޫދަށް ގެއްލިގެން އުޅޭކަމުގެ މައުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ސާޗް އެންޑް ރެސްކިއުގެ އުލިގަމު ޕޯސްޓަށް ލިބުނީ މިދިޔަ ހޯމަ ދުވަހު ކަމަށެވެ.
އެ ހާދިސާގެ މައުލޫމާތު ލިބުމާ އެއްކޮށް އެ މީހާ ހޯދުމުގެ މަސައްކަތް ފެށި ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ،.
އިއްޔެގެ ނިޔަލަށް އޭނާ ހޯދަން ބަލާފައިވާ ސަރަހައްދުތަކުގެ އަދާހަމަތައް އެމްއެންޑީއެފުން މިއަދު ވަނީ ހިއްސާކޮށްފައެވެ.
އެގޮތުން، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ހާބާ ކްރާފްޓާއި ސީ އެމްބިއުލައިން އަދި ފުލުހުންގެ އެހީތެރިކަމާ އެއްކޮށް ކަނޑުމަގުން 74.18 ސްކެއާ ނޯޓިކަލް މޭލު ބަލާފައިވާ ކަމަށް އެމްއެންޑިއެފުން ވަނީ ބުނެފައެވެ.
އިފުރު މޯލްޑިވްސް ރިސޯޓު މުވައްޒަފުންނާއި ކޯސްޓްގާޑުގެ ޑައިވަރުން ޑައިވްކޮށްގެން 160،718 ސްކެއާ މީޓަރު ބަލާފައިވާއިރު، ކޯސްޓްގާޑްގެ ޑައިވަރުން ސްނޯކްލްކޮށްގެން 46،814 ސްކެއާ މީޓަރު އިއްޔެގެ ނިޔަލަށް ވަނީ ބަލާފައެވެ. އަދި، ވައިގެ މަގުން ގެއްލުނު މީހާ ހޯދަން 213 ސްކެއާ ނޯޓިކަލް މޭލު ބަލަފައިވާކަން އެމްއެންޑީއެފުން ވަނީ ފާހަގަކޮށްފައެވެ.
މިދިޔަ އަންގާރަ ދުވަހު ފުލުހުން ވެސް ވަނީ ރ. އަތޮޅުގައި ހިންގާ ރިޒޯޓެއްގެ މުވައްޒަފަކު މިދިޔަ ހޯމަ ދުވަހު މޫދަށް އެރި އުޅެނިކޮށް 15:35 ހާއިރު ގެއްލުނު ކަމަށް ރިޕޯޓުކޮށްފައިވާ ކަމަށް ބުނެފައެވެ.