އިންޑިއާގެ 'ނެޝަނަލް ކްރަޝް' ރާއްޖޭގައި

ބަތަލާ ތުރިޕްތީ ރާއްޖޭގައި--ފޮޓޯ/ފޭސްބުކް

ފިލްމު “އެނިމަލް”އިން ބޮޑު މަގުބޫލުކަމެއް ހޯދި އިންޑިއާގެ ނެޝަނަލް ކްރަޝް, ބަތަލާ ތުރިޕްތީ ދިމްރީ ޗުއްޓީއަށް ރާއްޖެ އައިސްފިއެވެ.

ތުރިޕްތީ ރާއްޖެއަށް އައިސްފައި ވަނީ ބަތަލާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ބުނާ އިންޑިއާގެ ގޯއާއަށް ނިސްބަތްވާ މޮޑެލް/ވިޔަފާރިވެރިޔާ ސެމް މާޗެންޓްއާ އެކުއެވެ.

ސެމް މާޗެންޓްއާ ދެ މީހުން ޗުއްޓީ ހޭދަކުރަމުން އަންނަނީ ކުޑަ ވިލިނގިލި ރިސޯޓުގައެވެ. މި ރިސޯޓުގައި ނަގާފައިވާ ފޮޓޯ ތަކާއި ވީޑިއޯތައް ތުރިޕްތީގެ އިތުރުން ލޯބިވެރިޔާ ސެމް މާޗެންޓް ވަނީ ދެ މީހުންގެ އިންސްޓަގްރާމްގައި ވެސް ޕޯސްޓުކޮށްފައެވެ.

ބަތަލާގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައިވާ ފޮޓޯ އަދި ވީޑިއޯ ތަކުން ފެންނަ ގޮތުގައި ތުރިޕްތީގެ ޗުއްޓީ ދަތުރު ހާއްސަކޮށްފައި ވަނީ މިއަދު އުމުރުން 32 އަހަރު ފުރޭ ސެމްގެ އުފަންދުވަހުގެ މުނާސަބަތާ ގުޅުވައިގެންނެވެ.

ތުރިޕްތީ ދިމްރީ ލޯބިވެރިޔާ ސެމް މާޗެންޓްއާ އެކު--ފޮޓޯ/ފޭސްބުކް

ބޮލީވުޑްގެ އެންމެ ބޮޑު ޑިމާންޑު އޮތް ބަތަލާ މިއީ ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް ޒިޔާރަތްކުރި ފުރަތަމަ ފަހަރުވެސް މެއެވެ. ފިލްމު "ބުލްބުލް"ގެ ބަތަލާ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރިލީޒްކުރި ފިލްމު "ބޫލް ބުލައްޔާ 3"އިންނެވެ.

ފިލްމު "އެނިމަލް"އިން ލިބުނު މަގުބޫލުކަމާ އެކު ތުރިޕްތީއަށް ބޮލީވުޑްގެ ގިނަ ފުރުސަތުތަކެއް އަންނަނީ ލިބެމުންނެވެ. ތުރިޕްތީގެ ކުރިއަށްހުރި ފިލްމުތަކަށް ބަލާއިރު ދަރުމާ ޕްރޮޑަކްޝަންއިން އުފައްދާ "ދަޅަކް 2"، ޑައިރެކްޓަރު އަނޫރާގު ބާސޫގެ ފިލްމު "އާޝިޤީ 3" އަދި ފިލްމު "ޕުޝްޕާ 2"އިން ބޮޑު މަގުބޫލުކަމެއް ލިބުނު ސައުތު އެކްޓަރު ފަހަދު ފާސިލު ބޮލީވުޑަށް ތައާރަފްވާ ފިލްމު ހިމެނެއެވެ.

comment ކޮމެންޓް