ބްލޭކް ގާތުން މައާފަށް އެދޭ އޯޑިއޯއެއް ލީކުވެއްޖެ

މަޝްހޫރު ތަރި ބްލޭކް ލައިވްލީ ގާތުން "އިޓް އެންޑްސް ވިތު އަސް"އިން އޭނާގެ ކޯސްޓާ ޖަސްޓިން ބަލްޑޯނީ މައާފަށް އެދޭ އޯޑިއޯއެއް ލީކް ވެއްޖެއެވެ.

މި އަހަރުގެ އެންމެ ކޮންޓްރޮވާޝަލް އެއް ފިލްމަކީ ވާހަކައަށް ބިނާކޮށް ނެރުނު ފިލްމު "އިޓް އެންޑްސް ވިތު އަސް"އެވެ. ފިލްމުގެ ކެމެރާ ފަހަތުން ވެސް އެތައް ކަންތަކެއްވަމުން ދިޔައިރު އެކި ވާހަކަތައް ވަނީ ދެކެވިފައެވެ. އެންމެ ފަހުން ފިލްމުގެ ލީޑް އެކްޓަރު، ބްލޭކް ލައިވްލީ ފިލްމުގެ ދެވަނަ ލީޑް އަދި ޑައިރެކްޓަރު ޖަސްޓިން ބަލްޑޯނީ އާ ދެކޮޅަށް ޖިންސީ ގޯނާގެ ތުހުމަތުކޮށް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވަނީ މިދިޔަ މަހުގެ ފަހުކޮޅުގައެވެ.

ބްލޭކް ހުށަހެޅި މައްސަލައިގައި ތަފާތު އެކި ވާހަކަތައް ހިމަނާފައި ހުއްޓެވެ. ކެލިފޯނިއާގެ ސިވިލް ރައިޓްސް ޑިޕާޓްމެންޓަށް ހުށަހެޅި މައްސަލައިގައި ބަލްޑޯނީ، ބްލޭކާ ގުޅޭގޮތުން ދައްކާފައިވާ ހުރި ތަފާތު ވާހަކަތަކަށް އިޝާރާތް ކުރެއެވެ. އޭގެ ތެރޭގައި އެކި ގޮތްގޮތަށް ބްލޭކްގެ ގައިގައި އަތްލަން އުޅުމާއި ޖިންސީ އެކި ކަހަލަ ވާހަކަތައް ހުއްދައެއް ނެތި ދައްކަން އުޅެފައިވާ ކަމަށް ބުނެއެވެ.

މި ވާހަކަތައް ދޮގުކޮށް، ބްލޭކާ ދެކޮޅަސް ބަލްޑޯނީ ވެސް ވަނީ އެކި ވާހަކަތައް ދައްކާފައެވެ. މި ވާހަކަތަކުގައި އާންމު ގޮތެއްގައި ބުނެފައިވަނީ ބްލޭކް މައްސަލަ ހުށަހަޅައި ވާހަކަތައް ފަތުރަމުން ދަނީ ސަމާލުކަން ހޯދަން ކަމަށެވެ.

އެންމެ ފަހުން އެމެރިކާގެ ނޫހެއް ކަމަށްވާ "ޓީއެމްޒީ"އަށް ވަނީ ހަތް މިނެޓުގެ ފޯން ކޯލް އޯޑިއޯއެއް ލިބިފައެވެ. މި އޯޑިއޯއަކީ ފިލްމުގެ ޝޫޓިން ދުވަސްކޮޅުގެ ތެރޭގައި ރިކޯޑުކޮށްފައިވާ އޯޑިއޯއެއް ކަމަށް ބުނެއެވެ.

މި އޯޑިއޯ ރިކޯޑިންގައި ބަލްޑޯނީ، ބްލޭކް ގާތުން މައާފަށް އެދޭ އަޑު އިވެއެވެ. އޭނާއަކީ އެންމެ ރަނގަޅު މީހާ ނޫން ކަމަށާއި ކުށެއް ކުރެވިދާނެ ކަމަށް ގަބޫލުކުރާ ކަމަށް އޭނާ ބުނެއެވެ. ނަމަވެސް، ބްލޭކްއަށް ގެއްލުމެއް ދޭން އެއްވެސް އެއްޗެއް ބުނެފައި އަދި އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށް ބަލްޑޯނީ ބުނެއެވެ. އޮޅިގެން އެފަދަ ކަމެއް ކުރެވިފައިވާނަމަ އެކަމަށް އޭނާ މައާފަށް އެދޭ ކަމަށް ވެސް ބަލްޑޯނީ ބުނެއެވެ.

މި އޯޑިއޯއަކީ ކިހާ ތެދެއް ކަމެއް އަދި ދޮގެއް ހުރި އޯޑިއޯއެއް ކަމެއް ނޭނގެއެވެ. ނަމަވެސް، މިކަމާ ގުޅޭގޮތުން ބްލޭކް އަދި ބަލްޑޯނީގެ ފަރާތުން ވެސް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

comment ކޮމެންޓް