އައިޑީކާޑު ޚިދުމަތްތަކަށް ޚާއްސަކޮށްގެން 'ނާރެސް ޕޯޓަލް' މިރޭ ލޯންޗުކޮށްފިއެވެ.
ނާރެސް ޕޯޓަލާ ގުޅުން ހުރި މައުލޫމާތު ދެއްވަމުން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޔޫސުފް އަބްދުލްގަފޫރު ވިދާޅުވީ، މި ޕޯޓަލްގެ ސަބަބުން އައިޑީކާޑު ޚިދުމަތްތަކަށް ކައުންސިލްތަކަށް ފަސޭހަ ވެގެން ދާނެ ކަމަށެވެ.
ނާރެސް ޕޯޓަލަށް ކައުންސިލްތައް ހޭލުންތެރިކުރުމަށް މާދަމާ ބައްދަލުވުމެއް ބާއްވާ ކަމަށާއި އެ ބައްދަލުވުމުގައި ޕޯޓަލް ބޭނުން ކުރާނެ ގޮތާއި ނާރެސް ބޭނުންގެން ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު)އާ ވާހަކަދައްކާނެ ގޮތްތަކަށް އަހުވެރިކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި، ދިހަ އިނގިލި އެއްފަހަރާ ފިންގަޕްރިންޓް ނެގޭނެ މެޝިންތަކެއް ކައުންސިލްތަކާ ހަވާލުކުރުމަށް ވަނީ ނިންމާފައެވެ.
އޭނާ އިތުރަށް ވިދާޅުވީ، ރަށްރަށުގައި ކައުންސިލްތަކާ ގުޅިގެން ކާޑު ޕްރިންޓު ކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.
އަދި އަންނަ އަހަރުން ފެށިގެން މުޅި ރާއްޖޭގައި ކާޑު ޕްރިންޓުކުރެވޭނެ އިންތިޒާމު ހަމަޖައްސައި، ދުވަހުން ދުވަހަށް ކާޑުތައް ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވިއެވެ.

ނާރެސް ޕޯޓަލް އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން ---- ފޮޓޯ/ ރައީސް އޮފީސް
މިރޭގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، އީފާސް މެދުވެރިކޮށް އައިޑީ ކާޑު ހައްދަން ޕޯޓަލަށް ލޮގިންކުރަން ފެށުމުން އުމުރުން ދުވަސްވީ ފަރާތްތަކަށް ގިނަ ދަތިތަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ.
އަޅުގަނޑުމެން މި ދޭން ފަށާ ޚިދުމަތުގެ ޒަރިއްޔާއިން އައިޑީކާޑަކަށް ޕޯޓަލްލައިކުރާ ރައްޔިތަކަށް މި ޕޯޓަލް މެދުވެރިކޮށް އެމީހާގެ އައިޑީކާޑުގެ މިހާރުގެ ސްޓޭޓަސް އަކީ ކޮބައިކަން ބަލާލެވޭނެ. ރާއްޖެތެރޭގެ ކިތަންމެ ދުރު ރަށެއްގައި ހުރެގެން ވެސް ޕޯޓަލްލައިކުރާ އައިޑީކާޑު މާލެއިން ޕްރިންޓުކުރެވި، އެރަށަކާއި ހިސާބަށް ދެވެންދެން އޮތީ ކިހާ ހިސާބެއްގައިކަން އެނގިގެންދާނެ
އެ މަސައްކަތާއި ހަވާލުވިއިރު، އައިޑީކާޑުގެ ސްޓޭޓަސް ނޭނގިގެން ގާތްގަނޑަކަށް 3348 އައިޑީކާޑު ޕެންޑިންގައި، ޕްރިންޓު ނުކުރެވިފައި އޮތް ކަމަށް ވެސް ވިދާޅުވިއެވެ.
ނަމަވެސް، މިހާރު ޕެންޑިން 24 ގަޑިއިރަށް ވުރެ ގިނައިރު އައިޑީކާޑެއް ނޯންނާނެ ކަމަށް މިނިސްޓަރު ފަހަގަކުރެއްވިއެވެ.