ރާއްޖޭގައި ފުރަތަމަ ފަހަރަށް ގައިނެކޮލޮޖިކަލް ސާޖިކަލް ވޯކްޝޮޕެއް

ގައިނެކޮލޮޖިކަލް ސާޖިކަލް ވޯކްޝޮޕް އިފްތިތާހު ކުރުމުގެ ހަފްލާގައި ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް -- ފޮޓޯ/ އައިޖީއެމްއެޗް

އައިޖީއެމްއެޗާއި ސޮސައިޓީ އޮފް އެބްސްޓެޓްރިކްސް އެންޑް ގައިނެކޮލިޖިސްޓް އޮފް މޯލްޑިވްސް (އެސްއޯޖީއެމް) ގުޅިގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ގައިނެކޮލޮޖިކަލް ވޯކްޝޮޕެއް ފަށައިފިއެވެ.

އައިޖީއެމްއެޗުން ބުނީ ދެ ހަފުތާއަށް ދެމިގެންދާ މި ވޯކްޝޮޕް ކުރިޔަށް ގެންދިއުމަށް ޗައިނާގެ ބެއިޖިންގައި މަސައްކަތް ކުރައްވާ ތަޖުރިބާކާރު ޕްރޮފެސަރެއް ކަމަށްވާ ޑރ. ޝިއައުމިން ގޮންގް ރާއްޖެ ވަޑައިގެންފައިވާ ކަމަށެވެ. ޕްރޮފެސަރު ގިންގްއަކީ މިނިމަލް އިންވޭސިވް ގައިނެކޮލޮޖިކް ސާޖަރީ (އެމްއައިޖީއެސް)ގެ ރޮނގުގައި ފާހަގަކޮށްލެވޭ، ދުނިޔޭގެ ފެންވަރުގެ މާހިރެކެވެ. އޭނާއަކީ ރަހިމުގެ ފައިބްރޮއިޑް އެބްލޭޝަން ތެރަޕީގެ އައު މަގެއް ހުޅުވައިލި ފަރާތެއް ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

އޭނާ އަހަރަކު 500އަށްވުރެ ގިނަ ސާޖަރީ ހައްދަވާއިރު، އޭގެ ތެރެއިން 95 ޕަސެންޓަކީ މިނިމަލީ އިންވޭސިވް އުކުޅުތައް ބޭނުން ކުރައްވައިގެން އޭނާ ހައްދަވާ ސާޖަރީތައް ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ. އޭނާއަކީ ސިންގަލް-ޕޯޓް ލެޕޮރޮސްކޯޕިކް ސާޖަރީއާއި ވީ-ނޯޓްސް ސާޖަރީ އަދި ލިންސް ހިސްޓަރޮސްކޮޕިކް ރިސެކްޝަން ޓެކްނިކް ފަދަ ޕްރޮސީޖާތައް ޗައިނާއަށް ތައާރަފުކުރި ފަރާތެވެ.

ގައިނެކޮލޮޖިކަލް ސާޖިކަލް ވޯކްޝޮޕް އިފްތިތާހު ކުރުމުގެ ހަފްލާގެ ތެރެއިން: މި ވޯކްޝޮޕަކީ އަންހެނުންގެ ބަލިތަކަށް ޚާއްސަ ދިވެހި ސާޖަނުންނަށް މުހިންމު ތަޖުރިބާއަކަށް ވާނެ ކަމަށް އައިޖީއެމްއެޗުން ބުނޭ -- ފޮޓޯ/ އައިޖީއެމްއެޗް

ޕްރޮފެސަރު ގޮންގް 2009ވަނަ އަހަރުން ފެށިގެން ރަހިމުގެ ފައިބްރޮއިޑްސް އަދި އެޑިނޯމައޯސިސް ފަރުވާއަށް ހައި އިންޓެންސިޓީ ފޯކަސްޑް އަލްޓްރާސައުންޑް (އެޗްއައިއެފްޔޫ) އަދި މައިކްރޯވޭވް ރޭޑިއޯފްރީކުއެންސީ ޓެކްނިކުތައް ބޭނުންކޮށްގެން ކުރި މަސައްކަތްތަކުން މި ދާއިރާއަށް އައު ދޮރުތަކެއް ހުޅުވިފައިވާ ކަމަށް ވެސް އައިޖީއެމްއެޗުން ބުންޏެވެ.

މީގެ އިތުރުން ޕްރޮފެސަރު ގޮންގްވަނީ އެކި ބައިނަލްއަގުވާމީ ވޯކްޝޮޕްތައް އިންތިޒާމު ކުރުމުގައި ވެސް އިސް ދައުރެއް އަދާ ކުރައްވައިފައެވެ. އަދި އައިއެސްޖީއީ، އޭޕީއޭޖީއީ، އެންޑޯ ދުބާއީ، އަދި އެމްއީޖީއޯ ފަދަ ޝަރަފުވެރި ކޮންފަރެންސްތަކުގައި ލެކްޗާތައް ވެސް ދެއްވާފައިވެއެވެ.

މިދިޔަ އާދިއްތަ ދުވަހު މި ވޯކްޝޮޕް އިފުތިތާހުކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމްވަނީ ދިވެހިރާއްޖޭގައި ގައިނެކޮލޮޖީގެ ފަރުވާ ކުރިއެރުވުމަށް މި ހަރަކާތް މުހިންމު ކަމަށް ވިދާޅުވެފައެވެ.

މި ވޯކްޝޮޕުގެ ސަބަބުން ރާއްޖޭގައި އަންހެނުންގެ ޚާއްސަ ބަލިތަކުގެ ފަރުވާއަށް ލިބެންހުރި ޚިދުމަތްތައް އިތުރަށް ފުރިހަމަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އައިޖީއެމްއެޗުން ބުނީ، މި ފުރުސަތަކީ އަންހެނުންގެ ބަލިތަކަށް ޚާއްސަ ދިވެހި ސާޖަނުންނަށް މުހިންމު ތަޖުރިބާތަކެއް ލިބޭނެ ފަހި ފުރުސަތެއް ކަމަށެވެ.

comment ކޮމެންޓް