ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އިންޓަނެޓް ބޭންކިން މެދުވެރިކޮށް ރިސޯޓު، ހޮޓެލް، ގެސްޓްހައުސް އަދި ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި އެހެނިހެން ވިޔަފާރިތަކުން ބޭރުފައިސާ މާރުކުރުމަށް އެކުލަވާލައިފައިވާ ގާނޫނާއި ގަވައިދާ އެއްގޮތަށް ބޭރު ފައިސާ މާރުކުރެވޭ ޕްލެޓްފޯމެއް ތައާރަފްކޮށްފިއެވެ.
މި ޚިދުމަތަކީ ބޭރު ފައިސާގެ ގަވައިދާއި އެމްއެމްއޭގެ ކަރަންސީ ރެގިއުލޭޝަނާ އެއްގޮތްވާ ގޮތުގެ މަތިން ފެށި ޚިދުމަތެކެވެ.
މި ޕްލެޓްފޯމްގެ ޒަރީއާއިން ވިޔަފާރިތަކަށް، ގާނޫނާއި ގަވައިދުގެ ދަށުން މާރުކުރަން ޖެހޭ (މެންޑޭޓަރީ އެކްސްޗޭންޖް) ހުރިހާ މުއާމަލާތެއް ފަސޭހަކަމާއެކު ޓްރެކްކޮށް ރިވިއު ކުރުމަށް އެކްޓިވިޓީ ރިޕޯޓުން ފެންނާނެކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.
މި ޕްލެޓްފޯމު މެދުވެރިކޮށް ބޭންކަށް ޑޮލަރު މާރުކުރާނީ (ބޭންކަށް ޑޮލަރު ގަންނާނީ) 15.42 ރުފިޔާގެ ރޭޓުންނެވެ. މިއީ ބޭންކުން ޑޮލަރު ވިއްކާ އަގު ވެސް މެއެވެ.
މި އޮންލައިން ޕްލެޓްފޯމް ގާއިމުކުރުމުގެ މަގުސަދަކީ ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކަށް ލާޒިމްކޮށްފައިވާ ބޭރު ފައިސާ މާރުކުރުމަށް މަގުފަހިކޮށްދީ، ވީހާވެސް ފަސޭހަކަމާއެކު މި ޚިދުމަތް ލިބޭނެ ގޮތް ހެދުންކަމުގައި ބީއެމްއެލްއިން ވަނީ ބުނެފައެވެ.