އިއްޔެ ރާއްޖެއިން އިންޑިއާއަށް ދިޔަ މަތިންދާބޯޓެއްގައި ފޮރުވައިގެން، 3.8 މިލިއަން ރުފިޔާގެ ރަން އެތެރެކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.
އިންޑިއާގެ ނޫހެއްގައިވާ ގޮތުން، އެގައުމުގެ އެއާ ފޯސްގެ ޖާސޫސީ އިދާރާ ކަމަށްވާ އޭއައިޔޫ ވަނީ، މާލެއިން މުމްބާއީއަށް ވައިގެ މަގުން ދަތުރުކުރާ މީހަކު މަތިންދާބޯޓުގައި ރަން ފޮރުވައިފައިވާ ކަމަށް މައުލޫމާތު ލިބިފައެވެ.
އެ ބޯޓު މުމްބާއީ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސުމާއެކު އޭއައިޔޫއިން ބޯޓަށް އަރައި ފާސްކުރި ކަމަށާއި، ބޯޓުގެ ފާޚާނާގެ ކުރިމަތީގައި ހުރި ލައިޓް ޕެނަލްގެ ތެރޭގައި ރަން އަޅާފައިވާ 13 ދަބަސް ފެނުނު ކަމަށް ނޫހުގައިވެއެވެ. އޭގައި ތިން ކިލޯގެ ރަން ހުރި ކަމަށާއި އޭގެ އަގު 2.10 ކްރޯޑު ރުފީސް (3.8 މިލިއަން ރުފިޔާ)އަށް އަރާ ކަމަށް ނޫހުގައިވެއެވެ.
އެ މައްސަލައިގައި ތުހުމަތު ކުރެވެނީ ކަރުނާޓަކާއަށް ނިސްބަތްވާ އިނާމުލް ހަސަން ކިޔާ މީހަކަށެވެ. އޭނާއާ އޮފިޝަލުން ސުވާލުކުރުމުން، ފައިސާގެ ބޭނުމުގައި ރަން އެތެރެކުރި ކަމަށް އެއްބަސްވި ކަމަށް ޓައިމްސް އޮފް އިންޑިއާގައިވެއެވެ.
އިންޑިއާގެ ފްރީ ޕްރެސް ޖާނަލްގައި ކަސްޓަމްސްއާ ހަވާލާދީ ބުނެފައިވާ ގޮތުން، އެ ކުށުގައި އެއާޕޯޓުގެ މުވައްޒަފުންތަކެއް ބައިވެރިވާ ކަމަށް ވެސް ތުހުމަތު ކުރެވެއެވެ.
އިންޑިއާގެ އޮފިޝަލުން މިހާރު ދަނީ 24 އަހަރުގެ އެ މީހާ ރަން ހޯދި ގޮތާއި އެ ރަން ފޮނުވަން އުޅުނީ ކޮން ބަޔަކަށް ކަން ހޯދަން މަސައްކަތް ކުރަމުންނެވެ.