ޕިޔޮންގް ޔަންގް (26 ޖަނަވަރީ 2025): އުތުރުކޮރެއާ މިހާތަނަށް ތަޖުރިބާ ކޮށްފައިނުވާ ފަދަ ބާރުގަދަ މިސައިލެއް އިއްޔެ ތަޖުރިބާކުރުމާއެކު އެގައުމުގެ ޒައީމް ކިމް ޖޮންގް އުން އާ ބައްދަލުކުރަން ތައްޔާރަށް ހުންނެވިކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހާމަކުރައްވައިފިއެވެ.
ޓްރަމްޕް ވިދާޅުވީ ކިމްއަކީ ވިސްނުން ތޫނު ބޭފުޅެއް ކަމުގައެވެ. ރިޔާސީ ފުރަތަމަ ދައުރުގައި ބައްދަލުކުރި ގޮތަށް ރިޔާސީ ދެވަނަ ދައުރުގައިވެސް ކިމް އާ ބައްދަލުކުރަން ޝައުގުވެރިވެ ވަޑައިގަންނަވާ ކަމުގައެވެ. ނަމަވެސް ކިމް އާ ބައްދަލުކޮށްގެން ނެރެން ބޭނުންވާ ނަތީޖާ ޓްރަމްޕް ވިދާޅެއް ނުވެއެވެ. އަދި ބައްދަލުކުރަން ގަސްދުކުރާ ތާރީޚެއްވެސް ވިދާޅެއް ނުވެއެވެ.
އުތުރުކޮރެއާގެ ރަސްމީ ނޫސްއެޖެންސީ ހާމަކޮށްފައިވާ ގޮތުގައި އެގައުމުގެ ސިފައިން އިއްޔެ ތަޖުރިބާކުރީ ސްޓްރެޓީޖިކް ކްރޫޒް މިސައިލްއެކެވެ. މިއީ ސްޓްރެޓިޖިކް ހަތިޔާރު އުފައްދައި އޭގެ ޓެކްނޮލޮޖީ އިތުރަށް ތަރައްގީ ކުރުމަށް އެގައުމުން ހިންގާ ޕްރޮގްރާމުގެ ބައެއްކަމަށް އުތުރުކޮރެއާގެ ސެންޓްރަލް ނިއުސް އެޖެންސީ ބުނެފައިވެއެވެ.
އުތުރުކޮރެއާގެ އަސްކަރިއްޔާ ބުނާގޮތުން މިއީ ދޮޅުހާސް ކިލޯމީޓަރުގެ ރާސްތާގެ ކްރޫޒް މިސައިލެކެވެ. ރީނދޫ ކަނޑުގައިވާ އުތުރުކޮރެއާގެ މަނަވަރަކުން ފޮނުވާލި މިމިސައިލް ދޮޅުހާސް ކިލޯމީޓަރު ހުރަސްކޮށް އޭގެ އަމާޒަށް ވާސިލްވާން ނެގީ 125 ވަރަކަށް މިނިޓް ކަމަށާއި އެކްސްޓްރީމް ޕްރެސިޝަންކޮށް އޭގެ އަމާޒަށް މިސައިލް ވާސިލްވި ކަމަށް އެ އެޖެންސީ ބުނެފައިވެއެވެ.
އަދި މިއީ ދިފާއީ މިސައިލެއްކަމަށާއި އުތުރުކޮރެއާއަށް ގޯނާ ނުކުރާ ގައުމަކާ އަދި އެގައުމާ ދުޝްމަންކަން ނުގެންގުޅޭ ގައުމަކަށް އެއްވެސް ބިރެއް ނޯންނާނެކަމަށްވެސް ބުނެފައިވެއެވެ.
ރިޕޯޓްތައް ބުނާގޮތުން ޔުކްރެއިން ހަނގުރާމައާއެކު ރަޝިއާ އާއި އުތުރުކޮރެއާ އާ ދެމެދު އުފެދިފައިވާ އަސްކަރީ އަދި އިގްތިސާދީ ގުޅުންތަކަށްފަހު އުތުރުކޮރެއާ ގެންދަނީ އެގައުމުގެ އަސްކަރީ ޓެކްނޮލޮޖީ ތަރައްގީ ކުރުމުގައި ކުރިޔަށްވުރެ ބޮޑެތި ކުރިއެރުންތަކާއި ކާމިޔާބީތައް ހޯދަމުންނެވެ.
ކުރިން އުތުރުކޮރެއާ ތަޖުރިބާކުރާ މިސައިލްތައް އޭގެ އަމާޒަށް ވާސިލް ވުމުގެ ކުރިން ވެއްޓުންފަދަ ޓެކްނިކަލް މައްސަލަތައް ވަރަށް ގިނައިން ކުރިމަތިވެއެވެ. ނަމަވެސް މިހާރު އުތުރުކޮރެއާގެ މިފަދަ ތަޖުރިބާތައް ވަރަށް ސޮފިސްޓިކޭޓެޑްކޮށް ކުރަމުން ގެންދާތަން ދަނީ ފެންނަމުންނެވެ. މި ކުރިއެރުންތަކާއެކު ދާދިފަހުން އުތުރުކޮރެއާ ވަނީ ޖައްވަށް ކާމިޔާބުކަމާއެކު ސެޓަލައިޓެއް ފޮނުވާލާފައެވެ.
މީގެ ދެއަހަރެއްހާ ދުވަސްކުރިން ޖައްވަށް ސެޓަލައިޓް ފޮނުވުމަށް އުތުރުކޮރެއާ ގިނަތަޖުރިބާތަކެއް ކުރިނަމަވެސް އެހުރިހާ ތަޖުރިބާ ތަކެއްވެސްވަނީ ނާކާމިޔާބުވެފައެވެ. މިހާރު އުތުރުކޮރެއާ ހިމެނެނީ ކާމިޔާބުކަމާއެކު ޖައްވަށް ސެޓަލައިޓް ފޮނުމުގެ ގާބިލްކަން ލިބިފައިވާ މަދުގައުމުތަކުގެ ތެރޭގައެވެ.
ޔުކްރެއިން އާ ދެކޮޅަށް ރަޝިއާ ކުރަމުންގެންދާ ހަނގުރާމައިގާ ރަޝިއާއަށް އެހީވުމަށް އުތުރުކޮރެއާ އިން ސިފައިން ފޮނުވާކަމަށް ނޭޓޯއާއި ޔުކްރެއިން ބުނެއެވެ. ނަމަވެސް އުތުރުކޮރެއާއާއި ރަޝިއާ މިކަން ކަށަވަރުކޮށެއް ނުދެއެވެ. އުތުރުކޮރެއާ ބުނާގޮތުން ރަޝިއާއަށް ސިފައިން ފޮނުވަނީ ހަނގުރާމައިގެ އަމަލީ ތަމްރީންތަކާއި ތަޖުރިބާތައް ލިބިގަތުމަށެވެ.
ޓްރަމްޕްގެ ފުރަތަމަ ދައުރުގެ ވެރިކަމުގައި އޭނާވަނީ ދެފަހަރެއްގެ މަތިން އުތުރުކޮރެއާގެ ޒައީމް ކިމް ޖޮންގް އުން އާ ބައްދަލުކުރައްވާފައެވެ. ނަމަވެސް ޓްރަމްޕް އެދިވަޑައިގެންނެވި ގޮތަށް އުތުރުކޮރެއާ އާ ދެކޮޅަށް އެމެރިކާ އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދޭން އެމެރިކާ ފަސްޖެހުމުން ދެބޭފުޅުންގެ ބައްދަލުކުރެއްވުންތަކުން އެއްވެސް ނަތީޖާއެއް ނެރެވިފައެއް ނުވެއެވެ.