މަޑުމަޑުން ފޯމަކަށް އެޅެމުން އަންނަ އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން ފަހަތުން އަރައި ޗެލްސީ ބަލިކޮށްފިއެވެ.
ސިޓީގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ ފަހަތުން އަރައި 3-1 އިންނެވެ.
މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ، ގިނަ ހަމަލާ އުފައްދާފައިވަނީ ސިޓީންނެވެ. މެޗުގެ ފެށުން ރަނގަޅުވީ ޗެލްސީގެއެވެ.
ހަސަނޯވް ސިޓީގެ ކީޕަރު އެޑިސަންއަށް ބޮލުން ޖައްސާލަން އުޅުނު ބޯޅަ ލިބުނީ ޗެލްސީގެ ފޯވަޑް ކިނޮލަސް ޖެކްސަނަށެވެ. އޭނާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ނޯނީ މަޑުއަކީވަނީ މެޗުގެ ތިންވަނަ މިނެޓުގައި ޗެލްސީއަށް ލީޑު ނަގައިދީފައެވެ. މި ލަނޑު ޖެހިތާ މާ ގިނައިރުތަކެއްނުވެ، ކޯލް ޕާމާއަށް ޗެލްސީގެ ލީޑު ފުޅާކޮށްދޭނެ ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އެކަން ވާގޮތެއް ނުވިއެވެ.
ނަތީޖާއަކަށްވީ މެޗު ކުރިއަށް ދިޔަ ވަރަކަށް ސިޓީން މެޗުގެ ތެރެއަށް ވަދެ، އެ ޓީމުގެ ކުޅުން ރަނގަޅުކުރުމެވެ. ސިޓީންވަނީ ނުރައްކާތެރި ހަމަލާތަކެއް އުފައްދާފައެވެ.
ސިޓީއަށް މީގެ ދެ ދުވަސް ކުރިން ސޮއިކުރި އޮމަރު މަރްމޫޝް ލަނޑެއް ކާމިޔާބުކުރި ނަމަވެސް އެ ލަނޑުވަނީ އޮފް ސައިޑް ކަމަށް ދައްކާފައެވެ. މެޗުގައި ސިޓީން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗުގެ 42 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖޮސްކޯ ގުވާޑިއޯލެވެ.
ސިޓީގެ ދެވަނަ ލަނޑު މެޗުގެ 68 ވަނަ މިނެޓުގައި ކާމިޔާބުކޮށްދީފައިވަނި އާލިން ހާލަންޑެވެ. މިއީ އޭނާ މި ފަހަރު ލީގުގައި ކާމިޔާބުކުރި 18 ވަނަ ލަނޑެވެ. ސިޓީގެ ފަހު ލަނޑު މެޗުގެ 87 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފިލް ފޯޑެންއެވެ.
މި ކާމިޔާބީއާ އެކު ސިޓީ މިހާރުވަނީ 41 ޕޮއިންޓާ އެކު ހަތަރުވަނައަށް ކުރިއަށް ޖެހިލާފައެވެ. ޗެލްސީ އޮތީ 40 ޕޮއިންޓާ އެކު ހަވަނައިގައެވެ.
މުބާރާތުގައި ނިއުކާސްލް ޔުނައިޓެޑާއި ސައުތެމްޕްޓަން ބައްދަލުކުރި މެޗު 3-1 އިން ކާމިިޔާބުކޮށްފައިވަނީ ނިއުކާސްލެވެ. މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 10 ވަނަ މިނެޓުގައި ޖަހައި، ލީޑު ނަގާފައިވަނީ ސައުތެމްޕްޓަންއެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޔާން ބެޑްނަރެކެވެ. ނަމަވެސް، އެލެގްޒެންޑާ އިސާކްވަނީ މެޗުގެ 26 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އޭގެ ހަތަރު މިނެޓް ފަހުން އިސާކް ވަނީ މެޗުގެ ލީޑު ނިއުކާސްލަށް ނަގައިދީފައެވެ. މެޗުގައި ނިއުކާސްލްގެ ފަހު ލަނޑު މެޗުގެ 51 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ސަންޑްރޯ ޓޮނާލީއެވެ.
މި ކާމިޔާބީއާ އެކު ނިއުކާސްލް އޮތީ 41 ޕޮއިންޓާ އެކު ފަސްވަނައިގައެވެ. އެއީ، ހަތަރު ވަނައިގައި އޮތް ސިޓީއާ އެއްވަރަށް ޕޮއިންޓް ލިބި ނަމަވެސް ޖަހާފައިވާ ލަނޑަށް ބަލާއިރު ސިޓީއަށް ކުރި ލިބޭތީއެވެ. ސައުތެމްޕްޓަން އޮތީ ހަ ޕޮއިންޓާ އެކު އެންމެ ފުލުގައެވެ.