އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ކުރަމުންދިޔަ ހަނގުރާމަ ނިމުމަކަށް ގެނައުމުގެ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގައި އިސްރާއީލުގެ ހަތަރު އަންހެން ސިފައިން މިނިވަންކޮށްފިއެވެ.
އަދި އެ މީހުންގެ ބަދަލުގައި އިސްރާއީލުގެ ޖަލުތަކުގައި ތިބި 200 މީހަކު ވަނީ މިނިވަންކޮށްފައެވެ.
މިއީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން އަސީރުން މިނިވަންކުރި ދެވަނަ ފަހަރެވެ. ފުރަތަމަ ފަހަރު, ރަހީނުކޮށްފައިވާ އިސްރާއީލުގެ ތިން މީހުންނާއި ފަލަސްތީނުގެ 90 ގައިދީން ވަނީ ދޫކޮށްލާފައެވެ. އިސްރާއީލުން ޣައްޒާ ހަނގުރާމަ ހުއްޓާލާފައި ވަނީ މި މަހުގެ 19ވަނަ ދުވަހެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ އަސީރުން އަންހެނުން އަނބުރާ އިސްރާއީލަށް ގެނައުމަށްފަހު، އާއިލާއާ ބައްދަލުކުރުވާނެ ކަމަށެވެ. މިނިވަންކުރި އިސްރާއީލުގެ މީހުންނަކީ އުމުރުން 20 އަހަރުގެ ކަރީނާ އަރިއެވް، ޑެނިއެލާ ގިލްބޯއާ، ނާމާ ލެވީ އަދި އުމުރުން 20 އަހަރުގެ ލީރީ އަލްބާގްއެވެ.
އަސީރުން ދޫކޮށްލި ނަމަވެސް ދޫކޮށްލި މީހުންގެ ތެރޭގައި ކުރިން ދޫކޮށްލާނެ ކަމަށް ބުނެފައިވާ އާބެލް ޔަހޫދު ނުހިމެނޭތީ، އިސްރާއީލުން ވަނީ ހަނގުރާމަ ހުއްޓާލުމުގެ ޝަރުތުތަކާ ހަމާސްއިން ހިލާފުވެފައިވާ ކަމަށް ތުހުމަތު ކޮށްފައެވެ.
އިސްރާއީލުން ދޫކޮށްލި 200 ގައިދީންގެ ތެރޭގައި ކުށުގެ އަދަބު ބޮޑު ކަމަށްބުނެ، މިސްރު މެދުވެރިކޮށް ވަގުތުން އެހެން ގައުމުތަކަށް ފޮނުވާލި 70 މީހުން ވެސް ހިމެނެއެވެ.
ބައެއް ގައިދީން ޣައްޒާއަށް ބަދަލުކުރާއިރު، އަނެއް ބަޔަކަށް ހިފާފައިވާ ހުޅަނގު އައްސޭރިއާއި އިރުމަތީ ގުދުސްގައި ހުންނަ އެމީހުންގެ ގެތަކަށް ދިއުމުގެ ހުއްދަ ދޭނެއެވެ.
ފަލަސްތީނުގެ ޕްރިޒަނާސް ކްލަބް އެޑްވޮކަސީ ގްރޫޕުން ބުނި ގޮތުގައި ދޫކޮށްލަން ޖެހޭ މީހުންގެ ތެރޭގައި އިސްރާއީލުގެ ބަންދުގައި، މެދުކެނޑުމެއް ނެތި އެންމެ ދިގު މުއްދަތެއް ހޭދަކޮށްފައިވާ ފަލަސްތީނު މީހާ ކަމަށްވާ، އުމުރުން 69 އަހަރުގެ މުހައްމަދު އަލް ތޫސް ވެސް ހިމެނޭ ކަމަށެވެ.
ފަލަސްތީނުގެ ކުރީގެ ރައީސް ޔާސިރު އަރަފާތު އުފެއްދެވި ފަތަހަ ޖަމާއަތުގެ މެންބަރެއް ކަމަށްވާ މުހައްމަދަކީ 1985ވަނަ އަހަރުން ފެށިގެން ޖަލުގައި ހުންނަ މީހެކެވެ.