އިންޑިއާއިން ހިންގާ ޖަމްމޫ އެންޑް ކަޝްމީރުގައި ގޮތް ނޭގޭ ބައްޔެއް ފެތިރެމުންދާ ކަމަށާއި އެ ބަލީގައި 17 މީހުން މިހާތަނަށް މަރުވެފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
ޑިސެމްބަރު މަހުގެ ކުރީކޮޅުން ފެށިގެން ފެތުރެމުންދާ އެ ބަލީގައި މަރުވި މީހުންގެ ތެރޭގައި 13 ކުޑަކުދިން ހިމެނެއެވެ.
ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި)ގެ ނޫސް އޭޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި ބަލި ފެތުރެމުންދާ ސަރަހައްދުގައި ކޮންޓެއިންމަންޓް ޒޯނެއްގެ ގޮތުގައި އިއުލާންކޮށްފައިވާއިރު، ގާތްގަނޑަކަށް 230 މީހުން ވަނީ ކަރަންޓީނުކޮށްފައެވެ.
މަރުވި މީހުންގެ ސިކުނޑިއާއި ނާރުތަކުގެ ނިޒާމަށް ގެއްލުން ލިބިފައިވާ ކަމަށް ރާޖޫރީގެ ސަރުކާރުގެ މެޑިކަލް ކޮލެޖުގެ އިސްވެރިޔާ އަމަރްޖީތު ސިންގް ބާޓިއާ ވިދާޅުވިއެވެ.
ބަލީގެ ސަބަބުން ފިނި މޫސުމުގައި ލިބޭ ޗުއްޓީ ވެސް ކެންސަލްކޮށްފައިވާ ކަމަށް ބާޓިއާއާ ހަވާލާދީ ޕީޓީއައިއިން ބުނެފައިވެއެވެ.
އެ ހާދިސާގައި މަރުވި މީހުންނަކީ ގުޅުންހުރި ތިން އާއިލާއެއްގެ މީހުންނެވެ.
ފެޑެރަލް ސަރުކާރުން ބައްޔާ ގުޅޭ ތަހުގީގެއް ފަށާފައިވާއިރު، ސިއްޙަތާބެހޭ ވަޒީރު ޖިތެންދްރާ ސިންގް ވިދާޅުވީ ފުރަތަމަ ތަހުގީގުން ދައްކާ ގޮތުގައި މީހުން މަރުވެފައި ވަނީ އިންފެކްޝަނެއް، ވައިރަހެއް ނުވަތަ ބެކްޓީރިއާއެއްގެ ސަބަބުން ނޫން ކަމަށާއި ބޮޑަށް ބެލެވެނީ ވިހައެއްގެ ސަބަބުން ކަމުން ކަމަށެވެ.
"ވިހަ މާއްދާތަކުގެ ދިގު ސިލްސިލާއެއް ޓެސްޓް ކުރަމުން އެބަދޭ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ވަރަށް އަވަހަށް ހައްލެއް ހޯދޭނެ. މީގެ އިތުރުން އެއްވެސް މަކަރާއި ހީލަތެއް ނުވަތަ ނުބައި ހަރަކާތެއް ހިނގާފައިވާ ނަމަ އެކަން ވެސް ދަނީ ތަހުގީގު ކުރަމުން ދާނަން," ސިންގްއާ ހަވާލާދީ ޕީޓީއައި އިން ބުނެފައިވެއެވެ.
ޖައްމޫއާއި ކަޝްމީރުގައި ބަލި ފެތުރެމުންދާއިރު، އިންޑިއާގެ ހުޅަނގުގެ ސިޓީއެއް ކަމަށްވާ ޕޫނޭއިން މަދުން ނޫނީ ނުފެންނަ ވައްތަރެއްގެ ނާރުގެ ބައްޔެއްގައި 73 މީހުން މަރުވެފައިވާ ކަމަށް ވެސް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
އެ ބަލި ޖެހިފައިވާ މީހުންގެ ތެރޭގައި 26 އަންހެނުން ހިމެނޭއިރު، އޭގެ ތެރެއިން 14 ބަލިމީހުން ތިބީ ވެންޓިލޭޓަރުގެ ސަޕޯޓުގައިކަމަށް ޕީޓީއައި އިން އޮފިޝަލަކާ ހަވާލާދީ ބުނެފައިވެއެވެ.
އެ ބަލީގައި އިންސާނާގެ ދިފާއީ ނިޒާމު ޕެރިފެރަލް ނާރުތަކަށް ހަމަލާދޭ ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އިން ބުނެއެވެ.
މި ސިންޑްރޯމްގެ ސަބަބުން މަސްތަކުގެ ހަރަކާތް ކޮންޓްރޯލްކުރާ ނާރުތަކަށް އަސަރުކޮށް، މަސްތައް ބަލިކަށިވެ، ފައި ނުވަތަ އަތުގައި އިހުސާސްތައް ގެއްލި، ނޭވާލާން އުނދަގޫވުން ފަދަ ކަންކަން މެދުވެރިވެދާނެއެވެ.