މުސްލިމުންގެ އާބާދީ ބޮޑު ގައުމުތަކަށް އަމާޒުކޮށް ޓްރަމްޕްގެ ގަރާރެއް

މުސްލިމުންގެ އާބާދީ ބޮޑު ގައުމުތަކަށް އަމާޒުކޮށް ޓްރަމްޕް ވަނީ އަނެއްކާވެސް ގަރާރެއް ނެރުއްވާފައި -- ފޮޓޯ/ރޮއިޓާސް

މުސްލިމުންގެ އާބާދީ ބޮޑު ގައުމުތަކުން މީހުން އެމެރިކާއަށް ދިޔުން މަނާކުރުމަށް މަގުފަހިވާ ފަދަ ގަރާރެއްގައި ރައީސް ޑޮނަލްޑް ޓްރަމްޕް އަނެއްކާވެސް ސޮއިކުރައްވާފައިވާ ކަމުގެ ކަންބޮޑުވުން، މަދަނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ފާޅުކޮށްފިއެވެ.

ހޯމަ ދުވަހު ނެރުނު އެ ގަރާރާ ގުޅޭ ގޮތުން ކަމާ ބެހޭ މާހިރުންގެ ކަންބޮޑުވުމަކީ، އެމެރިކާގައި ތިބި ފަލަސްތީނަށް ތާއިދުކުރާ ބިދޭސީންނަށް ފިޔަވަޅު އެޅުމަށް އެ ގަރާރު ބޭނުންކޮށްފާނެތީއެވެ.

ޓްރަމްޕްގެ ފުރަތަމަ ދައުރުގައި 2017 ވަނަ އަހަރު ވެސް އެފަދަ ގަރާރެއް ނެރުއްވިއެވެ.

އިންޓަނޭޝަނަލް ރެފިއުޖީ އެސިސްޓެންސް ޕްރޮޖެކްޓް (އައިރާޕީ)ގެ ވަކީލު ދީޕާ އަލަގޭސަން ވިދާޅުވީ އާ ގަރާރަކީ ކުރީގެ ގަރާރަށްވުރެ ވެސް މާ ނުރައްކާތެރި ގަރާރެއް ކަމަށެވެ.

"މީގަ އަދި އެންމެ ގޯސް ކަމަކީ އެމެރިކާއިން ބޭރުގެ މީހުން އެމެރިކާއަށް ވަނުން މަނާކުރުމެއް ނޫން. އެމެރިކާއިން މީހުން ނެރުމަށް އަސާސެއްގެ ގޮތުގައި މި ގަރާރު ބޭނުންކުރުން،" ދީޕާ ވިދާޅުވިއެވެ.

އާ އަމުރުގައި ބުނެފައިވަނީ، މައުލޫމާތު މަދުން ލިބެން ހުރި ގައުމުތަކުގެ ލިސްޓެއް އެކުލަވާލުމަށާއި އެ ލިސްޓުގައި ހިމެނޭ ގައުމުތަކުގެ މީހުން އެމެރިކާއަށް ވަނުން ހުއްޓުވޭނެ ކަމަށެވެ.

މީގެ އިތުރުން 2021 ވަނަ އަހަރުން ފެށިގެން، ކުރީގެ ރައީސް ޖޯ ބައިޑެންގެ ވެރިކަމުގައި އެ ގައުމުތަކުން އެމެރިކާއަށް ވަދެފައިވާ މީހުން ދެނެގަނެ، އެ މީހުންގެ ހަރަކާތްތަކާ ގުޅޭ މައުލޫމާތު އެއްކުރުމަށް ވެސް އެ ގަރާރުގައިވެއެވެ.

ހަމައެއާއެކު، އެމެރިކާގައި ދިރިއުޅޭ ބިދޭސީން ހިމެނޭ ގޮތަށް، ބޭރުގެ ރައްޔިތުން އެމެރިކާގެ ރައްޔިތުންނާއި ސަގާފަތާ މެދު ނުވަތަ ސަރުކާރާ މެދު ޢަދާވާތްތެރިކަން ގެންގުޅޭ ނަމަ އަދި ޓެރަރިސްޓުން ކަމުގައި އެމެރިކާއިން ކަނޑައަޅާފައިވާ ޖަމާއަތްތަތަކާ އެއްކޮޅަށް ވަކާލާތު ކުރާ ނަމަ ފިޔަވަޅު އެޅުމަށް ގަރާރުގައިވެއެވެ.

އެމެރިކަން-އަރަބް އެންޓި ޑިސްކްރިމިނޭޝަން ކޮމިޓީ (އޭޑީސީ) އިން ބުނީ މި އަމުރަކީ 2017 ވަނަ އަހަރު ނެރުނު ގަރާރަށްވުރެ މާ ވަރުގަދަ ގަރާރެއް ކަމަށާއި، ވިސާ މަނާކޮށް އެމެރިކާއިން މީހުން ބޭލުމަށް މަގުފަހިވާ ގަރާރެއް ކަމަށެވެ.

comment ކޮމެންޓް