ނުވަދިހައިގެ އަހަރުތަކުގައި ވަރުގަދަ އެކްޝަން ފިލްމުތައް ކުޅެ ބެލުންތެރިންގެ މަގުބޫލުކަން ލިބުނު އެކްޓަރު ސަނީ ޑިއޯލްގެ އެފަދަ ފިލްމެއް މި އަހަރުގެ އޭޕްރިލް މަހު ސިނަމާތަކަށް ގެންނަން ނިންމައިފިއެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އިއުލާނުކޮށް މަސައްކަތް ފެށި މި ފިލްމަކީ "ޖާޓު"ގެ ނަމުގައި އުފައްދާ ވަރަށް ވަރުގަދަ އެކްޝަން ތުރިލާއެކެވެ. މި ފިލްމުގެ މަސައްކަތް ނިމި ޕޯސްޓު ޕްރޮޑަކްޝަން މަރުހަލާގައި ފިލްމު އޮތްއިރު މި ފިލްމުގެ ޓީޒާއެއް މިދިޔަ ޑިސެމްބަރު މަހުތެރޭ ބެލުންތެރިންނަށް ވަނީ ދައްކާލާފައެވެ.
އާއްމުކޮށް ސަނީގެ ފިލްމުތަކުގައި އެކްޝަން ސީންތަކުން އެކްޓަރު ފެންނާނީ އަބަދުވެސް ބަރު ހަތިޔާރު ނޫނީ އެފަދަ ކޮންމެވެސް އެއްޗެއް ބޭނުންކުރާ މަންޒަރެވެ.
އެގޮތުން 2023 ވަނަ އަހަރު ރިލީޒްކޮށް ބޮޑު ކާމިޔާބީއެއް ހޯދި ސަނީގެ ފިލްމު "ގަދަރު 2"ގެ ޓީޒާއިން ސަނީ ދައްކައިލީ އިންޑިއާގައި ތަކެތި އެއްތަނުން އަނެއް ތަނަށް އުފުލުމަށް ބޭނުންކުރާ ވަރުގަދަ ގާޑިޔަލެއްގެ ބަރު ފުރޮޅު ހިއްލާލާ މަންޒަރެވެ.
ފިލްމު "ޖާޓު"ގެ ޓީޒާއިން ސަނީ ދައްކައިލިއިރު ފެންނަނީ އިންތިހާއަށް ރުޅިވެރިކަމާ އެކު، ބަރު ފަންކާއެއް އުފުރާލުމަށްފަހު ހަމަލާއަކަށް ތައްޔާރުވާ މަންޒަރެވެ. ސަނީގެ މިފަދަ އެކްޝަން ސީންތަކަކީ ޓްރެންޑްވެ އާއްމުންނަށް ވަރަށް ގިނަ ދުވަސް ވަންދެން ހަނދާނުން ފޮހެނުލެވޭ މަންޒަރުތަކެކެވެ.
ޖުމްލަ 12 މިލިއަން ޑޮލަރުގެ ބަޖެޓަކުން އުފައްދާފައިވާ މި ފިލްމުން ސަނީއާ އެކު ފެންނާނެ އެކްޓަރުންގެތެރޭ ރަންދީޕް ހުޑާ، ސައްޔާމީ ހޭރް، ވިނީތު ކުމާރު ސިންގް، އުޕެންދުރަ ލިމާޔޭ އަދި ވިނީތު ކުމާރު ސިންގް ހިމެނެއެވެ.
ސަނީގެ މި ފިލްމު ބެލުންތެރިންނަށް ގެނެސްދޭން ތާވަލުކޮށްފައި ވަނީ މި އަހަރުގެ އޭޕްރިލް މަހުގެ 10 ވަނަ ދުވަހެވެ.