އޭސީސީގެ މެޮޑެލް އޮތީ ރަނގަޅަކަށް ނޫން، މައްސަލައަކީ ނިންމުންތައް ނިންމަން ފަސްޖެހުން: ނާޒިމް

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އޮތީ އެންމެ ރަނގަޅު މޮޑެލްގެ ގޮތުގައި ކަމަށް މިހާރު ގަބޫލުނުކުރެއްވޭ ކަމަށާއި، މައްސަލައަކީ ނިންމުންތައް ނިންމުމުގައި ފަސްޖެހުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ސަން އޮންލައިންގެ 'އެޑިޓަރުގެ ސުވާލު' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން އޭސީސީގެ މައްސަލަ ވަރަށް ގިނަ ގޮތްގޮތުން ބަލައިފި ކަމަށެވެ. އެގޮތުން އެނގުނު އެއްޗަކީ، ފަސް މެންބަރުންގެ ކޮމިޝަނަކުން ރާއްޖޭގައި އޭސީސީގެ މޮޑެލް ހެދިފަ އޮތްއިރު އެއީ އެންމެ ރަނގަޅު މޮޑެލް ކަމަކަށް މިހާރު ގަބޫލު ނުކުރެވޭކަން ކަމަށެވެ.

"އަޅުގަނޑުމެންނަށް މި ދައުރު ފެށީންސުރެ ވެސް ވަކިން ތިން ކޮމެޓީއެއްގެ މުގައްރިރުން އޭސީސީގެ ރައީސާ ވަކިން މީޓިންއެއް ބާއްވައިފިން. އަޅުގަނޑުމެން ތި ހާޑް ސުވާލުތައް ކޮށްފިން. ކޮބައިތޯއޭ މައްސަލައަކީ؟ ކިހިނެއްވެގެންތޯއޭ މިކަން ނުވެގެން މިއުޅެނީ؟" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއާއި، ސަލާމަތީ ޚިދުމަތްތަކާ ބެހޭ 241 ކޮމިޓީ އަދި އެސްއޯއީ ކޮމިޓީގެ ރައީސުންނާއެކު އޭސީސީއާ ބައްދަލުކުރެއްވި ކަމަށެވެ. އޭސީސީއަށް ނަތީޖާ ނުނެރެވެނީ ކީއްވެކަން ވަރަށް ސާފުކޮށް ނާޒިމް ވަނީ ބަޔާންކޮށްދެއްވައިފައެވެ.

އޭސީސީއިން ނޫސްވެރިންނާއި ބައްދަލު ކުރެއްވުން --

އޭސީސީގެ މެންބަރުންނަކީ މެރިޓް އުސޫލުން ބަލައި ވަރަށް 'ކޮލިފައިޑް' ރަނގަޅު ބޭފުޅުން ކަމަށް ނާޒިމް ވިދާޅުވިއެވެ. އެހެންނަމަވެސް މަސައްކަތުން އެ ނަތީޖާ ނުފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ. ސަބަބަކީ މަސްއޫލިއްޔަތު ރަނގަޅަށް އަދާނުކުރެވުން ކަމަށް ނާޒިމް ވިދާޅުވިއެވެ.

"މިއީ މައްސަލައަކީ. ހަމަ މީހުންގެ މައްސަލަ މި މައްސަލައަކީ. ނިންމުންތައް ނިންމަން ނުކެރެނީ. ނޫނީ ފަސްޖެހެވެނީ. ނޫނީ އެބޭފުޅުންގެ ގާބިލުކަން ނެތީ. މިބޭފުޅުން [އޭސީސީން] މަގާމުގެ މަސްއޫލިއްޔަތު އަދާކުރާނަމަ މިކަންކަން ވެފަ [މައްސަލަތައް ބެލިފަ] ހުންނަންވާނީ،" ނާޒިމް ވިދާޅުވިއެވެ.

"އެހެންނަމަވެސް ކުރީ ސަރުކާރުތަކާ ޚިލާފަށް މިހާރު މި ސަރުކާރުގަ ފިޔަވަޅު އަޅުއްވަން ކެރިވަޑައިގެން ފިޔަވަޅު އަޅުއްވާތަން. މިސާލަކަށް އެޗްޑީސީގެ މައްސަލަ ކަމަށް ވިޔަސް، ފިއުލް ސަޕްލައިގެ މައްސަލައަށް ކަމަށް ވިޔަސް، އަދި މިހާރު 241 ކޮމިޓީން މިހާރު ބަލަމުންދާ ކަސްޓަމުގެ މައްސަލަ ކަމަށް ވިޔަސް،" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ މަޖިލީހުން ތިބީ އެއްގޮތަކަށް ވެސް އެކަމާ ދޫދޭ ގޮތަކަށް ނޫން ކަމަށެވެ. ގައުމުގެ ކަންކަން އިސްލާހުކުރާނަމަ އެކަހަލަ ކަންތައްތައް އިސްލާހުވާންޖެހޭ ކަމަށާއި އެނގިގެން ފިޔަވަޅު ނާޅައެއް ވެސް ނުތިބޭނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ސަން އަށް އިންޓަވިއޫ ދެއްވަނީ: އޭނާ ވިދާޅުވީ، އޭސީސީގެ މެޮޑެލް އޮތީ ރަނގަޅަކަށް ނޫން ކަމަށް -- ފޮޓޯ/ މަޖިލީސް

ނާޒިމް ވިދާޅުވީ ސިޔާސީ އުސޫލު ފިޔަވައި، މެރިޓް އުސޫލުން ވެސް ތަންތަނަށް މީހުން އައްޔަނުކުރައްވާފައި އެބަހުރި ކަމަށެވެ. ނަމަވެސް ޒިންމާތައް އަދާކުރެވޭނެ މީހުންނާއި ނުކުރެވޭ މީހުންނަކީ ތަފާތު ބައެއް ކަމަށާއި، އެކަމުގައި ބަސް ބުނުމުން ގޯސް ވާނީ އެ ބަސް ބުނާ މީހެއް ކަމަށް ނާޒިމް ވިދާޅުވިއެވެ. ނަމަވެސް ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތާ އެއްގޮތަށް ފިޔަވަޅު އަޅަންޖެހޭ މީހުންނާއި ދޭތެރޭ ފިޔަވަޅު އަޅުއްވާނެ ކަމުގެ ޔަގީންކަން ނާޒިމް ވަނީ ދެއްވައިފައެވެ.

"އަޅުގަނޑުމެން ކޮމިޓީން ކެރިގެން ނިންމާފައި، މަޖިލީހުގެ ތަޅުމުން ފާސްކޮށް، ނޫނީ ގައުމީ ސަލާމަތާ ބެހޭ ކަމަކަށް ވެގެން އެ ހާމަކުރެވެން ނެތް ކަމެއް ކަމަށް ވާނަމަ ސީދާ ރައީސުލްޖުމްޙޫރިއްޔާއަށް އަޅުގަނޑުމެން ދަންނަވާނަން މިގޮތަކަށް މިކަންކަން ހުރެގެން މިކަންކަމެއް ނުވާނެއޭ. މިކަންކަން ރަނގަޅު ކޮށްދެއްވާށޭ،" ނާޒިމް ވިދާޅުވިއެވެ.

އޭސީސީގައި ބޮޑެތި ކޮރަޕްޝަންގެ މައްސަލަތައް ނުބެލި، އެއްވެސް ފިޔަވަޅެއް ނޭޅި، ކަންތައްތައް ދޫވެގެން ދާ މައްސަލައަކީ އަބަދުވެސް ދެކެވޭ ވާހަކައެކެވެ. ކޮންމެ ސަރުކާރަކުން ވެސް ވެރިކަމަށް އައުމުގެ ކުރިން ދައްކާ އެއް ވާހަކައަކީ އޭސީސީ މިނިވަންކަމާއެކު ހިންގާނެ ވާހަކައާއި ގައުމުގައި ހުރި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް ބަލާނެ ވާހަކައެވެ. ނަމަވެސް މިހާތަނަށް އެކަން އޭގެ އެންމެ އެދެވޭ ގޮތަށް ހިނގާފައެއް ނުވެއެވެ.

މިހާރު ވެސް އޭސީސީއަށް ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް ވަނީ ހުށަހެޅިފައެވެ.

ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ކޮރަޕްޝަންގެ މައްސަލަ ކަމަށްވާއިރު އެކަންކަން ބަލައި ހުއްޓުވުމަށް އޭސީސީއަށް ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުން 20އަކަށް މިލިއަން ރުފިޔާ ޚަރަދު ކުރެއެވެ. ނަމަވެސް ކޮރަޕްޝަންގެ ގޮތުގައި ގެއްލޭ ފައިސާގެ ތެރެއިން އަނބުރާ ހޯދެނީ ވަރަށް ކުޑަ އަދަދެކެވެ.

comment ކޮމެންޓް