މާލެ ސިޓީ ކައުންސިލްގެ ނަމުގައި ހުރި ބިންތައް ތަރައްޤީ ކުރުމަށް ޑިވެލޮޕްމަންޓް ކޮންޓްރޯލްސް ތައްޔާރު ކުރެވެންދެން އެ ބިންތަކާމެދު އަމަލުކުރާނެ އުސޫލެއް ފާސްކޮށްފިއެވެ.
މި އުސޫލު ފާސްކޮށްފައި ވަނީ އިއްޔެ ބޭއްވި މާލެ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 180ވަނަ ރަސްމީ އާއްމު ޖަލްސާގައެވެ.
މި އުސޫލަށް އަމަލުކުރައްވަން ފެންނަކަމަށް ހުށަހަޅުއްވައި، މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔާ، އަހްމަދު ނަރީޝް ވިދާޅުވީ، މިއީ ވަގުތީ ގޮތުން ހުށަހަޅޭ އުސޫލެއް ކަމަށާއި، އިމާރާތް ކުރުމާ ބެހޭ ޤަވާއިދުގެ ޑިވެލޮޕްމަންޓް ކޮންޓްރޯލްސް ހެދުމުގެ މަސައްކަތް މިހާރު މާލެ ސިޓީ ކައުންސިލުން ކުރަމުންދާ ކަމަށެވެ.
މީގެއިތުރުން ނަރީޝް ވިދާޅުވީ މި އުސޫލަށް އަމަލު ކުރާނީ އެ މަސައްކަތްތައް ނިމި، ކައުންސިލުން އެ ގަވާއިދު ފާސްކުރުމާ ހަމަޔަށް ކަމަށެވެ.
މީގެ ކުރިން ސަރުކާރުން ތަރައްގީ ކުރުމަށް ދޫކުރާ ބިންބިމުގައި އިމާރާތް ކުރަނީ، ހައުސިން މިނިސްޓްރީން ކަނޑައަޅާ ޑިވެލޮޕްމަންޓް ކޮންޓްރޯސްލް ޕްލޭނާ އެއްގޮތަށް ނަމަވެސް، ބިނާވެށި ޤާނޫނުގެ ދަށުން މިހާރު މާލޭގައި އިމާރާތްކުރުމުގެ ގަވާއިދު ހަދަންޖެހޭނީ، މާލޭ ސިޓީ ކައުންސިލުން ކަމަށް ޑެޕިއުޓީ މޭޔާ ވަނީ ވިދާޅުވެފައެވެ.
މިކަމާ ގުޅިގެން މާލެ ސިޓީ ކައުންސިލްގެ މޭޔާ އާދަމް އާޒިމް ވިދާޅުވީ، މިކަމަކީ މިހާރު ފެށިފައި ހުރި ޕްރޮޖެކްޓްތައް ނިންމުމަށް މެދުވެރިވެފައިވާ ހުރަހެއް ކަމަށާއި، ޕްރޮޖެކްޓްތައް ހުއްޓިފައި އޮތުމަކީ މާލޭގެ ރައްޔިތުންނާއި، ކައުންސިލަށް އެތައް ފައިދާއެއް ގެއްލިގެން ދާނެކަމެއް ކަމަށެވެ.
އެހެން ކަމުން މި ވަގުތަށް އެންމެ ރަނގަޅު ގޮތަކީ، ކައުންސިލަށް ލިބިގެންވާ ބާރުގެ ތެރެއިން ކޮންޓްރެކްޓާ އެއްގޮތަށް ކުރިޔަށް ގެންދިޔުން ކަމަށް ވެސް މޭޔަރު ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން، މި ޖަލްސާގައި، މާލެ ސިޓީ އިތުރަށް ފެހި ކުރުމަށް ޕްރޮގްރާމްތަކެއް ކުރިޔަށް ގެންދިޔުމަށް ބޭނުން ވާތީ، ގްރީނަރީ ގެ ނަމުގައި ކޮމިޓީއެއް އުފައްދަވައި އެ ކޮމިޓީ ވެސް ވަނީ ފާސްކޮށްފައެވެ.
ސިޓީ ކައުންސިލްގެ ސްޓާފް ނައިޓް ފާހަގަ ކުރުމާއި ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާކޮށް ސްޓާފް ނައިޓް ބޭއްވުމަށް ވެސް ވަނީ ފާސްކޮށްފައެވެ.