ސީއެމްބިއުލާންސަށް މާލެއަށް ލަފާފުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް، މާފަންނު ފެރީ ޓާމިނަލްގައި ސީއެމްބިއުލާންސަށް ޚާއްސަ ސަރަހައްދެއް ކަނޑައެޅުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މާލެ ސިޓީ ކައުންސިލުން ވަނީ މޭޔަރު އާދަމް އާޒިމް، މާފަންނު ފެރީ ޓާމިނަލް ސަރަހައްދު ބައްލަވާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފައެވެ.
އެ ޕޯސްޓުގައި ވަނީ ސީއެމްބިއުލަންސް މާލެއަށް ލަފާފުރުމުގައި ދިމާވާ ދަތިތަކާއި މިހާރު ބޭނުންކުރަމުން އަންނަ އެއް ނަންބަރު ޖެޓީއާ އައިޖީއެމްއެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލް ދުރުވުމުގެ ސަބަބުން، ޓްރެފިކްގައި ޖެހި ބަލިމީހާ ހޮސްޕިޓަލަށް ގެންދިޔުމުގައި ލަސްވާ ކަމަށެވެ.
އެހެންކަމުން އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން މާފަންނު ފެރީ ޓާމިނަލާ އިންވެގެން އިރަށް، ސީއެމްބިއުލަންސަށް ޚާއްސަ ސަރަހައްދެއް ކަނޑައެޅުމަށްޓަކައި އާޒިމް އެ ސަރަހައްދު ބައްލަވަނީ ކަމަށް ޕޯސްޓުގައި ވަނީ ބުނެފައެވެ.
މިމަހުގެ ނުވަ ވަނަ ދުވަހު ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ރާއްޖޭގެ ރަށްތަކަށް ބޭނުންވާ ސީއެމްބިއުލާންސް އިތުރުކުރަންޖެހޭ ކަމަށާއި، ސަރުކާރުން މިހާރު އެ މަސައްކަތް ފަށާފައިވާ ކަމަށް ވިދާޅުވެފައެވެ.
ރައީސް ވަނީ ރާއްޖެ އުފެދިފައި އޮތް ގޮތުން ސީއެމްބިއުލާންސްތައް އިތުރުކުރަންޖެހޭ ކަމަށާއި ރަށްރަށުގެ ދެމެދުގައި އޮންނަ ދުރު ރާސްތާގެ ސަބަބުން އެ ޚިދުމަތް އިތުރަށް ވަރުގަދަކުރަންޖެހޭކަމަށް ވެސް ވިދާޅުވެފައެވެ.
މި ސަރުކާރުންވަނީ މިދިޔަ އަހަރުގެ ކުރީކޮޅު ދަރުމަވަންތަ ހޮސްޕިޓަލުން ވިލިމާލެއާއި މާލެއާ ދެމެދު ސީ އެމްބިއުލާންސްގެ ޚިދުމަތް ފަށައިފައެވެ.