ދުރު ދަތުރުތައް ކުރުމަށް މޯލްޑިވިއަންއިން އަލަށް ގެނައި މަތިންދާ ބޯޓް, އެއާބަސް އޭ330ގެ ފުރަތަމަ ދަތުރުގައި, ޗައިނާގެ ޓޫރިސްޓުން ގޮވައިގެން މިއަދު ރާއްޖެ އަތުވެއްޖެއެވެ.
ޗައިނާގެ ޗެންގްޑޫންއިން ފުރައިގެން މިއަދު ހެނދުނު ރާއްޖެ އައި މޯލްޑިވިއަންގެ ވައިޑްބޮޑީ މަތިންދާބޯޓުން އެ ގައުމުގެ ގިނަ އަދަދެއްގެ ޓޫރިސްޓުން ވަނީ ރާއްޖެ ގެނެސްފައެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެ ޓޫރިސްޓުންނަށް މަރުހަބާ ކިޔާފައިވަނީ ބޮޑުބެރާއި ސަގާފީ ނެށުމާއި ރަތް ފިނިފެންމަލުންނެވެ.
އެ ޓޫރިސްޓުންގެ ފޮއްޓާއެކު މޯލްޑިވިއަންއިން ވަނީ ޚާއްސަ ހަދިޔާއެއް ވެސް ދީފައެވެ. ރަތް ފޮށިތަކުގައި ބަންދުކޮށްފައި ހުރީ ރާއްޖޭގައި ޗުއްޓީ ހޭދަ ކުރާއިރު ބޭނުން ކުރެވޭނެ އެކިއެކި ސާމާނެވެ.
މޯލްޑިވިއަންގެ ފްލީޓަށް މިމަހުގެ ހަ ވަނަ ދުވަހު އަލަށް ގެނައީ އެއާބަސް އޭ-330 އެއާކްރާފްޓެކެވެ. މިއީ އެއްފަހަރާ 264 ފަސިންޖަރުންނަށް ދަތުރުކުރެވޭ މަތިންދާބޯޓެކެވެ.
ގައުމީ އެއާލައިން، އެއާކްރާފްޓާއެކު މި މަހުގެ ތެރޭގައި ޗައިނާގެ ތިން ސިޓީއަކަށް ދަތުރުތައް ފަށާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް އިޔާސް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

މޯލްޑިވިއަންގެ ވައިޑްބޮޑީ ފްލައިޓުން ރާއްޖެއަށް އަލަށް އައި ޓޫރިސްޓުންނަށް މަރުހަބާ ކިޔުން --ފޮޓޯ/މޯލްޑިވިއަން
އިޔާސް ވިދާޅުވީ އައު ބޯޓާއެކު ޗައިނާގެ ބެެއިޖިން، ޝަންގްހާއި އަދި ޗެންގްޑޫއަށް ދަތުރުތައް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މީގެ އިތުރުން ރާއްޖެއާއި ޔޫރަޕާ ދެމެދު ވެސް މި ފްލައިޓުން ދަތުރުތައް ކުރުމަށް ވަނީ ނިންމައިފައެވެ.
ވައިޑްބޮޑީ ދެ އެއާކްރާފްޓެއް ގައުމީ އެއާލައިނަށް ގެނެސްގެން ޚިދުމަތް ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
މީގެ ދެވަނަ ބޯޓު ރާއްޖެ ގެނެސް، މި އަހަރުގެ އޮކްޓޫބަރުގެ އުދުހުންތައް ފެށޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.