ލޮސް އެންޖެލިސްގެ އަލިފާންގަނޑު އުތުރަށް ފެތުރެނީ

ކެލިފޯނިއާގެ ލޮސް އެންޖެލިސްގެ ހުޅަނގު އުތުރު ސަރަހައްދުގައި އޮންނަ ކެސްޓައިކް ގައި އަލިފާން ރޯވެފައި. ފޮޓޯ/އޭއެފްޕީ

މި މަހުގެ ހަތް ވަނަ ދުވަހު އެމެރިކާގެ ލޮސް އެންޖެލިސްގައި ރޯވި އަލިފާނުގައި އެތައް ގެއްލުމެއް ލިބިފައި ވަނިކޮށް އަލިފާންގަނޑު އިތުރަށް ފެތުރެން ފަށައިފިއެވެ.

މިހާރު އަލިފާންގަނޑު ފެތުރެމުން ދަނީ ލޮން އެންޖެލިސްގެ އުތުރަށެވެ. އެގޮތުން ކެސްޓައިކް ލޭކް ކައިރީގައި ހުރި ފަރުބަދަތަކުގެ މަތިން ފެށުނު އަލިފާންގަނޑު ވަރަށް ބާރަށް ފެތުރެމުން ދިޔައިރު، މަދު ގަޑިއިރުތަކެއްގެ ތެރޭގައި 8،000 އޭކަރު (3،200 ހެކްޓަރު) އަށް ވުރެ ބޮޑު ސަރަހައްދަކަށް ވަނީ ފެތުރިފައެވެ.

އަލިފާނުގެ ސަބަބުން ލޮސް އެންޖެލިސްގެ އުތުރުން ގާތްގަނޑަކަށް 35 މޭލު (56 ކިލޯމީޓަރު) ދުރުގައި އޮންނަ އަދި ސެންޓާ ކްލެރިޓާ ސިޓީއާ ވެސް ކައިރި އޮންނަ ލޭކްގެ ވަށައިގެން އުޅޭ 31،000 މީހުން އެހެން ހިސާބުތަކަށް ގެންދަން މިހާރު ވަނީ އަންގާފައެވެ.

ލޮސް އެންޖެލިސް ކައުންޓީ ޝެރިފް ޑިޕާޓްމަންޓްގެ ރޮބަޓް ޖެންސަން ވަނީ "ހިއުސް ފަޔާ" ގެ ނަން ދީފައިވާ އަލިފާނުގެ އެ ހާދިސާ ހިނގާފައި އޮތް ސަރަހައްދުން މީހުން ވަގުތުން ނުކުތުމަށް އެދިވަޑައިގެންފައެވެ. އޭނާ ވިދާޅުވީ މިފަދަ އެންގުންތަކަށް ތަބާ ނުވުމުގެ ދެރަ ނަތީޖާތައް ކުރިން ފެނިފައިވާ ކަމަށާއި އަލުން އެފަދަ ކަންކަން ތަކުރާރުވާން ނޭދޭ ކަމަށެވެ.

ކެސްޓައިކްގައި އާ އަލިފާންގަނޑު ރޯވަމުން ދިޔައިރު، އީޓަން އަދި ޕެލިސޭޑްސް އަލިފާންގަނޑު ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ކެލިފޯނިއާ ޑިޕާޓްމަންޓް އޮފް ފޮރެސްޓްރީ އެންޑް ފަޔާ ޕްރޮޓެކްޝަން (ކެލް ފަޔާ) އިން ވަނީ ބުނެފައެވެ.

ލޮސް އެންޖެލިސްގެ އިރުމަތީގައި 14،021 އޭކަރު އަނދާފައިވާ އީޓަން އަލިފާން މިހާރު 91 ޕަސެންޓް ކޮންޓްރޯލްވެފައިވާއިރު، ލޮސް އެންޖެލިސްގެ ހުޅަނގު ފަރާތުގައި 23،448 އޭކަރު އަނދާފައިވާ ޕެލިސޭޑްސް އަލިފާންގަނޑު ގާތްގަނޑަކަށް 70 ޕަސެންޓް ކޮންޓްރޯލް ވެފައިވާ ކަމަށް ކެލް ފަޔާ އިން ހާމަކޮށްފައިވެއެވެ.

އީޓަން އާއި ޕެލިސޭޑްސްގައި ރޯވި އަލިފާނުގައި 28 މީހުން މަރުވެ ގާތްގަނޑަކަށް 16،000 ސްޓްރަކްޗާއަށް ގެއްލުން ލިބިފައިވާ ކަމަށްވެސް ކެލް ފަޔާ އިން ބުނެއެވެ.

ފޯކަސްޓަރު އެކިއުވެދާއިން ލަފާކުރާ ގޮތުގައި ލޮސް އެންޖެލިސް ވަށައިގެން ހިނގި އަލިފާނުގެ ހާދިސާތަކުގެ ސަބަބުން ލިބޭ ގެއްލުން 250 ބިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރާނެއެވެ.

comment ކޮމެންޓް