ހައުސް އޮފް ދަ ޑްރެގަންގައި މިފަހަރުވެސް އަށް އެޕިސޯޑް

އެޗްބީއޯއިން މިހާތަނަށް އެޅުވި އެންމެ ބޮޑު ޝޯ "ގޭމް އޮފް ތުރޯންސް"ގެ ސްޕިން އޮފް "ހައުސް އޮފް ދަ ޑްރެގަން"ގެ ތިންވަނަ ސީޒަންގައި ވެސް ހިމެނޭނީ އަށް އެޕިސޯޑް ކަމަށް އިއުލާންކޮށްފިއެވެ.

ގޭމް އޮފް ތުރޯންސްގެ ދުނިޔެއަށް ބިނާކޮށް އުފެއްދި ޕްރީކުއެލް ޝޯ 2022 ވަނަ އަހަރު ދައްކަން ފެށުމާ އެކު އެ ޝޯ ވެފައިވަނީ ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ބޮޑު ޝޯއަކަށެވެ. އެއާއެކު ދެ އަހަރުގެ ދިގު އިންތިޒާރަކަށް ފަހު ޝޯގެ ދެވަނަ ސީޒަން ދައްކަން ފަށާފައިވަނީ މިދިޔަ މެއި މަހުގެ ތެރޭގައެވެ.

މި ޝޯ ދައްކަން ފަށައި ފުރަތަމަ ސީޒަންގައި ވަނީ 10 އެޕިސޯޑް ރިލީޒް ކޮށްފައެވެ. އެއަށްފަހު ދެވަނަ ސީޒަންގައި ހިމެނުނީ އަށް އެޕިސޯޑެވެ. ގިނަ ފޭނުން އިންތިޒާރު ކުރަމުން ދިޔައީ ދިގު ސީޒަނަކަށެވެ. ނަމަވެސް އެގޮތަށް ކަންތައް ނުވުމުން ގިނަ ބަޔަކު އުއްމީދު ކުރަމުން ދިޔައީ ތިންވަނަ ސީޒަން ދިގުވާނެ ކަމަށެވެ. ނަމަވެސް އެޗްބީއޯއިން ބުނަނީ އާ ސީޒަންގައި ވެސް ހިމެނޭނީ އަށް އެޕިސޯޑު ކަމަށެވެ.

ހައުސް އޮފް ޑްރެގަންގެ ތިންވަނަ ސީޒަންގެ ޝޫޓިން މިއަހަރުގެ މާޗު މަހުގައި ފެށުމަށް ހަމަޖެހިފައިވާއިރު އާންމުންނާ ހަމައަށް މި ޝޯ އަންނާނީ އަންނަ އަހަރުގެ މެދުތެރޭގައެވެ. އަދި އެއަށްފަހު ދައްކާނީ ޝޯގެ ފަހު ސީޒަނެވެ.

ގޭމް އޮފް ތުރޯންސް ދުނިޔެއަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ދެވަނަ ޝޯ ނިމެން ގާތް ވަމުން ދާއިރު އެޗްބީއޯއިން ވަނީ އެ ދުނިޔެއަށް ބިނާކޮށް އާ ޝޯއެއް އިއުލާނުކޮށްފައެވެ. އަލަށް އިއުލާނު ކޮށްފައިވަނީ ޕްރީކުއެލް ޝޯއެއް ކަމަށްވާ "ނައިޓް އޮފް ދަ ސެވެން ކިންގްޑަމްސް" ނަމަކަށް ކިޔާ ޝޯއެކެވެ.

މި ޝޯގެ ޓައިމްލައިން ހިމެނެނީ ހައުސް އޮފް ޑްރެގަން އާއި ގޭމް އޮފް ތުރޯންސްގެ ދެމެދުގައި ހިނގާ ކަންތައްތަކަށެވެ. އަންނަ އަހަރު މި ޝޯ ދައްކަން ފަށާނެއެވެ.

comment ކޮމެންޓް