މާލޭގެ މަޖީދީ މަގުގައި ހުރި ގުދަނެއްގައި ރޯވެ، އަނދާ ހުލިވެއްޖެއެވެ.
ފަތިހު ހިނގި އަލިފާނުގެ ހާދިސާގެ ވީޑިއޯތަކުން، ޓިނުން ހަދާފައި ހުރި ތަނެއްގައި ވަރަށް ބޮޑަށް ރޯވެފައިވާ މަންޒަރާއި އަލިފާން ނިއްވުމަށް އެމްއެންޑީއެފުން ހަރަކާތްތެރިވާ މަންޒަރު ފެނެއެވެ.
އެމްއެންޑީއެފުން ބުނީ އަލިފާން ރޯވީ ފުރުޓް އެންޑް ޓްރީ އެޕަލް ކިޔާ ފިހާރައިން ގުދަނެއްގެ ގޮތުގައި ބޭނުން ކުރާ ތަނެއްގައި ކަމަށެވެ. އެ ހާދިސާގެ މައުލޫމާތު ލިބުނީ 04:20 ހާއިރު ކަމަށާއި އެއާއެކު ފަޔާފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކުރި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ގުދަނުގައި ރޯވެ އަނދައިފައި -- ސަން ފޮޓޯ/ މޫސާ ނަދީމް
އެ އަލިފާންގަނޑު ކޮންޓްރޯލްވެފައި ވަނީ 05:27 ހާއިރެވެ. އަދި އަލިފާންގަނޑު އެއްކޮށް ނިއްވާލާފައިވަނީ 06:00 ހާއިރެވެ.
އެ ގުދަނަށް ލިބުނު ގެއްލުންތައް އެމްއެންޑީއެފުން ބަލަމުން އަންނައިރު، ގުދަން ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފައެވެ.
ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ އެ އޮތޯރިޓީގެ ޓީމެއް އެ ސަރަހައްދުގައި ހަރަކާތްތެރިވާ ކަމަށާއި އިންސާނީ އެހީ ފޯރުކޮށްދޭންޖެހޭ ގޭބިސީއެއް ހުރިތޯ ކަށަވަރު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.