ކުޑަކުދީން ކުށުގެ މާހައުލަށް ތައާރަފުވެ، ކުށްތަކަށް އަރައިގަތުމަށް މެދުވެރިވާ ސަބަބުތައް ހޯދުމަށް ދިރާސާއެއް ހަދަން ނިންމައިފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.
ވީޓީވީގެ ޕްރޮގްރާމެއްގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ވަހީދު ވިދާޅުވީ ކުޑަކުދީން ކުށްތަކަށް އަރައިގަންނަ ސަބަބުތައް ދެނެގަތުމަށް ދިރާސާތައް ހެދުުމުގެ މަސައްކަތަކީ ޖުވެނަލް ޖަސްޓިސް ޑިޕާޓްމެންޓްގެ މެންޑޭޓްގައި ހިމެނޭ މަސައްކަތެއް ކަމަށެވެ.
އޭނާ ވިދާޅުވީ، ކުށުގެ މައްސަލަތަކަށް ކުޑަކުދިން ހުށަހެޅޭ ގޮތްތައް ދެނެގަންނަން ދިރާސާ ހަދަނީ ޔުނިސެފްގެ އެހީގައި މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކަމަށެވެ. އަދި ކުޑަކުދީންނާ ގުޅުންހުރި މައްސަލަތައް ހައްލުކުރުމަށް އެ ދިރާސާގެ ސަބަބުން މަގުފަހިވާނެ ކަމަށް ހަސަން ވިދާޅުވިއެވެ.
އެ ދިރާސާއަށް ބަލާލާފައި އަޅުގަނޑުމެންނަށް އެނގޭނެ ދަންނަވަން މިއީއޭ ދިމާވާ ނުވަތަ އުފެދިގެން މިއަންނަ ހިސާބަކީ. ނުވަތަ އަސްލަކީ ކޮބައިކަން އަޅުގަނޑުމެންނަށް އެއިރުން އެނގޭނެ ދަންނަވަން. ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ވަހީދު
އޭނާ ވިދާޅުވީ މި ދިރާސާ މާޗް މަހުގެ ފަހުކޮޅު ފެށޭވަރު ވާނެ ކަމަށާއި، ހަތަރުމަސް ނުވަތަ ހަމަސް ދުވަހުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.
ހަސަން ވަނީ ކުށުގެ ވެއްޓަށް ހުށަހެޅޭ ކުޑަކުދީން އަނބުރާ މުޖުތަމައަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ވަރަށް ހަރުދަނާކަމާއެކު ކުރަމުން ދާކަމަށާއި ކުރިހާ ރަށަކަށް ވެސް ޚިދުމަތްތައް ފޯރުކޮށްދެމުންދާކަމަށް ވިދާޅުވެފައެވެ.
އޭގެ ބޭނުމާކީ ކުރިއަށް އޮތްތަނުގައި ކުށްކުރާ ކުދީން މަދުކޮށް، އަދި ކުށެއް ކުރެވޭ ކުއްޖެއްނަމަ ކަނޑައެޅިފައިވާ ނިޒާމެއްގެ ތެރެއިން އަލުން އަނބުރާ މުޖުތަމައަށް ނެރެ އެ ކުދީންނަށްވެސް ފާގަތިކަމާއި އުފާވެރިކަމާއެކު ރަނގަޅު ދިރިއުޅުމެއް އުޅެވޭނޭ ދުވަހެއްް ހޯދައި ދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.