ޣައްޒާ (20 ޖަނަވަރީ 2025) : ޣައްޒާގައި އިސްރާއީލު ހިންގަމުން ގެންދާ ގަތުލުއާންމުތައް ހުއްޓާލުމުގެ އެއްބަސްވުން އިއްޔެ ތަންފީޒު ކުރަން ފެށުމާއެކު އެ އެއްބަސްވުމުގެ ދަށުން ހަމާސް ޖަމާއަތާއި އިސްރާއީލުން އަސީރުން މިނިވަންކޮށްފިއެވެ.
މި އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގެ ދަށުން އެންމެ ފުރަތަމަ މިނިވަންކުރީ ހަމާސްގެ އަތްދަށުގައިވާ އިސްރާއީލުގެ 100 އެއްހައި އަސީރުންގެ ތެރެއިން ތިން މީހުންނެވެ. އެއީ ތިން އަންހެނުންނެވެ. އެ ތިން އަސީރުން މިނިވަންކޮށް އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް (އައިސީއާރުސީ) އާ ހަވާލުކުރިތާ ނުވަ ވަރަކަށް ގަޑިއިރު ފަހުން އިސްރާއީލުން ވަނީ އިސްރާއީލު އަތްދަށުގައިވާ ފަލަސްތީނުގެ އެތައް ހާސް އަސީރުންގެ ތެރެއިން 90 އަސީރަކު މިނިވަންކޮށްފައެވެ.
މި 90 އަސީރުންގެ ތެރޭގައި ނުވަ ކުޑަކުދިން ހިމެނޭ ގޮތަށް 62 އަންހެނުންނާއި 28 ފިރިހެނުން ހިމެނެއެވެ. މީގެތެރޭގައި ގިނައީ އިސްރާއީލުގެ ޖަލުތަކުގައި އަނިޔާވެރިކަން ތަހައްމަލް ކުރަމުންގެންދާތާ އެތައް އަހަރެއްވެފައިވުމުގެ ސަބަބުން ސިއްހީ މައްސަލަތައް ބޮޑުވެފައިވާ މީހުންނެވެ. މި 90 މީހުން ދޫކޮށްލީ ހުޅަނގު އައްސޭރީގައި އިސްރާއީލު ބިނާކޮށްފައިވާ އޫފަރު ޖަލުންނެވެ.
އިސްރާއީލުން ވަނީ މި 90 މީހުން މިނިވަން ކުރުމުން އެ މީހުންގެ އާއިލާތަކާ އަދި ފަލަސްތީނު ރައްޔިތުން އުފާކޮށްގެން ނުވާނެކަމުގެ ހަރުކަށި އިންޒާރު ދިނުމަށްފަހު އުފާފާޅުކުރިޔަ ނުދިނުމަށް ބާރުގެ ބޭނުންކޮށްގެން އެކަމަށް ހުރަސްއަޅާފައެވެ. މިއާއެކުވެސް އިސްރާއީލުގެ ޖަލުން 90 މީހަކު ސަލާމަތް ކުރެވުނީތީ ފަލަސްތީނު މީހުން ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކުގައި އުފާފާޅު ކުރުމުގެ ހަރަކާތްތައް ހަނިގޮތަކަށް ނަމަވެސް ކުރިޔަށް ގެންދިޔައެވެ.
އިސްރާއީލުގެ މި އިންޒާރު ތަންފީޒު ކުރުމުގައި ފަލަސްތީނުގެ ވެރިކަމުގެ އިދާރާގެ ފުލުހުން ވެސް ވަނީ އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކަށް އެއްބާރުލުން ދީފައެވެ. ފަލަސްތީނުގެ ވެރިކަމުގެ އިދާރާ އަކީ އިސްރާއީލުގެ ބާރާއި ކޮންޓްރޯލް އޮންނަ އިދާރާއެކެވެ. އިސްރާއީލަށް ވާގިވެރިވާ ޕަޕެޓެއްގެ ދައުރު އަދާކުރާ އިދަރާއެކެވެ.
މަހްމޫދު އައްބާސް ވެރިއަކަށް ހުންނަވާ މި އިދާރާގެ ފުލުހުން ވަނީ އިސްރާއީލުން މިނިވަންކުރި ފަލަސްތީނުގެ 90 އަސީރުން މިނިވަން ކުރުމުގެ އިވެންޓާ އަދި އެކަމާގުޅިގެން ފަލަސްތީނު މީހުން އުފާފާޅުކުރާ މަންޒަރު ކަވަރުކުރަމުން ދިޔަ އަލްޖަޒީރާގެ މުރާސިލު ޖިފާރާ އަލް ބުދައިރީ ހިފައި ހައްޔަރުކޮށް އޭނާގެ އަތުގައިވާ ނޫސްވެރިކަމުގެ ތަކެތި އަތުލައިގެންފައެވެ.
މީގެ ތިން ހަފުތާ އެއްހާ ދުވަސްކުރިން ފަލަސްތީނުގެ ވެރިކަމުގެ އިދާރާއިން ވަނީ ހުޅަނގު އައްސޭރީގައި ހުންނަ އަލްޖަޒީރާގެ އޮފީސްވެސް ބަންދުކޮށްފައެވެ. އަދި އިސްރާއީލު ސިފައިންނާ ގުޅިގެން ފަލަސްތީނުގެ ވެރިކަމުގެ އިދާރާގެ ފުލުހުން ވަނީ ހުޅަނގު އައްސޭރީގެ ޖެނީންގައި ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރާ މުޖާހިދުންނަށް ހަމަލާދީ ދެ މުޖާހިދަކު ޝަހީދުކޮށްލައި ފަލަސްތީނުގެ އަންހެން ނޫސްވެރިއެއްގެ ގަޔަށް ބަޑި ޖަހައި ޝަހީދުކޮށްލާފައެވެ. ޖެނީން ރެފިއުޖީ އަވަށުގައި އިސްރާއީލު ސިފައިން މިދިޔަ ހަފުތާގައި ވަނީ ފަލަސްތީނުގެ 10 މީހަކު ޝަހީދުކޮށްލައިފައެވެ.
ހަމާސްއިން މިނިވަންކުރި އިސްރާއީލުގެ އަންހެން ތިން އަސީރުން, އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް (އައިސީއާރުސީ) އާ ހަވާލުކުރީ ޣައްޒާގެ އައްސަރާޔާ މައިދާނުގައެވެ. އެތަނަށް އިއްޔެ ހަވީރު އޮތީ ޣައްޒާގެ ގިނަ އަދަދެއްގެ އާންމުން އެއްވެފައެވެ. އެ މީހުން ދިޔައީ ތަކުބީރުގެ އަޑު އުފުލަމުންނެވެ.
އިސްރާއީލުގެ ތިން އަސީރުން ހައްޔަރުކޮށްފައި ތިބި ޣައްޒާގެ ބިންގަރާސް ތަކުން އެ މީހުން ނެރޭވަގުތު އިސްރާއީލާއި އެމެރިކާގެ ޖާސޫސީ ޑްރޯންތަކުން އެތަންތަން ދެނެގެންފާނެތީ ހަމާސްއިން މިކަންކުރީ ވަރަށް ސިއްރިޔާތުގައެވެ. ވަރަށް ޚާއްސަ އޮޕަރޭޝަނެއްގެ ދަށުންނެވެ.
އިސްރާއީލާއި އެމެރިކާގެ އެންމެ ބޮޑު ބަލިފަޔަކީ ޖާސޫސީ ޑްރޯންތަކާއި އޭއައި ބޭނުންކޮށްގެންވެސް މިހާތަނަށް ހަމާސްގެ ސިއްރު ބިންގަރާސްތަކާއި އެތަންތަނަށް ވަދެ ނުކުމެވާ ދޮރުތައް ނޭންގުމެވެ. ފަނަރަ މަސްވީއިރުވެސް ބާރުގެ ބޭނުންކޮށްގެން ހަމާސްގެ އަތްދަށުން އަސީރުން މިނިވަން ކުރުމުގައި އެމެރިކާއާއި އިސްރާއީލު މުޅިން ނާކާމިޔާބުވީ މިކަމުގެ ސަބަބުންނެވެ. ބިންގަރާސްތައް ހޯދުމަށް އެމެރިކާގެ އެލީޓް ފޯސްކަމަށްވާ ޑޭލްޓާ ފޯސްވެސް ސިއްރިޔާތުގައި ޣައްޒާއަށް ފޮނުވިއެވެ. ނަމަވެސް އެެމެރިކާގެ މިޝަން ފެއިލްވީއެވެ.