އިސްރާއީލުން މަސްޖިދުލް އަޤްޞާގައި ޢީދު ނަމާދުކުރުން ހުއްޓުވައިފި

އީރާނާ ދެމެދު އުފެދިފައިވާ ހަނގުރާމައިގެ ނުތަނަވަސްކަމާ ގުޅިގެން، ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށް ބުނެ، ހިފާފައިވާ އިރުމަތީ ޤުދުސްގައި ހުންނަ މަސްޖިދުލް އަޤްޞާގައި ފިޠުރު ޢީދު ނަމާދުކުރުން އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން މިއަދު މަނާކޮށްފިއެވެ.

މިއާއެކު، ފަލަސްޠީނުގެ އެތައް ހާސް ރައްޔިތުންނަކަށް ވަނީ މުސްލިމުންގެ ތިންވަނައަށް އެންމެ މާތް މިސްކިތުގައި ޢީދު ނަމާދު ކުރުމުގެ ފުރުޞަތު ގެއްލިފައެވެ.

މިކަމާ ގުޅިގެން ފަލަސްޠީނުގެ ރައްޔިތުން ވަނީ، ރަމަޟާން މަސް ނިމުން ފާހަގަކުރުމުގެ ގޮތުން އަޤްޞާ މިސްކިތާ ވީހާވެސް ކައިރިއަކަށް، ޤުދުސްގެ ގަދީމީ ރަށުގެ ކައިރިއަށް އެއްވެ ޢީދު ނަމާދު ކުރުމަށް ގޮވާލާފައެވެ. މީގެ ކުރިންވެސް ރަމަޟާން މަހު އަޤްޞާއަށް ވަނުމަށް އިސްރާއީލުން އެޅި ހުރަސްތަކާ ދެކޮޅަށް ގަދީމީ ރަށުގެ ފާރުން ބޭރުގައި ނަމާދުކުރި މީހުންނާ ދެކޮޅަށް އިސްރާއީލު ފުލުހުން ވަނީ މުގުރާއި، ކަރުނަގޭހުގެ އިތުރުން ގްރެނޭޑް ބޭނުންކޮށްގެން ހަމަލާދީފައެވެ.

ހިފާފައިވާ އިރުމަތީ ޤުދުސްއާ ޢީދު ބައްދަލުކުރީ އުފާވެރިކަމެއް ނެތް، ވަރަށް ހިތްދަތި ގޮތަކަށެވެ. ޢާންމުކޮށް ޢީދުގެ ކުރިން ފަލަސްޠީނުގެ ރައްޔިތުންނާއެކު ތޮއްޖެހިފައި އޮންނަ ގަދީމީ ރަށް މިހާރު އޮތީ ފަޅުކޮށެވެ. އިސްރާއީލުން ވަނީ މީހުން އެއްވެ އުޅުން މަނާކޮށް، އެ ސަރަޙައްދަށް ވަދެނުކުމެ އުޅުން ވަރަށް ބޮޑަށް ހަނިކޮށްފައެވެ.

ސަލާމަތީ ފިޔަވަޅުތަކުގެ ދަށުން ފަލަސްޠީނުގެ ވިޔަފާރިވެރިންނަށް ފިހާރަތައް ހުޅުވުން ވަނީ މަނާކޮށްފައެވެ. ހުޅުވުމުގެ ހުއްދަ ދީފައިވަނީ ހަމައެކަނި ބޭސްފިހާރަތަކަށާއި ކާބޯތަކެތި ވިއްކާ ފިހާރަތަކަށެވެ. އިސްރާއީލުގެ ފަރާތުން ލިބިދާނެ ގެއްލުމަކަށް ބިރުން ނަން ހާމަކުރަން ބޭނުންނުވާ ފަލަސްޠީނުގެ ވިޔަފާރިވެރިން ބުނެފައިވަނީ، މި ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން އެ މީހުންނަށް އިޤްތިޞާދީ ގޮތުން ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

comment ކޮމެންޓް