މިދިޔަ އަހަރު ފެމިލީ ކޯޓު މެދުވެރިކޮށް 97 މިލިއަން ރުފިޔާ ނަގައިދިން

ފެމިލީ ކޯޓް -- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

މިދިޔަ 2024ވަނަ އަހަރު، ފެމިލީ ކޯޓު މެދުވެރިކޮށް 97 މިލިއަނަށްވުރެ ގިނަ ރުފިޔާ ނަގައިދީފައިވާ ކަމަށް އެ ކޯޓުން ބުނެފިއެވެ.

ފެމިލީ ކޯޓުން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން، އަނބިދަރީންގެ ޚަރަދާއި، އިއްދައިގެ ޚަރަދާއި، ވިހެއުމުގެ ޚަރަދުގެ އިތުރުން ކައިވެނީގެ ރަނުގެ ގޮތުގައި އެ ކޯޓު މެދުވެރިކޮށް 97 މިލިއަނަށްވުރެ ގިނަ ރުފިޔާ ދެއްކުމަށް ވަނީ ސާބިތުކޮށްފައެވެ.

މީގެ އިތުރުން، ގަޒިއްޔާތަކާ ގުޅިގެން 46.7 މިލިއަން ރުފިޔާ ބަލައިގަނެ، 2023ވަނަ އަހަރު ރައްދު ނުކުރެވި ހުރިހާ ފައިސާ ހިމެނޭގޮތަށް ޖުމްލަ 47.5 މިލއަން ރުފިޔާ ރައްދުކޮށްދެވުނު ކަމަށް އެ ކޯޓުން ވަނީ ބުނެފައެވެ.

ތަފާސްހިސާބު ދައްކައި ގޮތުން، ކޯޓަށް ހާޒިރުވުމަށް އަންގައި، މިދިޔަ އަހަރު 12،096 އަމުރުވަނީ ފޮނުވައިފައެވެ.

މިދިޔަ އަހަރުގެ ތެރޭގައި ޖުމްލަ 2،485 ކައިވެނިކޮށްދީފައިވާއިރު، އޭގެ ތެރޭގައި 163 ބިދޭސީ ކައިވެނި ކޮށްދީފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 45 ފިރިހެނުންނާއި 118 އަންހެން ބިދޭސީންނެވެ. އަދި ރާއްޖޭން ބޭރުގައި ކޮށްފައިވާ 181 ކައިވެންޏެއް މިދިޔަ އަހަރުގައި ފެމިލީ ކޯޓުން ރެޖިސްޓާކޮށްދީފައިވެއެވެ.

އަދި ކައިވެންޏަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމުގައި 3،428 މީހުން ބައިވެރިވިއިރު، އޭގެ ތެރޭގައި ހިމެނެނީ 1،746 ފިރިހެނުންނާއި، 1،682 އަންހެނުންނެވެ.

މިދިޔަ އަހަރުގެ ތެރޭގައި އެ ކޯޓު މެދިވެރިކޮށް ޖުމްލަ 1،326 ވަރި ކޮށްދީފައިވެއެވެ.

މީގެ އިތުރުން، ގެވެށި އަނިޔާއިން ރައްކާތެރި ކުރުމާއި، ކުޑަކުދީންގެ ހައްގުތަކާގުޅޭ އަމުރުތައް ހިމެނޭގޮތުން، ޖުމްލަ 117 އަމުރެއް ފެމިލީ ކޯޓުން މިދިޔަ އަހަރުވަނީ ނެރެދީފައެވެ.

އާއިލީ މައްސަލަތައް ހައްލު ކުރުމާބެހޭ ބަޔަށް 227 މައްސަލައެއް ހުށަހެޅުނުއިރު، 119 މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދައިދެވިފައިވާ ކަމަށް އެ ކޯޓުން ބުނެއެވެ. އަދި ދެމަފިރިންގެ ދެމެދުގައި ޖެހުނު މައްސަލަތައް ހައްލު ކުރުމަށާއި، ވަރިވެފައިވާ ދެ މީހުންގެ ދަރިންގެ ބެލުމާ ގުޅޭގޮތުން ހަ އެއްބަސްވުމެއް ވެސް ވަނީ ހަދައިފައެވެ.

ފެމިލީ ކޯޓުން ބުނި ގޮތުގައި 2023ވަނަ އަހަރުގެ ބާކީގެ ގޮތުގައި 318 މައްސަލައެއް ވެއެވެ.

މިދިޔަ އަހަރު 2،293 މައްސަލައެއް ހުށަހެޅުނުއިރު، 2،370 މައްސަލައެއް އެ ކޯޓުން ނިންމައިދީފައިވެއެވެ. އަދި 4،101 ޝަރީއަތުގެ އަޑުއެހުން ވަނީ ބާއްވައިފައެވެ.

comment ކޮމެންޓް