ދިވެހި އަންހެނެއްގެ ތިން ފިރިން ތިބި މައްސަލައެއް ފެމިލީ ކޯޓުގައި އޮތްކަމަށް މިއަދު އެ ކޯޓުން ބުނެފިއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީގައި ވަނީ ދަރިންގެ ޚަރަދު ނުދިނުމާއި ރާއްޖޭން ބޭރުގައި ކައިވެނި ކުރުމަށް ފަހު އެ ކައިވެނި ރަޖިސްޓްރީ ނުކުރާ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށްފައެވެ.
މިކަމާ ގުޅިގެން ވާހަކަ ދައްކަވަމުން ފެމިލީ ކޯޓުގެ ލީގަލް އޮފިސަރު އަހުމަދު މައުސޫމް ވިދާޅުވީ، ވަރަށް ހިތާމަކުރަންޖެހޭ އާއިލީ މައްސަލަތައް ރާއްޖޭގައި އެބަހުރި ކަމަށެވެ.
"އެއް އަންހެނެއްގެ ތިން ފިރިން ތިބި މައްސަލައެއް. އެއް އަންހެނެއްގެ ތިން ފިރިން އެބަތިބި،" އޭނާ ވިދާޅުވިއެވެ.
މި މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް އަލިއަޅުވައިލައި މައުސޫމް ވިދާޅުވީ، ފުރަތަމަ ކައިވެނި ރާއްޖޭން ބޭރުގައި ކޮށްފައި، އެ ކައިވެނި ރަޖިސްޓްރީ ނުކުރެވުމުން އެ ކައިވެންޏަކީ ނެތް ކައިވެންޏެއް ކަމަށް ބަލައި ދޫކޮށްލުމަށް ފަހު ދެވަނަ ކައިވެންޏެއް ވެސް ރާއްޖޭން ބޭރުގައި އޭނާ ކޮށްފައި ވާކަމަށެވެ.
"...ފުރަތަމަ ކައިވެނީގެ ޑޮކިއުމަންޓުތައް އަޅުގަނޑުމެންނަށް ފެންނަން ހުރި، އެ ކައިވެނި ރަޖިސްޓްރީ ނުކުރެވި އެ ކައިވެންޏާމެދު ގޮތެއް ކަނޑަނޭޅި، އިތުރު ކައިވެންޏެއް ކޮށް އަނެއްކާ ދެވަނަ ކައިވެންޏާ މެދު ވެސް ގޮތެއް ކަނޑަނޭޅި އަނެއްކައި ތިންވަނަ ކައިވެންޏެއްް ވެސް ކޮށްފައި،" އޭނާ ވިދާޅުވިއެވެ.
މިއީ ވަރަށް ނުރައްކާތެރި ކަމެއްކަން ފާހަގަކުރައްވައި އޭނަ ވިދާޅުވީ، މިކަމުގެ ސަބަބުން ނަސަބު ވެސް އޮޅިދާނެ ކަމަށެވެ.
އޭނާ ވިދާޅުވީ، ރާއްޖޭން ބޭރުގައި ކައިވެނި ކުރަން ވަކި އުސޫލުތަކެއް ކަނޑައަޅައިފައި އޮތް ނަމަވެސް މިފަދަ މައްސަލަތައް ދިމާވަނީ، ގިނަ މީހުން އެ އުސޫލުތަކަށް އަމަލު ނުކުރާތީ ކަމަށެވެ.
އެގޮތުން ރާއްޖޭން ބޭރުގައި ކައިވެނި ކުރާނަމަ، ފެމިލީ ކޯޓުން ހުއްދައެއް ނެގުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ނަމަވެސް، އެކަން ނުކޮށް މީހުން ބޭރުން ކައިވެނި ކުރާކަން އޭނާ ފާހަގަކުރެއްވިއެވެ.
ބޭރުގައުމެއްގައި ކައިވެނި ކުރަން ފެމިލީ ކޯޓުން މި ހުއްދަ ދޫކުރަނީ ގިނަ ޝަރުތުތަކެއް ހަމަވާ ނަމައެވެ. އޭގެތެރޭގައި:
- ކައިވެންޏާއި ވަރި ރަޖިސްޓާ ކުރުމަށް ފެމިލީ ކޯޓުން ކަނޑައަޅައިފައިވާ އުސޫލުގެ ތެރެއިން ކަނޑައަޅައިފައިވާ ހުރިހާ ޝަރުތެއް
- އައިލާއާ ބެހޭ ގާނޫނުގެ ދެވަނަ މާއްދާގެ ދަށުން ކަނޑައަޅައިފައިވާ ހުރިހާ ޝަރުތެއް
- އައިލާއާ ބެހޭ ގާނޫނުގެ ދެވަނަ މާއްދާއާ ވިދިގެން ފެމިލީ ކޯޓުން ހަދާފައިވާ އިތުރު ޝަރުތުތަކެއް
އާއިލީ މައްސަލަތައް ރާއްޖޭގައި ގިނައިރު، ރާއްޖެއަކީ ނިސްބަތުން ވަރި ވެސް ގިނަ ގައުމެކެވެ.