އެސްޓޯނިއާ ދަތުރުފުޅަށް ފަހު ރައީސް މާލެ ވަޑައިގެންފި

ރައީސް މުއިއްޒު އެސްޓޯނިއާގެ ރައީސާއެކު: އެސްޓޯނިއާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި ރައީސް ވަނީ އެނބުރި މާލެ ވަޑައިގެންފައި -- ފޮޓޯ/ ރައީސް އޮފީސް

އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކަރިސްގެ ދައުވަތަކަށް އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު މާލެ ވަޑައިގެންފިއެވެ.

މިއީ ދިވެހި ރައީސަކު އެސްޓޯނިއާއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

ރައީސުލްޖުމްޙޫރިއްޔާއާއި އެ މަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ވަފުދަށް އެސްޓޯނިއާއިން މަރުހަބާ ދެންނެވީ އެ ގައުމުގެ ރައީސެވެ. އެސްޓޯނިއާގެ ރިޔާސީ ގަނޑުވަރުގައި ބޭއްވި އެ ރަސްމިއްޔާތުގައި ރައީސް މުއިއްޒާއި އެސްޓޯނިއާގެ ރައީސް ވަނީ، އެ ދެބޭފުޅުންގެ ޝަރަފުގައި އޮތް ޝަރަފްގެ ގާޑް، އިންސްޕެކްޓް ކޮށްދެއްވާފައެވެ. އަދި ދެ ރައީސުން އެކުގައި ހަނދާނީ ފޮޓޯފުޅެއް ނެންގެވިއެވެ.

އެސްޓޯނިއާގެ ރައީސް، ރައީސް މުއިއްޒަށް މަރުހަބާ ދެންނެވުމަށް ބޭއްވި ރަސްމިއްޔާތުގައި -- ފޮޓޯ/ ރައީސް އޮފީސް

މި ދަތުރުފުޅުގައި ދެ ގައުމުގެ ލީޑަރުން ވަނީ ދޭދޭ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައެވެ.

މި ދަތުރުފުޅުގައި ރައީސް މުއިއްޒު ވަނީ އެސްޓޯނިއާގެ ރައީސާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ވަޒީރުންނާއި، ޓާރްޓޫގެ މޭޔަރާއި، ތައުލީމީ ދާއިރާގެ މަންދޫބުންނާއި، އެހެނިހެން މުއައްސަސާތަކުގެ އިސްވެރިންނާ އެކު ބިނާކުރަނިވި މަޝްވަރާތަކެއް ކުރައްވާފައެވެ. މި ބައްދަލުކުރެއްވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލައްވާފައިވަނީ ދެ ގައުމުގެ މެދުގައި ގުޅުން ބަދަހިކުރެވޭނެ ގޮތްތައް ދެނެގަތުމުގެ މައްޗަށެވެ.

އެސްޓޯނިއާގެ ސަރުކާރާއި އެ ގައުމުގެ މުއައްސަސާތަކުން ވަނީ ރާއްޖެއަށް އެއްބާރުލުން ދީ، ރާއްޖެއާ ގުޅިގެން މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ތައްޔާރަށް އޮތްކަން ހާމަކޮށްފައެވެ.

ރައީސް މުއިއްޒު އެސްޓޯނިއާގެ ރައީސާއެކު -- ފޮޓޯ/ ރައީސް އޮފީސް

އޭގެ އިތުރުން އެ ދަތުރުފުޅުގައި، ތިން ފަހުމުނާމާއެއްގައި ވަނީ ސޮއިކުރައްވާފައެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ދިވެހި ސަރުކާރާއި އެސްޓޯނިއާގެ ސަރުކާރާ ދެމެދު މައުލޫމާތު ބަދަލުކުރުމާއި، މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި، ހަކަތައާއި ބެހޭ ދާއިރާތަކުން އެއްބާރުލުން ދިނުމަށް ސޮއި ކުރެއްވި ފަހުމުނާމާ
  • ދެ ގައުމުގެ މެދުގައި ޕޮލިޓިކަލް ކޮންސަލްޓޭޝަން ފެށުމަށް ސޮއި ކުރެއްވި ފަހުމުނާމާ
  • ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީއާއި އެސްޓޯނިއާގެ މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް ޑިޖިޓަލް އެފެއާޒްއާ ދެމެދު ސޮއިކުރެއްވި ފަހުމުނާމާ

ރައީސް މުއިއްޒު އެސްޓޯނިއާގެ ރައީސާއެކު -- ފޮޓޯ/ ރައީސް އޮފީސް

ރައީސްގެ މި ދަތުރުފުޅުގައި، އެސްޓޯނިއާގެ މުހިންމު އަދި ސަގާފީ ގިނަ ތަންތަނަށް ޒިޔާރަތްކުރެއްވިއެވެ. އޭގެ ތެރޭގައި އީ-އެސްޓޯނިއާ ބްރީފިންގް ސެންޓަރު، ޕޯކޯ ޕޮޕް އެންޑު ކޮންޓެމްޕޮރަރީ އާޓް މިއުޒިއަމް، ޓާރްޓޫ ޓައުން ހޯލް، ޔުނިވަސިޓީ އޮފް ޓާރްޓޫ، އެސްޓޯނިއާ ބަޔޯބޭންކް، އެސްޓޯނިއަން ނޭޝަނަލް މިއުޒިއަމް އަދި ގްރީނާޖީ ޑޭޓާ ސެންޓާސްއަށް ކުރެއްވި ޒިޔާރަތް ހިމެނެއެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ދިވެހިރާއްޖެ ޑިޖިޓަލައިޒް ކުރެއްވުމަށް ރައީސް ގެންގުޅުއްވާ ތަސައްވުރު ހަގީގަތަކަށް ހެއްދެވުމަށް، އެ ދަތުރުފުޅުގެ ސަބަބުން ބޮޑު އެހީތެރިކަމެއް ލިބިފައިވެއެވެ. އަދި މޫސުމީ ނޭދެވޭ ބަދަލުތަކުގެ ވިލުންތެރިކަމަށް ކުރެވޭ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

ހަމައެއާއެކު މަލްޓިލޭޓަރަލް ޕްލެޓްފޯމްތަކުގައި ދެ ގައުމުގެ މެދުގައި ފައިދާހުރި ދާއިރާތަކުން އެއްބާރުލުން ދިނުމުގެ އަޒުމް އިތުރަށް ހަރުދަނާކުރެވުނު ކަމަށާއި ރައީސް މުއިއްޒުގެ ވެރިކަމުގައި، ރާއްޖެ ޑިޖިޓަލައިޒްކޮށް، ދެމެހެއްޓެނިވި ތަރައްގީއަށް މަގުފަހިކޮށްދީ، ބައިނަލްއަގުވާމީ ގުޅުންތައް ގާއިމުކުރައްވައި، ގުޅުންތައް ބަދަހި ކުރެއްވުމަށް ގެންދަވަނީ ޚާއްސަ އިސްކަމެއް ދެއްވަމުން ކަމަށް އެ އޮފީހުން ބުންޏެވެ.

comment ކޮމެންޓް