ސްޕެނިޝް ކޮޕާ ޑެލް ރޭގެ ކުއާޓާ ފައިނަލުން އެފްސި ބާސެލޯނާ (ބާސާ)އިން ޖާގަ ހޯދައިފިއެވެ.
މި މުބާރާތުގެ ކުއާޓާ ފައިނަލުން ބާސާ ޖާގަ ހޯދީ ފަހު 16 ޓީމުގެ ބުރުގައި 5-1 އިން ރެއާލް ބެޓިސް ބަލިކޮށްފައެވެ.
މެޗުގެ ތިންވަނަ މިނެޓުގައި ބާސާއިން ވަނީ ލަނޑެއް ޖަހައި ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ގާވީއެވެ. ދެވަނަ ލަނޑު މެޗުގެ 27 ވަނަ މިނެޓުގައި ކާމިޔާބުކޮށްފައިވަނީ ޖޫލްސް ކޮއުންޑޭއެވެ.
މެޗުގައި ބާސާއިން ކާމިޔާބު ކުރި ފަހު ތިން ލަނޑު ޖަހާފައިވަނީ ފަހު ހާފުގައެވެ. މިގޮތުން މެޗުގެ 58 ވަނަ މިނެޓުގައި ރަފީނިއާ އެ ޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިންއިރު ހަތަރުވަނަ ލަނޑު މެޗުގެ 67 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފެރާން ޓޯރޭޒެވެ. ފަހު ލަނޑު މެޗުގެ 75 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ލެމީން ޔަމާލެވެ.
މެޗުގައި ބެޓިސްއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 84 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ވިކްޓާ ރޯކޭއެވެ.
ބާސާގެ އިތުރުން ލަލީގާގެ އެއްވަނައިގައި އޮތް އެޓްލެޓިކޯ މެޑްރިޑުން ވެސް ވަނީ މި މުބާރާތުގެ ކުއާޓާ ފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފައެވެ. އެއީ، އެލްޗޭއާ ބައްދަލުކުރި މެޗު ހަތަރު ލަނޑު ސުން ލަނޑުން ކާމިޔާބުކޮށްގެންނެވެ.
މެޗުގައި އެޓްލެޓިކޯގެ ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކޮށްދިނީ އެލެގްޒެންޑާ ސޯލޮތުއެވެ. ފަހު ދެ ލަނޑު ކާމިޔާބުކޮށްދިނީ ރޮޑްރިގޯ ރެކުއިލްމޭއާއި ހޫލިއަން އަލްވަރޭޒެވެ.