ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ހުސްވެފައިވާ މެންބަރުކަމުގެ ދެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު އަބްދުﷲ (މުހަންމާ)އާއި ކުރިން ވެސް ބްރޯޑްކޮމްގެ މެންބަރުކަން ކުރެއްވި އާނިމަތު ސަރާހަތު އިއްޒަތު އައްޔަންކުރަން މަޖިލީހުން މިއަދު ރުހުން ދީފިއެވެ.
ބްރޯޑްކޯމްގެ ދެ މަގާމު ހުސްވީ އެ ކޮމިޝަންގެ ރައީސާއަކަށް ހުންނެވި މަރިޔަމް ވަހީދާއާއި އެ ކޮމިޝަންގެ މެންބަރު އަލީ ޔޫސުފްގެ ދައުރު މިދިޔަ ޑިސެންބަރު މަހުގެ ފަހަކަށް ހަމަވުމުންނެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ކޮމިޝަންގެ މެންބަރުކަމަށް ދެ ބޭފުޅުން އައްޔަންކުރަން ވަނީ ވޯޓަށް އަހައިފައެވެ. އެ ވޯޓުގައި ސަރާހަތު އައްޔަންކުރަން ފެންނަ ކަމަށް 68 މެންބަރުން ވަނީ ވޯޓުދެއްވައިފައެވެ. އެ ކޮމިޝަނަށް މުހަންމާ އައްޔަންކުރަން ރުހުން ލިބުނީ 58 މެންބަރުންގެ ވޯޓުންނެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ކޮމިޓީ މަރުހަލާގައި އިންޓަވިއުއިން ދެވަނައަށް އެންމެ ގިނަ މާކްސް ލިބުނު ޝިފްޒާ މުސްތަފާ އައްޔަންކުރުމާ މެދު ވޯޓަށް އެހުމުން އޭނާ މަގާމަށް އައްޔަންކުރަން ނުފެންނަ ކަމަށް 50 މެންބަރަކު ވަނީ ވޯޓުދެއްވައިފައެވެ.
އިންޓަވިއުގައި މާކްސް ލިބިފައިވާ ގޮތަށް ބަލާއިރު، އެންމެ ގިނައިން މާކްސް ލިބުނީ ސަރާހަތަށެވެ. އޭނާއަށް ވަނީ 89 އިންސައްތަ ލިބިފައެވެ. ދެވަނައަށް ލިބުނު ޝިފްޒާއަށް 84 އިންސައްތަ ލިބުނުއިރު މުހަންމާއަށް ލިބުނީ 79 އިންސައްތައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، މުހަންމާއާ އެކު ބްރޯޑްކޮމްއަށް އައްޔަންކުރަން އެދިވަޑައިގެން ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވަނީ އިންޓަވިއުއިން ކަޓައިފައެވެ. އެހެންވެ، އޭނާގެ ބަދަލުގައި ތަޅުމުން ރުހުން ލިބުނީ ރައީސް ފޮނުއްވި ލިސްޓުގެ ހަތްވަނައިގައި އޮތް ސަރާހަތަށެވެ.
މިހާރު ބްރޯޑްކޮމްގައި ތިއްބަވަނީ އާމިނަތު އަމީނާއާއި މުހައްމަދު ފަޒީނާއި ޝިފްލާ އިބްރާހިމްއާއި ސަފާ ޝަފީގު އަދި އާމިނަތު ނުޒުހާއެވެ.