ވޮޝިންޓަން (15 ޖަނަވަރީ 2025): ޗައިނާއަކީ ފޭކު ތަކެތި އުފައްދާ ސިނާއީ ގޮތުން ފޭކު ގައުމެއް ކަމަށާއި ޗައިނާ ދުނިޔޭގެ ބޮޑު ބާރެއްގެ މަގާމު ހޯދީ ވެސް މަކަރު ހަދައިގެން ކަމަށް އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގައި ޚާރިޖީ ވަޒީރުކަމަށް އައްޔަންކުރަން އިޚުތިޔާރުކޮށްފައިވާ މާކޯ ރޮބިއޯ ވިދާޅުވެއްޖެއެވެ.
ރޮބިއޯއަށް ރުހުން ދިނުމަށް ސެނެޓްގެ ކަމާބެހޭ ކޮމިޓީން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، ދުނިޔޭގެ ބޮޑު ބާރުގެ މަގާމަށް އެމެރިކާ ނޫނީ ކުފޫހަމަވާ ގައުމެއް ނެތް ކަމަށެވެ. ދުނިޔޭގެ ސްޕަޕަވަރެއްގެ ގޮތުގައި އެމެރިކާ ނޫން ގައުމެއް ބާރުގަދަވެއްޖެނަމަ ދުނިޔޭގައި އިންސާފު ގާއިމުނުކުރެވޭނެ ކަމަށް ރޮބިއޯ ވިދާޅުވިއެވެ.
ޔޫރަޕުން ގެންގުޅޭ އަދި ޕްރޮމޯޓްކުރާ ލެބެރަލް ފިކުރާ އިދިކޮޅު ބޭފުޅެއްކަމަށްވާ ރޮބިއޯ ވިދާޅުވީ، ޔޫރަޕުންނާއި ދުނިޔޭގެ ވާތު ފިޔައިގެ މީހުން އުފައްދައިގެން އުޅޭ "ލެބެރަލް" ފިކުރަކީ މި ޒަމާނަށް ކަމުދާވަރަށް ވުރެ ބޯދާ ފިކުރެއް ކަމުގައެވެ. އެހެންކަމުން އެއީ މާޒީ ކަމުގައެވެ.
"ލެބަރަލް ފިކުރަކީ އޯލްޑް ފެޝަން އެއް" އެމެރިކާގެ ކިޔުބާ ދަރިކޮޅަށް ނިސްބަތްވާ ރޮބިއޯ ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި ދެވަނަ ބޮޑު ހަނގުރާމައަށް ފަހު އެމެރިކާ އިސްވެ އޮވެގެން އުފެއްދި ނިޒާމު އަދިވެސް ބާނުވެއެވެ.
"އެއަށް ވުރެ ރަނގަނޅު ނިޒާމެއް ދުނިޔެއަށް ނުގެނެވޭނެ، ދެވަނަ ބޮޑުހަނގުރާމައަށް ފަހު އެމެރިކާ އިސްވެ އޮވެގެން އުފެއްދި ނިޒާމުގެ ދުވަސް ގޮސްފިކަމަށް ބުނެ ދުނިޔޭގައި އެކަން ބޭނުންކުރަމުން ގެންދަނީ އެމެރިކާގެ އަގު ވައްޓާލުމަށް ބޭނުންކުރާ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި،" ރޮބިއޯ ވިދާޅުވިއެވެ.
ރޮބިއޯ ވިދާޅުވި ގޮތުގައި އެމެެރިކާ އިސްވެ އޮވެގެން އުފެއްދި ނިޒާމު ކަމުނުދާ ކަމަށް ބުނެ ޗައިނާ ބޮޑުބާރަކަށް ވެގެން އުޅެނީ މަކަރު ހަދައިގެންނެވެ. ޓެކްނޮލޮޖީގެ ގޮތުންނާއި އިގުތިސާދީ ގޮތުންނާއި އަސްކަރީ ގޮތުން މާ ބޮޑު ކުރިއެރުންތަކެއް ހޯދައިގެނެއް ނޫނެވެ. ވަސީލަތެއް ހުރެގެންނެއް ވެސް ނޫނެވެ.
ޓްރަމްޕް ފަދަ ހަރުކަށި ވިސްނުމުގެ ބޭފުޅެއް ކަމަށް ސިފަކުރެވޭ މާކޯ ރޮބިއޯއަކީ ކެރީބިއަންގެ ސަރަހައްދުގެ ގައުމެއް ކަމަށްވާ ކިޔުބާ ދަރިކޮޅަށް ނިސްބަތްވާ ބޭފުޅެކެވެ.
އޭނާގެ މައިންބަފައިން ކިޔުބާ ދޫކޮށް އެމެރިކާއަށް ހިޖުރަކޮށް އެމެރިކާގައި ދިރިއުޅެން ފަށާފައިވަނީ 1956 ވަނަ އަހަރެވެ. ރޮބިއޯ އުފަންވެފައިވަނީ އޭނާގެ މައިންބަފައިން އެމެރިކާއަށް ހިޖުރަކޮށްގެން ދިރިއުޅެމުން ގެންދިޔަ ފޮލޮރިޑާގައި 1971 ވަނަ އަހަރެވެ.
އުމުރުން 53 އަހަރުގެ ރޮބިއޯ އެމެރިކާގެ ސިޔާސީ މައިދާނަށް ވެދެވަޑައިގަތީ އޭނާގެ އަސްލު ގައުމު ކަމަށްވާ ކިޔުބާއަށް އެތިވަރުގޮވައި އެމެރިކާގެ އިސްތިއުމާރާއި އިންޕީރިއަލިޒަމްގެ ކުރިމަތީގައި ކުޑަކަކޫ ޖަހަން ދެކޮޅު ހެއްދެވި ކިޔުބާގެ ކުރީގެ ރައީސް ޑރ. ފިޑެލް ކާސްޓްރޯއަށް ބަދުބަސް ބުނެ އެމެރިކާގެ ސިޔާސީ ޕޯޑިއަމްތަކުގައި އަޑުގަދަ ކޮށްގެންނެވެ.
ރޮބިއޯ، ރިޕަބްލިކަން ޕާޓީގެ ތެރެއިން ކުރިއަރަން މަސައްކަތް ކުރައްވާފައިވަނީ އޭނާއަކީ ލެޓިން ދަރިކޮޅުގެ މީހަކަށްވާތީ އެމެރިކާއަށް ހިޖުރަކޮށްގެން ދިރިއުޅޭ ލެޓިން ދަރިކޮޅުގެ މީހުންނާއި އެފްރިކާ ދަރިކޮޅުގެ މީހުންގެ ތާއީދު ލިބިދާނެކަމުގެ އުންމީދުގައެވެ.
އެ މީހުން އެންމެ ބޭނުންވިކަންކަމަށްވާ އެމެރިކާގެ ހިޖުރައާ ބެހޭ ގާނޫނު އިސްލާހު ކުރުމުގެ ބިލެއް ރިޕަބްލިކަން ޕާޓީގެ ތެރެއިން ކޮންގްރެސްއަށް ހުށަހެޅުމަށް 2013 ވަނަ އަހަރު އޭނާ މަސައްކަތްކުރިއެވެ. ނަމަވެސް، ޕާޓީގެ ތެރެއިން ކާމިޔާބު ނުލިބުމުން ސިޔާސީ ފުރަތަމަ މަސައްކަތުގައި ރޮބިއޯ މުޅިން ފެއިލްވިއެވެ. މިއާއެކު އެމެރިކާގެ ލެޓިން ދަރިކޮޅުގެ މީހުންނާއި އެފްރިކާ ދަރިކޮޅުގެ މީހުންގެ ތާއީދު އޭނާއަށް ގެއްލިގެންދިޔައެވެ.
ނަތީޖާއަކަށްވީ 2016 ވަނަ އަހަރު ރިޕަބްލިކަން ޕާޓީން ރިޔާސީ ކެންޑިޑޭޓަކަށްވުމަށް ބޭއްވި ޕްރައިމަރީގައި ޓްރަމްޕާ ވާދަކުރައްވައިގެން ރޮބިއޯ ވަރަށް ބޮޑަށް ބަލިވެގެން ދިޔުމެވެ. ރޮބިއޯގެ ސްޓޭޓްކަމަށްވާ ފްލޮރިޑާއިން ވެސް ޕްރައިމަރީގައި ރޮބިއޯއަށް ލިބުނީ ބޮޑު ނާކާމިޔާބެކެވެ. އެ ހިސާބުން އޭނާ ޓްރަމްޕާ ވާދަކުރުން ހުއްޓާލެއްވިއެވެ.
މި ނާކާމިޔާބާ އެކު ރޮބިއޯ ދެން މަސައްކަތްކުރެއްވީ އޭނާއަކީ ރިޕަބްލިކަން ޕާޓީގެ ސިޔާސީ ޒުވާން ޖީލުގެ މީހެއްކަމަށް ދައުވާކޮށްގެން ސިޔާސީ އެހެން މަގާމެއް އަތުޖެހޭތޯއެވެ. މިކަމަށްޓަކައި އޭނާ ޓްރަމްޕާ ގާތްވިއެވެ.
އެމެރިކާގައި ޒަމާނުއްސުރެ ވެރިކަންކުރަނީ ބުޝްގެ އާއިލާއާއި ކްލިންޓަންގެ އާއިލާފަދަ ސިޔާސީ ބޮޑެތި ނުފޫޒުގަދަ އެލީޓުންގެ އާއިލާތަކުން ކަމަށް ބުނެ ސިޔާސީ ބެކްގްރައުންޑް ނެތް ޓްރަމްޕްފަދަ ސިޔާސީ ކަންކަމުގައި ކުރިން ނޫޅުއްވާ ވިޔަފާރިވެރި މަހުޖަނުން ވެސް އެމެރިކާގެ ވެރިކަން ލިބެންޖެހޭނެ ކަމަށް އަޑުއުފުލައި ޓްރަމްޕް ޕްރޮމޯޓް ކުރުމުގެ މަސައްކަތްވަރަށް ވަރުގަދައަށް ރޮބިއޯ ކުރެއްވިއެވެ.
ނަތީޖާއަކަށްވީ 2024 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ޓްރަމްގެ ކެންޕެއިން ޓީމުން އޭނާއަށް ޖާގަ ލިބުމެވެ. ރޮބިއޯއަކީ ސިޔާސީ ހަޅޭތައްލެވުމާއި ސިޔާސީ އާޑަފުރައްސާރަ ކުރުމުގައި ދޫހެލޭ ބޭފުޅެކެވެ. ޓްރަމްޕްގެ އެންމެ އަރިސް ޓީމުން ރޮބިއޯ ޖާގަ ލިބުނީ މިހެންވެއެވެ.
ރޮބިއޯއަކީ ޣައްޒާގެ އާންމުންނާ ދެކޮޅަށް އިސްރާއީލު ހިންގާ ގަތުލުއާންމުތަކާއި ނަސްލު ނައްތާލުމުގެ ޖަރީމާތަކަށް ވަރަށް ބޮޑަށް ތާއީދުކުރައްވާ އަދި އެ ޖަރީމާތައް ދިފާއުކުރައްވާ ބޭފުކެވެ. ޔަހޫދީ ޓެރަރިޒަމް ސްޕޮންސާ ކުރައްވައި ފަލަސްތީނާއި ފަލަސްތީނުން ބޭރުގައި އިސްރާއީލު ހިންގާ ޓެރަރިސްޓް އެކްޓިވިޓީތަކަށް ވަރަށް ބޮޑަށް ވާގިވެރިވާ ބޭފުޅެކެވެ.
ފަލަސްތީނުގެ ރައްޔިތުން މިނިވަންކަމަށް ކުރާ ޖިހާދަކީ ޓެރަރިޒަމްކަމަށް ސިފަކުރައްވާ ބޭފުޅެކެވެ. ފަލަސްތީނުގެ ބިމުގައި ފަލަސްތީނު ރައްޔިތުންނަށް ހައްގު ނެތްކަމަށް ދައުވާކުރައްވާ ހަރުކަށި ޒަޔަނިސްޓެކެވެ.