ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ތަފާތު ލީޑާޝިޕެއް ދެއްކެވި, ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޑިރެކްޓާ ޖެނެރަލް މައިމޫނާ އަބޫބަކުރު, ރިޓަޔާ ކުރައްވަން ނިންމެވީ, އަމިއްލަ ސަބަބަކަށްޓަކައި ކަމަށް މިއަދު ވިދާޅުވެއްޖެއެވެ.
ނަވާރަ ސަތޭކަ ނުވަދިހަ ވަނަ އަހަރު ސިއްހީ ދާއިރާއަށް ޚިދުމަތް ކުރައްވަން ފެއްޓެވި، މައިމޫނާ ރިޓަޔާކުރައްވަން ނިންމަވާފައިވާކަމުގެ ޚަބަރު މީޑިއާތަކަށް ތިލަވީ އިއްޔެއެވެ.
'ސަން'އިން ސުވާލުކުރުމުން މައިމޫނާ މިއަދު ވިދާޅުވީ، ރިޓަޔާކުރެއްވީ، އުސޫލުތަކާ އެއްގޮތަށް އަމިއްލަ ސަބަބަކަށްޓަކައި ކަމަށެވެ. އަދި، މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މަގާމުން ރިޓަޔާކޮށްދެއްވާފައިވާ ކަމަށް މައިމޫނާ ވިދާޅުވިއެވެ.
ރިޓަޔާ ކުރެއްވި ސީދާ ސަބަބެއް އޭނާ ވިދާޅެއްނުވެއެވެ.
މައިމޫނާ، އެޗްޕީއޭގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަށް އައްޔަނުކުރެއްވީ ނޮވެމްބަރު 17، 2016ގައެވެ. ތިރީސް ފަސް އަހަރަށް ވުރެ ގިނަ ދުވަހު ސިއްހީ ދާއިރާއަށް ޚިދުމަތްކޮށްދެއްވި، މައިމޫނާގެ މަސައްކަތް އެންމެ ބޮޑަށް ފާހަގަކުރެވުނީ ކޮވިޑް-19ގެ ދުވަސްވަރުއެވެ.
ސިއްހީ ދާއިރާއަށް މުހިންމު މަސައްކަތްތަކެއް އޭނާ ވަނީ ކޮށްދެއްވާފައެވެ.
ކޮވިޑްގެ އާލަމީ ވަބާ، ރާއްޖެއަށް ހަލުވިކަމާއެކު ފެތުރެމުންދިޔައިރު މައިމޫނާ ވަނީ އުނދަގޫ ނިންމެވުންތަކެއް ނިންމަވައި، އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ގިނަ ގުނަ މަސައްކަތްތަކެއް ކުރައްވައިފައެވެ. އަދި އެ ދުވަސްވަރު އާންމުންނަށް ސައްހަ މައުލޫމާތު ފޯރުކޮށްދިނުމުގައި ވެސް އިސް ދައުރެއް އަދާކުރެއްވެވިއެވެ.