އިރުގެ ނިޒާމު އުފެދިގެން އައި ގޮތާއި ދުނިޔޭގައި ދިރުން އުފެދެން މެދުވެރިވި ސަބަބުތައް ހޯދުމަށްޓަކައި، މާސް (ރަތް ޕްލެނެޓް) ގެ ހަނދުތަކުން ސާމްޕަލް ނެގުމަށް ޖަޕާނުގެ ސައިންސްވެރިން ތާރީޚީ މިޝަނަކަށް ތައްޔާރުވެއްޖެއެވެ.
މިއީ މާސްގެ ސަރަޙައްދަށް ގޮސް އެނބުރި ދުނިޔެއަށް އައުމަށް ރޭވިފައިވާ މިފަދަ ފުރަތަމަ މިޝަނެވެ.
އިންސާނުން ނުލައި ދަތުރުކުރާ މި "މާޝަން މޫންސް އެކްސްޕްލޮރޭޝަން" (އެމްއެމްއެކްސް) އުޅަނދު ޖައްވަށް ފޮނުވުމަށް ހަމަޖެހިފައިވަނީ ޖަޕާނުގެ ތަނެގަޝިމާ ސްޕޭސް ސެންޓަރުން އެ ޤައުމުގެ އެޗް-3 ރޮކެޓުގައެވެ. ޖަޕާން އެއަރޯސްޕޭސް އެކްސްޕްލޮރޭޝަން އެޖެންސީ (ޖަކްސާ) އިން މަޢުލޫމާތު ދޭ ގޮތުގައި، މި މިޝަނަކީ އެމެރިކާގެ ނާސާ އާއި ޔޫރަޕްގެ ޖައްވީ އިދާރާތަކުގެ އިތުރުން ދުނިޔޭގެ މަޝްހޫރު ޔުނިވާސިޓީތަކާއި ޓެކް ކުންފުނިތައް ގުޅިގެން ކުރިއަށްގެންދާ ބޮޑު މަޝްރޫޢެކެވެ.
މި އުޅަނދު އަންނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި މާސްގެ ކައިރިއަށް ދާނެ ކަމަށް ލަފާކުރެވެއެވެ. އަދި މާސްގެ އެއް ހަނދު ކަމަށްވާ "ފޯބޯސް" ގެ ވަށައިގެން ދައުރުވުމަށްފަހު، އެ ހަނދުގެ ބިމަށް ތިރިކޮށް މަދުވެގެން 10 ގްރާމުގެ މާއްދާ (ސާމްޕަލް) އެއްކުރާނެއެވެ. މި އުޅަނދު މާސްގެ ސަރަޙައްދުގައި ތިން އަހަރު ދުވަހު ހަރަކާތްތެރިވާނެއެވެ. ފޯބޯސްއަށް ރައްކާތެރިކަމާއެކު ޖެއްސުމަށް ޓަކައި، ފްރާންސްގެ އެހީތެރިކަމާއެކު އުފައްދާފައިވާ "އައިޑެފިކްސް" ނަމަކަށް ކިޔާ ރޯވަރެއް އެންމެ ފުރަތަމަ އެ ހަނދުގެ ބިމުގެ ދިރާސާތައް ކުރާނެއެވެ.
އެމްއެމްއެކްސް ޕްރޮޖެކްޓް މެނޭޖަރު ޔަސުހީރޯ ކަވަކަޓްސޫ ވިދާޅުވި ގޮތުގައި، މިއީ ފޯބޯސް އިން ސާމްޕަލް ނަގާ ފުރަތަމަ ފަހަރަށް ވުމުގެ އިތުރުން، މާސްގެ ސަރަޙައްދަށް ގޮސްފައި އެނބުރި ދުނިޔެއަށް އަންނަ ފުރަތަމަ މިޝަނެވެ. އަދި ކުރިމަގުގައި އިންސާނުން މާސްއަށް ފޮނުވުމަށް ކުރެވޭ މަސައްކަތްތަކުގައި، ފޯބޯސް އަކީ ޤުދުރަތީ ސްޕޭސް ސްޓޭޝަނެއްގެ ގޮތުގައި ބޭނުންކުރެވިދާނެތޯ ވެސް މި މިޝަނުން ބަލާނެއެވެ. މީގެއިތުރުން މާސްގެ ދެވަނަ ހަނދު ކަމަށްވާ "ޑެއިމޯސް" ވެސް މި އުޅަނދުން ދުރުން އޮބްޒާވްކުރާނެއެވެ.
ޖަކްސާގެ ސައިންސްވެރިން އުންމީދު ކުރަނީ މި މިޝަންގެ ސަބަބުން މާސް އާއި އޭގެ ދެ ހަނދު އުފެދުނު ގޮތް ހާމަވެގެންދާނެ ކަމަށެވެ. އަދި ބޭރުގެ އިރުގެ ނިޒާމުން ފެނާއި ދިރުމަށް ބޭނުންވާ މާއްދާތައް ދުނިޔެ ހިމެނޭ އެތެރޭގެ ޕްލެނެޓްތަކަށް ވާސިލުވި ގޮތް ދެނެގަތުމަށް މިއީ ލިބޭނެ ވަރަށް ބޮޑު ބާރެކެވެ.
ފޯބޯސްގައި ގްރެވިޓީ ނުވަތަ ބިމަށް ދަމާބާރު އިންތިހާއަށް ކުޑަވުމުގެ ސަބަބުން އުޅަނދު ޖެއްސުމުގައި ގޮންޖެހުންތަކެއް ހުރި ނަމަވެސް، މީގެ ކުރިން ޖައްވީ އެކި ތަންތަނުން ކާމިޔާބުކަމާއެކު ސާމްޕަލް ގެނެސްފައިވާ ޖަޕާނުން ދެކޭގޮތުގައި މިއީ ދުނިޔޭގެ ޖައްވީ ތާރީޚުގައި ލިޔެވިގެންދާނެ އައު ބާބެކެވެ.