ވަޓްސްއެޕް ބޭނުންކުރާ 13 އަހަރުން ދަށުގެ ކުދިންނަށް ޚާއްސަކޮށްގެން، ބެލެނިވެރިންނަށް ކޮންޓްރޯލް ކުރެވޭ އެކައުންޓްތަކެއް ތަޢާރަފުކުރުމުގެ މަސައްކަތް އެ ޕްލެޓްފޯމުން ފަށައިފިއެވެ.
"ޕޭރެންޓް-މެނޭޖްޑް އެކައުންޓްސް"ގެ ނަމުގައި ތަޢާރަފުކުރާ މި ފީޗާގެ ދަށުން، ކުދިންގެ އެކައުންޓްތަކުގެ ކޮންޓްރޯލް ބެލެނިވެރިންނަށް ލިބި، ކުދިން މެސެޖުކުރާ ގޮތް މޮނިޓާ ކުރެވޭނެއެވެ.
މެޓާ ކުންފުނިން ބުނި ގޮތުގައި މި ފީޗާ ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދޫކުރަން ފަށާނެއެވެ.
އާއިލާތަކާއި ސަލާމަތީ ކަންކަމާބެހޭ މާހިރުންގެ ލަފާގެ މަތިން ތައްޔާރުކޮށްފައިވާ މި އެކައުންޓްތައް ހުންނާނީ ބެލެނިވެރިޔާގެ ވަޓްސްއެޕް އެކައުންޓާ ގުޅުވާލެވިފައެވެ.
އާދައިގެ އެކައުންޓްތަކާ ޚިލާފަށް މީގައި ހުންނާނީ ވަރަށް ހަރުކަށި ޕްރައިވެސީ ސެޓިންތަކެކެވެ. އެގޮތުން ކުދިންނަށް ގުޅައި، މެސެޖު ކުރެވޭނީ ހަމައެކަނި އާއިލާގެ މީހުންނާއި އިތުބާރުކުރެވޭ ކޮންޓެކްޓުންނާއެވެ. އަދި ކުއްޖާ ވަންނަ ގްރޫޕްތައްވެސް ބެލެނިވެރިޔާއަށް ކޮންޓްރޯލް ކުރެވޭނެއެވެ.

މިއެކައުންޓްތަކުގައި ނުދަންނަ މީހުން ފޮނުވާ މެސެޖުތައް ދާނީ ވަކި ރިކުއެސްޓް ފޯލްޑަރަކަށް ---
ކުދިންގެ ރައްކާތެރިކަމަށްޓަކައި، މި އެކައުންޓްތަކުގައި ވަޓްސްއެޕްގެ ބައެއް އާންމު ފީޗާތައް ނުހުންނާނެކަމަށް މެޓާއިން ބުނެފައިވެއެވެ. އޭގެ ތެރޭގައި ސްޓޭޓަސް އަޕްޑޭޓް، ޗެނަލްސް، މެޓާ އޭއައި އަދި ވަކި ވަގުތެއްވުމުން އަމިއްލައަށް ފޮހެވޭ (ޑިސްއެޕިއަރިން) މެސެޖު ނުހިމެނެއެވެ.
މީގެ އިތުރުން ނުދަންނަ މީހުން ފޮނުވާ މެސެޖުތައް ދާނީ ވަކި ރިކުއެސްޓް ފޯލްޑަރަކަށެވެ. އަދި އެ މެސެޖުތައް ހުޅުވޭނީ ބެލެނިވެރިޔާގެ ޕިން ޖަހައިގެންނެވެ. ކުއްޖާ އައު މީހަކު އެޑްކޮށް، ބްލޮކްކޮށް ނުވަތަ ރިޕޯޓުކޮށްފިނަމަ، ބެލެނިވެރިޔާއަށް ނޮޓިފިކޭޝަން އަންނާނެއެވެ. މި ހުރިހާ ކޮންޓްރޯލްތަކަކާއެކުވެސް، މެސެޖުތަކުގެ ސިއްރުވެރިކަން ކަށަވަރުކުރުމަށް "އެންޑް-ޓު-އެންޑް އެންކްރިޕްޝަން" މި އެކައުންޓްތަކުގައިވެސް ބޭނުންކުރާނެކަމަށް ވަޓްސްއެޕުން ބުނެއެވެ.
މި އެކައުންޓް ހަދާނީ ކިހިނެއް؟
ވަޓްސްއެޕުން މަޢުލޫމާތު ދޭގޮތުގައި، އެކައުންޓް ހަދާއިރު ކުއްޖާގެ އުފަންދުވަސް ޖެހުމުން، "ޕޭރެންޓް-މެނޭޖްޑް އެކައުންޓް" އެއް ހެދުމުގެ އޮޕްޝަން އަންނާނެއެވެ. މިކަން ކުރުމަށްޓަކައި ބެލެނިވެރިޔާގެ ފޯނާއި ކުއްޖާގެ ފޯނުވެސް އެއްވަގުތެއްގައި ބޭނުންވާނެއެވެ. އަދި ބެލެނިވެރިޔާއަކީ 18 އަހަރު ފުރިފައިވާ މީހެއްކަން ކަށަވަރުކުރުމަށް ސެލްފީއެއް މެދުވެރިކޮށް އައިޑެންޓިޓީ ވެރިފައި ކުރަން ޖެހިދާނެއެވެ.
މި މަރުޙަލާ ފުރިހަމަވުމުން، ބެލެނިވެރިޔާގެ ފޯނުން ކުއްޖާގެ އެކައުންޓްގެ ޕްރައިވެސީ ކަންކަން ފަސޭހަކަމާއެކު މެނޭޖުކުރެވޭނެއެވެ.
ވަޓްސްއެޕުން ބުނީ މި ފީޗާ ދުނިޔޭގެ އެކި ސަރަޙައްދުތަކަށް ލިބެން ފަށާނީ އެކި ދުވަސްމަތިން ކަމަށެވެ.