24 ގަޑިއިރުގެ ތެރޭ އެންމެ ގިނައިން ވާރޭ ވެހުނީ މާލެއަށް

-- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހުނީ މާލެއަަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ބުނެފިއެވެ.

މެޓުން އާންމުކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި އިއްޔެ ހެނދުނު 08:00 އިން މިއަދު ހެނދުނު 08:00 އަށް މާލެއަށް 130.7 މިލިމީޓަރުގެ ވާރެ ވެހިފައިވެއެވެ.

އެއަށްފަހު ދެން އެންމެ ގިނައިން ވާރޭ ވެހުނު ހުޅުލެއަށް 79.5 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ ތިންވަނަށް އެންމެ ގިނައިން ވާރޭ ވެހުނީ އއ. ތޮއްޑޫއަށެވެ. އެ ރަށަށް 70.3 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ.

ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެން ބޮޑުވުމުގެ ސަބަބުން، ފެން ހިންދުމަށް އެމްއެންޑީއެފް، ފަޔާ އެންޑް ރެސްކިޔު ސާވިސްއިން، މާލޭގެ އަށް ސަރަހައްދެއްގައި ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތްކުރަމުންދާކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތްކުރަމުންދާ ސަރަހައްދުތައް:

  • ވެސްޓްޕާކް - ހަތަރު ޕަމްޕް
  • އައިޖީއެމްއެޗް ސަރަހައްދު - ތިން ޕަމްޕް
  • މާފަންނު ފެރީ ޓާމިނަލް - ތިން ޕަމްޕް

  • ސަލްމާން މިސްކިތް ސަރަހައްދު - އެއް ޕަމްޕް
  • ބޮޑު ވަޅު - ހަތަރު ޕަމްޕް
  • ކުޑަކުދިންގެ ބަގީޗާ - އެއް ޕަމްޕް
  • ބިހުގެ - އެއް ޕަމްޕް
  • އެމްޕީއެލް - އެއްޕަމްޕް

އެއާއެކު މިއަދުގެ 06:00 އާ ހަމައަށް މާލެއިން 6،835 ޓަނުގެ ފެން ހިއްކިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އަދި މާލޭ އޭރިއާ ކޮމާންޑުގެ ސިފައިން އަންނަނީ މާލޭގެ ދެ ސަރަހައްދެއްގައި ވެލިބަސްތާ ޖެހުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންކަމަށް ވެސް ވަނީ ބުނެފައެވެ.

ހަމައެއާއެކު މިހާތަނަށް 46 ގެއަކަށް އެހީތެރިކަން ފޯރުކޮށްދީފައި ވާނެކަމަށް ބުންޏެވެ.

މެޓް އޮފީހުން ވަނީ ށ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް މިއަދު މެންދުރު ފަހު 15:00 އަށް ޔެލޯ އެލާޓް ނެރެފައެވެ.

މެޓުން ބުނީ މިއަދު އުތުރާއި މެދު ރާއްޖެތެރޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމާ އެކު، ގުގުރުން އެކަށީގެންވާކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މެޓް އޮފީހުން ލަފާކުރާ ގޮތުގައި، ރާއްޖޭގެ ބޮޑު ހިސާބަކަށް ކަނޑުތައް ވެސް ގަދަވާނެއެވެ.

comment ކޮމެންޓް