ރާއްޖޭގެ ފުލޯކު ވާހަކަތަކުގައި އުޅޭ ކެރެކްޓާތަކާ ވާހަކަ ދައްކާލެވޭ ގޮތަށް އުރީދޫން މި އަހަރުގެ ކަލަންޑަރު ރޭ އިފްތިތާހުކޮށްފިއެވެ.
ރޭ ބޭއްވި ރަސްމިއްޔާތެއްގައި މި ކަލަންޑަރު އިފްތިތާހުކޮށްދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާނެވެ.
މިއީ އެންއެފްސީ އިންޓަގްރޭޓް ކޮށްފައިވާ ރާއްޖޭގެ ފުރަތަމަ ކަލަންޑަރު ކަމަށްވާއިރު، މި ކަލަންޑަރުން އޭއައި މެދުވެރިކޮށް މަޝްހޫރު ފުލޯކު ވާހަކަތަކުގައި އުޅޭ 'ރަންނަ މާރި' އަދި 'ފޫޅު ދިގު ހަންޑި' ފަދަ ކެރެކްޓާތަކާ ވާހަކަދައްކާލެވޭނެއެވެ.
އެގޮތުން، މި ކަލަންޑަރުގައި 'މާކުންބެ' ވެސް ހިމެނޭހެން 12 ކެރެކްޓާއެއް އުރީދުން ވަނީ ހިމަނާފައެވެ. ކޮންމެ މަހަކު ވެސް ކަސްޓަމަރުންނަށް ވާހަކަ ދައްކަން އާ ކެރެކްޓާއެއް އަންލޮކްވެއެވެ.
ކޮންމެ ކެރެކްޓާއަކާ އެ މީހުންނާ ގުޅުވައި ސުވާލުކުރެވޭއިރު، އިނގިރޭސި، ދިވެހި، އަދި ލެޓިން އިން ވެސް އެ ކެރެކްޓާ ތަކާ ވާހަކަދައްކައިލެވޭނެއެވެ.
މި ރަސްމިއްޔާތުގައި އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ، އެންމެ ކުރީގެ ފުލޯކު ވާހަކަތައް ހަނދާން އާކޮށް، ކުރިއަށް އޮތް ޖީލުތަކަށް މި ވާހަކަތައް އެ ކަލަންޑަރުގެ ސަބަބުން ދެމިއޮންނާނެ ކަމަށެވެ.
"އެހެންވީމާ މީ ވަރަށް ބޮޑު މަސައްކަތެއް. ދިވެހި ތާރީހަށް، ކަލްޗާއަށް އަޅުގަނޑުމެނަށް ކުރެވުނު ވަރަށް ބޮޑު ކަމެއް ކަމަށް އަޅުގަނޑު މި ދެކެނީ. ދެން ފިއުޗާއާ ޓެކްނޮލޮޖީ ތެރޭގައި މީތި އަބަދުވެސް އޮންނާނެ ކަމަށް މި އުންމީދު ކުރަނީ،" ނިޔާޒް ވިދާޅުވިއެވެ.
އުރީދޫން ބުނީ، މި ކަލަންޑަރަކީ ދިވެހި ތަރިކަ ހިމާޔަތްކޮށް، މާނަ ހުރި ގުޅުމެއް އުފައްދައި، ޓެކްނޮލޮޖީ ބޭނުންކޮށްގެން ޖީލުތަކުގެ މެދުގައި ގުޅުން ދަމަހައްޓައި، ޑިޖިޓަލް ރާއްޖެއެއް ބިނާކުރުމަށް އުރީދޫން ކުރަމުންދާ މަސައްކަތުގެ މުހިންމު ބޮޅެއް ކަމަށެވެ.