ގަނޑުފެނުގެ ތޫފާނާއި ކޮންޓްރޯލްނުވާ އަލިފާނުގެ ކާރިސާގައި އެމެރިކާ ކަންބޮޑުވެފައި

ކެލިފޯިނިއާގައި ކޮންޓްރޯލް ނުވެ އަނދަމުންދާ އަލިފާންގަނޑު

ކެލިފޯނިއާ (10 ޖަނަވަރީ 2025): އެމެރިކާގެ އެންމެ މުއްސަނދި ސްޓޭޓްކަމަށްވާ ކެލިފޯނިއާގައި އަނދަމުންދާ އަލިފާންގަނޑު ކޮންޓްރޯލް ނުވެ، މަރުވި މީހުންގެ އަދަދު 10 އަށް އަރައި އެނދި އިމާރާތްތަކާއި ގެތަކުގެ އަދަދު 10،000 އަށް އަރައިފިއެވެ.

މިއާއެކު ހާލުގައި ޖެހުނު މީހުންގެ އަދަދުވެސްވަނީ 100،000 އިން 200،000 އާ ގާތްކުރާ އަދަދަކަށް އަރައިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަލިފާނުގެ ކާރިސާގެ މަރުކަޒަކީ ކެލިފޯނިއާގެ ސިޓީއެއް ކަމަށްވާ ލޮސްއެންޖެލިސްއާއި އެ ސިޓީގެ ވަށައިގެންވާ އަވަށްތަކެވެ.

މި ކާރިސާގައި އެންމެ ބޮޑަށް އަނދާފައިވަނީ ލޮސްއެންޖެލިސްގެ މުއްސަނދިން ދިރިއުޅޭ އަވަށްތަކެވެ. މުއްސަނދިންގެ ގެތަކާއި ވިލާތައް ގިނަ ދެ އަވަށް ކަމަށްވާ ޕެސިފިކް ޕެލިސޭޑާއި އަލްޓަޑެނާއެވެ.

އެމެރިކާގެ މަސްއޫލުވެރިން ވިދާޅުވާ ގޮތުގައި މިއީ އެމެރިކާގެ މުޅި ތާރީޚުގައި ވެސް ހިނގި އަލިފާނުގެ އެންމެ ބޮޑު އަދި އެންމެ ނުރައްކާތެރި ކާރިސާއެވެ. މި ކާރިސާގައި މިހާތަނަށް ލިބުނު މާއްދީ ގެއްލުންތަކުގެ މިންވަރު 70 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ކެލިފޯނިއާގެ ލޯކަލް ސަރުކާރު ބުނެއެވެ.

މާއްދީ ގެއްލުންތަކުގައި އަނދާފައިވާ ވެހިކަލްތަކުގެ އަދަދު ވެސް އެތައް ހާހަކަށް އަރައެވެ. ވިޔަފާރިތައް ވެސް ވަނީ އަގުބޮޑު މުދާތަކާ އެކު އަނދާފައެވެ.

މިއީ އެމެރިކާއަށް ފިނި މޫސުން ކަމަށްވާއިރު އާންމު ގޮތެއްގައި ފިނިމޫސުމުގައި ޖަންގަލިތަކުގައި ރޯވުންފަދަ އަލިފާނުގެ ކާރިސާތައް ހިނގުން ވަރަށް މަދެވެ. އެމެރިކާގެ ތާރީޚުގައި ނުދެކޭ ފަދަ އަލިފާނުގެ ބޮޑު ކާރިސާއެއްގައި އެ ގައުމުގެ ކެލިފޯނިއާ އަނދަމުންދާއިރު އާކެންސަސްއާއި ޓެނެސީ ފަދަ ދެކުނު ސްޓޭޓްތަކަށްވަނީ ގަނޑުފެނުގެ ތޫފާނެއް ކުރިމަތިވެ ސްނޯއިން ފުރިފައެވެ.

އެމެރިކާގެ ދެކުނުގެ ސްޓޭޓްތަކަށް އަރައިފައިވާ ސްނޯގެ ތޫފާން

މޫސުމާބެހޭ އެމެރިކާގެ މައި އިދާރާ ބުނާގޮތުން ސްނޯގެ މިތޫފާނަކީ ދުނިޔޭގެ ގަނޑުފެނުގެ ސަރަހައްދެއްކަމަށް ނޯތުޕޯލުން އަންނަ ގަދަ އަދި ފިނި ވަޔަކާގުޅިގެން ކުރިމަތިވާ ތޫފާނެކެވެ. މި ތޫފާން އަރާފައިވާ ސްޓޭޓްތަކުގެ ފިނި ހޫނުމިންވަނީ މައިނަސް 20 އަށް އަރާފައެވެ.

ފިނީގެ ތޫފާނުގެ ސަބަބުން އާކެންސަސް ޓެނެސީ ފަދަ ދެކުނު ސްޓޭޓްތަކުގެ ހަރަކާތްތައްވަނީ ގާތްގަނޑަކަށް ހުއްޓުމަކަށް އައިސްފައެވެ.

އަނެއްކޮޅުން ކެލިފޯނިއާގައި އަނދަމުންދާ އަލިފާންގަނޑުގައި އެމެރިކާގެ މަޝްހޫރު ހޮލީވުޑްގެ ގިނަ އަދަދެއްގެ ތަރިންނާއި ވިޔަފާރިވެރި އެތަށް މަހުޖަނެއްގެ ގެތަކާއި ފިހާރަތަކާއި ހޮޓާތައްވަނީ އެއްކޮށް އަނދައި ހުލިވެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް