ބާސާ ހަމަޖެހިލައިގެން ސްޕެނިޝް ސުޕަ ކަޕްގެ ފައިނަލަށް

ސްޕެނިޝް ސްޕަ ކަޕްގެ ފައިނަލުން އެފްސީ ބާސެލޯނާ ޖާގަ ހޯދައިފިއެވެ.

ބާސާއިން މި މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ރޭ ކުޅުނު ސެމީ ފައިނަލުގައި ބިލްބާއޯގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.

މެޗުގެ 17 ވަނަ މިނެޓުގައި ބާސާއިންވަނީ ލަނޑެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެލެހަންޑްރޯ ބާލްޑޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި ގާވީއެވެ. ބާސާގެ ދެވަނަ ލަނޑު ދެވަނަ ހާފުގެ ކުޅުން ފެށިތާ ހަތް މިނެޓް ފަހުން ކާމިޔާބުކޮށްދިނީ ލެމީން ޔަމާލެވެ.

މިމުބާރާތުގެ ފައިނަލްގައި ބާސާ ބައްދަލުކުރަންޖެހޭ ޓީމެއް އެނގޭނީ ރެއާލް މެޑްރިޑާއި ރެއާލް މަޔޯކާގެ މެދުގައި ކުޅޭ ސެމީ ފައިނަލްގެ ދެވަނަ މެޗަށް ފަހެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހެވެ.

ބާސާއިން ކުޅުނު ސެމީފައިނަލް މެޗުގައި އެ ޓީމަށް ދާދި ފަހުން ވަގުތީ ގޮތުން ރަޖިސްޓްރީކުރުމުގެ ހުއްދަ ލިބުނު ޑާނީ އޮލްމޯއާއި ޕައު ވިކްޓާއަށް ކުޅެވޭގޮތެއް ނުވިއެވެ. ނަމަވެސް، ބާސާ ދެން ކުޅޭ މެޗެއްގައި ދެ ކުޅުންތެރިން ފެންނާނެ ކަމަށް ބެލެވެއެވެ. ބާސާގެ މާލީ ހާލަތު ހުރިގޮތުން ސީޒަންގެ ކުރީ ބަޔަށް މި ދެ ކުޅުންތެރިން ރަޖިސްޓްރީ ކުރެވިފައިވީ ނަމަވެސް ލަލީގާއާއި ސްޕެނިޝް ފުޓްބޯލް ފެޑެރޭޝަނުންވަނީ އެ ކްލަބްގެ މާލީ ހާލަތު ހުރިގޮތުން ސީޒަންގެ ބާކީ ބަޔަށް އެ ދެ ކުޅުންތެރިން ރަޖިސްޓްރީކޮށްދެވެން ނެތްކަން ހާމަކޮށްފަައެވެ.

ނަމަވެސް، ސްޕެއިންގެ ނޭޝަނަލް ސްޕޯޓްސް ކައުންސިލުން މިހާރު ވަނީ ވަގުތީ ގޮތުން މި ދެ ކުޅުންތެރިން ރަޖިސްޓްރީކުރުމުގެ ހުއްދައެއް ބާސާއަށް ދީފައެވެ.

comment ކޮމެންޓް