ސަލްމާ އިވެންޓަށް ދިޔައީ 300 ކެރެޓުގެ އެމެރަލްޑާ އެކު

ދާދިފަހުން ނިމުނު ގޯލްޑަން ގްލޯބް އެވޯޑު ހަފުލާގެ ވާހަކަ އަދިވެސް ދައްކާ ނުނިމެއެވެ. އެގޮތުން، ތަރީންގެ ހެދުންތަކުން ފެށިގެން ދިމާވި އެކި ކަހަލަ ކަންތަކުގެ ވާހަކަތައް އަދިވެސް ޓްރެންޑުވަމުން އެބަދެއެވެ. އެއިން އެއް ވާހަކައަކީ މަޝްހޫރު ތަރި ސަލްމާ ހައެކްގެ ފަށުގެ ވާހަކައެވެ.

މިދިޔަ ހޯމަ ދުވަހު ބޭއްވި ގޯލްޑެން ގްލޯބްގެ ރެޑްކާޕެޓް އިވެންޓުން އެތައް ބައެއްގެ ސަމާލުކަން ސަލްމާ އަތުލައިގަތެވެ. ސަލްމާއަކީ ކޮންމެ އިވެންޓަކުން ވެސް ހުރިހާ އެންމެންގެ ސަމާލުކަން ހޯދާ ތަރިއެކެވެ. މި ފަހަރު ވެސް ތަފާތެއް ނެތެވެ.

އެކަމަކު، މިފަހަރުގެ ސަމާލުކަން ސަލްމާގެ ކަރުގައި އޮތް ފަށަށް ވެސް ހުއްޓުނެވެ.

މި އިވެންޓަށް ސަލްމާ އަޅައިގެން ދިޔައީ ފެހި ކުލައިގެ އަގުބޮޑު ފަށެކެވެ. މުޅި ފަށް ޖަރީ ކުރެވިފައިވަނީ އެމެރަލްޑުންނެވެ. މިއީ އަދި އާދައިގެ އެމެރަލްޑެއް ވެސް ނޫނެވެ. މިއީ 300 ކެރެޓުގެ ކޮލަމްބިއަން އެމެރަލްޑެވެ.

އެމެރަލްޑް އާ ގުޅުވާލަން އޭނާ ކަންފަތާއި އިނގިލި ޖަރީ ކޮށްލާފައިވަނީ ވެސް ފެހި ކުލައިންނެވެ. މި ތަކެތީގެ އަގެއް ނޭނގެއެވެ. ނަމަވެސް، މައުލޫމާތު ލިބޭ ގޮތުގައި މި ފަށުގެ އަގު އެކަނި ވެސް 100،000 ޑޮލަރުން މަތިވާނެއެވެ. މުޅި އައުޓްފިޓް އެއްކޮށް ގާތްގަނޑަކަށް މިލިއަން ޑޮލަރާ ގާތް ކުރާނެއެވެ.

މިއީ ސަލްމާގެ މި އަހަރުގެ ފުރަތަމަ ރެޑް ކާޕެޓް އިވެންޓެވެ. އެހެންވެ، ޚާއްސަކޮށް ތައްޔާރުވެލައިގެން އަންނަން ބޭނުންވި ކަމަށް ސަލްމާ ވަނީ ރެޑް ކާޕެޓުގައި ފާހަގަކޮށްފައެވެ. މި އިވެންޓުގައި އޭނާ ވަނީ އެވޯޑު އިއުލާނުކުރުމަށް ސްޓޭޖަށް ވެސް އަރާފައެވެ.

comment ކޮމެންޓް