ރޯދައަށް ހުންނައިރު މާބޮޑަށް ވަރުބަލިވަނީތަ؟ މިކަންކަން ކޮށްލާ

ރޯދައަށް ހުރެ ވަރުބަލިކަން އިހުސާސްވުމަކީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ތަޖުރިބާކުރާ ކަމެއް--ފޮޓޯ/އެބައުޓްއިސްލާމް

ރޯދަ މަސް ފެށުމުގެ ކުރިން އެ މަހުގެ ކެއުންތައް ވަކިގޮތަކަށް ބައްޓަންކޮށް ދުޅަހެޔޮ ކާނާ ކެއުމަށް ސަމާލުކަން ދިނުމަށް އަޒުމު ކަނޑައަޅާ މީހުން އަޅުގަނޑުމެންގެތެރޭ މަދެއް ނޫނެވެ.

އެހެން މަސްތަކާ ޚިލާފަށް ހަށިގަނޑުގައި ވަރުހުންނަ ކަހަލަ ކެއުންތައް ހާރަށް ކެއުމަށާއި ރޯދަވީއްލުމަށް ތައްޔާރު ކުރުމަށް ވެސް އަޅުގަނޑުމެން ސަމާލުކަންދެމެވެ.

ނަމަވެސް ރޯދައަށް ހުރުމަށްފަހު ދުވަސް ފަށައި، މެންދުރު ފަހަށް އެޅުމުން ވަރުބަލިކަން އިހުސާސްވެ ހަށިގަނޑުގައި ވަރު ނެތުމަކީ ވެސް ވަރަށް ގިނަ މީހުން ތަޖުރިބާކުރާ ކަމެކެވެ.

ރަމަޟާން މަހު ރޯދައަށް ހުރުމަކީ މުސްލިމުންގެ މައްޗަށް ފަރުޟު ކުރައްވާފައިވާ ކަމަކަށް ވާއިރު ރޯދަ މަހު އިހުސާސްވާ ވަރުބަލިކަމާ އެކު ވެސް އެ މަހުގެ ސަވާބު ހޯދުމަށް އަޅުގަނޑުމެން ތިބެނީ ތައްޔާރަށެވެ.

ރޯދަވީއްލާ ވަގުތު ކަދުރު ކެއުމަކީ ސިއްހަތަށް ފައިދާހުރި ގައިގައި ވަރުޖައްސައިދޭ ކެއުމެއް--ފޮޓޯ/ނޯވީހެލްތު

ރޯދައަށް ހުންނަ ހުރުމުގައި މާބޮޑަށް ވަރުބަލިކަން އިހުސާސްވާނަމަ ކުރެވިދާނެ ކަންކަން އިނގިރޭސިވިލާތުގެ ދަ ޔުނިވަސިޓީ އޮފް ލީޑްސް، ސްކޫލް އޮފް މެޑިސިން އަދި ދަ ޔުނިވަސިޓީ އޮފް ބްރެޑްފޯޑްގެ ސީނިއަ ލެކްޗަރަ ޑރ.އާމިރު ޚާން ޝާއިއުކޮށްފައިވާ ލިޔުމެއްގައި ވަރަށް ތަފުސީލުކޮށް ވަނީ ކިޔައިދީފައެވެ.

އަލްޖަޒީރާ ނޫހުގައި ޝާއިއުކޮށްފައިވާ މި ލިޔުމުގައި ޑރ.އާމިރު ޚާން ލަފާ ދެއްވާފައި ވަނީ ރޯދަ މަހު ހާރު ކެއުން ދޫކޮށްނުލުމަށެވެ. އެގޮތުން ހާރަށް ތައްޔާރުކުރާ ކެއުމުގައި ޕްރޮޓީންސް، ފައިބާ އަދި ކާބްސްގެ މާއްދާތަކުން މުއްސަނދި ކެއުންތައް ހިމެނުމަށް ޑރ. އާމިރު ވަނީ ލަފާ ދެއްވައިފައެވެ.

އޭގެ ސަބަބުން ދުވާލުގެ ވަގުތުތަކުގައި ބަނޑުހައިވުން އިހުސާސުވާ މިންވަރު ކުޑަކޮށްދޭނެ ކަމަށް މި ލިޔުމުގައި ވަނީ ފާހަގަކޮށްފައެވެ.

މާބޮޑަށް ވަރުބަލިވާ ކަމުގެ އިހުސާސް ކުރެވޭ ނަމަ އަރާމުކޮށްލުމަށްފަހު އާއިލާގެ މެމްބަރުންނާ އެކު ވަގުތު ހޭދަކޮށްލުމަކީ ވެސް ކޮށްލެވިދާނެ ކަމެއް--ފޮޓޯ/ސައުދީޕީޑިއާ

ހާރަަށް ފަހު ދެން އެންމެ ބޮޑަށް އިންތިޒާރުކުރެވޭ ކެއުމަކީ ރޯދަވީއްލުމަށް ތައްޔާރުކުރެވޭ ކެއުންތަކަށެވެ. އާއްމުގޮތެއްގައި މުސްލިމުން ރޯދަވީއްލަނީ ކަދުރުން ކަމަށްވުމުން އޭގައި އެކުލެވޭ ހަކުރުގެ މާއްދާތަކުގެ ސަބަބުން ހަށިގަނޑަށް ހަކަތައިގެ ''ބޫސްޓެއް'' ގެނުވައިދޭ ކަމަށް ޑރ.އާމިރު ޚާން ވަނީ ފާހަގަކުރައްވާފައެވެ.

ރޯދަވީއްލާ ވަގުތު ބޮޑު ކެއުމަކަށް އިންސާފު ކުރުމުގެ ބަދަލުގައި ދެ ވަގުތަކަށް ކެއުން ބަހާލުމަކީ ހަށިގަނޑަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމެއްގެ ގޮތުގައި ޑރ.އާމިރު ފާހަގަކުރައްވާފައިވެއެވެ. އެއީ ރޯދަވީއްލާ ވަގުތު ބޮޑު ކެއުމެއް ކައިފިނަމަ ކާނާ ހަޖަމުވުމުގެ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑުވުން ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ހަށިގަނޑަށް އިހުސާސްވާ ވަރުބަލިކަން ފިލުވާލުމަށް ކުރެވިދާނެ އިތުރު އެހެން ކަންކަމުގެތެރޭގައި، ދުވާލުގެ ވަގުތު ކުޑަ ވަގުތު ކޮޅަކަށް ނަމަވެސް އަރާމުކޮށްލުން، ލުއި ކަސްރަތެއް ކޮށްލުން ނުވަތަ އިރުއޮއްސުމާ ހަމައަށް އޮންނަ ވަގުތުކޮޅުގައި ކޮންމެވެސް ކަހަލަ ގޭމެއް އާއިލާގެ މެމްބަރުންނާ އެކު ކުޅުން ހިމެނެއެވެ. އެފަދަ ގޮތަކަށް ވަގުތު ހޭދަކޮށްލުމުން، މީހާއަށް ލިބިފައިވާ ވަރުބަލިކަމާމެދު ވިސްނުމާ ދުރުކޮށްދިނުމަށް އެހީތެރިވެދޭނެއެވެ.

comment ކޮމެންޓް