ރޯދަ މަހަކީ ނަފުސާނީ ދުޅަހެޔޮކަމާއި އުފާވެރިކަން އިތުރުވާ މައްސަރެއް: ދިރާސާ

ރަމަޟާން މަހަކީ އަޅުގަނޑުމެންގެ ނަފުސުގު ދުޅަހެޔޮކަމަށް ހެޔޮ ބަދަލުތަކެއް ގެނުވައިދޭ މައްސަރެއް--ފޮޓޯ/ޕިންޓްރެސްޓް

ރަމަޟާން މަހަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމުންނަށް އަހަރަކު އެއްފަހަރު ބައްދަލުކުރާ ވަރަށް މަތިވެރި މައްސަރެކެވެ.

ރަމަޟާން މަހުގެ ރޫޙާނީ ފައިދާތަކުގެ އިތުރުން މި މައްސަރުގައި ރޯދަ ހިފުމަކީ ނަފުސާނީ ދުޅަހެޔޮކަމަށް ވެސް ހެޔޮ އަސަރުތަކެއް ކުރުވާ ކަމެއް ކަމަށް ދިރާސާތަކުން ދައްކައެވެ.

ރަމަޟާން މަހު ދުވާލުގެ ވަގުތު ކެއުމާ ދުރުވެ ހުރުމަށް އަމިއްލަ ނަފުސު ކޮންޓްރޯލް ކުރުމަކީ ވަރަށް ރަނގަޅު އާދައެއް ކަމަށް އިނގިރޭސިވިލާތުގައި ސައިކޯތެރަޕެޓިކް ކައުންސެލައެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ ސަލޭހާ ޗައުދަރީގެ ލިޔުމެއްގައި ބުނެފައިވެއެވެ.

އެހީތެރިކަން ބޭނުންވެފައިވާ މީހަކަށް އެހީ ފޯރުކޮށްދެވުމަކީ ހިތަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބި އެކަމުން އެމީހަކަށް ހެޔޮ ދަރުމަ ލިބޭ ކަމެއް--ފޮޓޯ/ޗެރިޓީމީލްސް

ސަލޭހާގެ މި ލިޔުމުގައި ފާހަގަކޮށްފައިވާ ގޮތުގައި އަމިއްލަ ނަފުސު ކޮންޓްރޯލް ކުރުމުގެ މި ކަސްރަތަކީ އަމިއްލަ ނަފުސަށް ކުރާ އިހުތިރާމް ކުރިއަރުވައި، އިމްޕަލްސް އާއި ހިތުގެ އެދުންތައް މެނޭޖްކުރުމުގެ ޤާބިލުކަން އިތުރުކުރުވާ ކަމެކެވެ.

އަމިއްލަ ނަފްސު ކޮންޓްރޯލް ކުރެވޭއިރު، ދިރިއުޅުމުގައި ހަމަޖެހުން އިތުރުވެ، ސްޓްރެސް އާއި އެންޒައިޓީގެ އިހުސާސްތައް ކުޑަކޮށްދިނުމަށް ރޯދައިގެ ސަބަބުން އެހީވެދެއެވެ.

ދުވާލުގެ ވަގުތު ރޯދައަށް ހުންނައިރު އިހުސާސްވާ ބަނޑުހައިހޫނު ކަމުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ މީހުންގެ އިހުސާސްތައް ތަސައްވަރުކުރެވި އެހެން މީހުންނާ މެދު ހަމްދަރުދީވެވެއެވެ.

އާއިލާއާ ރަޙްމަތްތެރިންނާ އެކު ވަގުތެ ހޭދަކޮށްލުމަކީ ވެސް ހިތަށް އުފާވެރިކަން ލިބި ހިތުގެ ހަމަޖެހުން އިތުރުވާނެ ކަމެއް--ފޮޓޯ/އޯކް

މީގެ ސަބަބުން ހިތުގައި އޯގާތެރިކަން އިތުރުވެ އެހެން މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެދޭ މިންވަރު އިތުރުވެ، ނަފުސާނީ ދުޅަހެޔޮކަން އިތުރުވެއެވެ. ހިތުގައި އުފެދޭ ހަމްދަރުދީގެ ސަބަބުން އެހެން މީހުންނަށް އެހީތެރިކަން ފޯރުކޮށްދެވި އެކަމުގެ ސަބަބުން ހިތަށް އުފާވެރިކަން ލިބުމަށް މަގުފަހިކުރުވާކަން ވެސް އެ ދިރާސާގައި ފާހަގަވެއެވެ.

ރޯދައަށް ހުންނަ ވަގުތުގައި ސިކުނޑިއަށް ލިބިފައިވާ ހިތްހަމަޖެހުމުގެ ސަބަބުން ސްޓްރެސް އާއި އެންޒައިޓީ ފަދަ ކަންކަމުން މީހާ ދުރުހެލިކުރުވާ ނަފުސާނީ ހާލަތު ބެލެންސް ކުރުމަށް ވެސް އެހީތެރިވެދޭ ކަމަށް ސައިކޯތެރަޕެޓިކް ކައުންސެލާ ސަލޭހާ ފާހަގަކޮށްފައިވެއެވެ.

ހަމައެއާއެކު ރަމަޟާން މަހަކީ ލިބިފައިވާ ނިޢުމަތްތަކާ މެދު ވަރަށް ބޮޑަށް ވިސްނާ އެ ނިޢުމަތްތަކަށް ޝުކުރުވެރިވުމަށް މަގުފަހިކޮށްދޭ މައްސަރެކެވެ. ޝުކުރުވެރިވުމަކީ ނަފުސާނީ ދުޅަހެޔޮކަމުގެ ނަތީޖާ ރަނގަޅުވެ އުފާވެރިކަން އިތުރުވެ، ޑިޕްރެޝަން ދަށްވެ، ދިރިއުޅުމުގެ ހިތްހަމަޖެހުން އިތުރުކޮށްދޭ ބާރުގަދަ އިހުސާސެއް ކަމަށް ސަލޭހާ ވަނީ ފާހަގަކޮށްފައެވެ.

މީގެއިތުރުން، ރޯދަ މަހަކީ ނިދުމުގެ ވަގުތުތަކަށް ހާއްސަ ސަމާލުކަމެއް ދެވޭ މައްސަރަކަށް ވުމުން ނަފުސާނީ ދުޅަހެޔޮކަމާ ގުޅިފައި އޮންނަ ހަށިގަނޑަށް ބޭނުންވާ ފުރިހަމަ ނިދި ހޯދުމުގައި ވަރަށް ބޮޑު އެހީއެއް ވެދެއެވެ.

އޭގެ ސަބަބުން ކަށީގައި ރަނގަޅު އާދަތައް ހަރުލާ ނަފުސާނީ ދުޅަހެޔޮކަން އިތުރުކޮށްދޭ ކަމަށް ވެސް ސަލޭހާ ވަނީ ފާހަގަކޮށްފައެވެ. މީގެއިތުރުން ވެސް ރަމަޟާން މަހަކީ ގުޅުންތައް ބަދަހިކުރުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމުން އާއިލާގެ މެމްބަރުންނާއި ރަހުމަތްތެރިންނާ އެކު ހޭދަކުރެވޭ ވަގުތުތަކުގެ ސަބަބުން އެކަނިވެރިކަން އިހުސާސްކުރުވާ މިންވަރު މަދުކޮށްދެއެވެ.

ރަމަޟާން މަހާ ގުޅިގެން ނަފުސާނީ ދުޅަހެޔޮކަން އިތުރުވާ މިފަދަ އަމަލުތަކަކީ ހަމައެކަނި މި މައްސަރަށް އެކަނި އާދަކުރަންވީ ކަންކަން ނޫން ކަމަށާއި ރަމަޟާން މަހަށް ފަހު ވެސް މުޅި އަހަރު ދުވަހަށް ބަހާލައިގެން މި އަމަލުތައް މަތީ ދެމިހުރުމަށް އަޒުމް ކަނޑައަޅަންވާނެ ކަމަށް ސަލޭހާ ވަނީ އިރުޝާދުދީފައެވެ.

comment ކޮމެންޓް