ރާއްޖޭގައި ވާޗުއަލް ކަރަންސީ ބޭނުން ކުރުމަކީ މަަނާކަމެއް: އެމްއެމްއޭ

ވާޗުއަލް ކަރަންސީގެ ގޮތުގައި ބޭނުންކުރާ ބިޓްކޮއިންތަކެއް ---

ރާއްޖޭގައި ވާޗުއަލް ކަރަންސީ ބޭނުންކުރުމަކީ މަނާކަމެއް ކަމަށް މަރުކަޒީ ބޭންކު އެމްއެމްއޭ އިން ބުނެފި އެވެ.

އެމްއެމްއޭ އިން މިއަދުކުރި އިއުލާނެއްގައި ބުނެފައި ވަނީ ރާއްޖޭގައި ކްރިޕްޓޯ ކަރަންސީ ނުވަތަ އެފަދަ ވާޗުއަލް ފައިސާ ގަނެ ވިއްކާ ކަމަށް އިޝްތިހާރު ކުރަމުންދާކަން ފާހަގަވެފައިވާ ކަމަށެވެ.

ރާއްޖޭގައި ޑޮމެސްޓިކް އަދި އިންޓަނޭޝަނަލް މަނީ ރެމިޓަންސް ވިޔަފާރި އާއި މަނީ އެކްސްޗޭންޖްގެ ވިޔަފާރި ރެގިއުލޭޓް ކުރާ ގާނޫނުގެ ދަށުން އެއްވެސް ފަރާތަކުން ވިޔަފާރި ކުރުމުގައި ކްރިޕްޓޯ ކަރަންސީ ނުވަތަ އެފަދަ ވާޗުއަލް ފައިސާ ބޭނުން ކުރުމަކީ މަނާކަމެއް ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.

"ރާއްޖޭގެ ލީގަލް ޓެންޑާ ކަމުގައިވާ ރުފިޔާ ނޫޓާއި ލާރީގެ ފައިސާ ފޮތި، މި އޮތޯރިޓީ ފިޔަވައި އެހެން ފަރާތަކުން ނެރުމަކީ ނުވަތަ ރުފިޔާ ނޫޓާއި ލާރީގެ ފައިސާފޮތި ކަމުގައި ހިމެނިދާނެ ނޫޓު ނުވަތަ ފައިސާ ފޮތި ނުވަތަ ފައިސާގެ އަގު ހިމެނިދާފަދަ ލިޔުމެއް ނުވަތަ ނިޝާނެއް ވިޔަސް ނެރުމަކީ ޤާނޫނީ ގޮތުން މަނާ ކަމެއް ކަމުގައި ދެންނެވީމެވެ،" އެމްއެމްއޭގެ އިއުލާނުގައިވެ އެވެ.

ރާއްޖޭގެ ލީގަލް ޓެންޑާ ކަމުގައިވާ ރުފިޔާ ނޫޓާއި ލާރީގެ ފައިސާ ފޮތި ކަމަށް ދޭހަވާ ފަދަ އެއްވެސް ބާވަތެއްގެ އެއްޗެއް ނުނެރުމަށާއި އެފަދަ އެއްޗެއް މެދުވެރިކޮށް ވިޔަފާރި ނުކުރުމަށް ވެސް އެމްއެމްއޭ އިން ވަނީ އިލްތިމާސް ކޮށްފަ އެވެ.

comment ކޮމެންޓް