ޕެރިސް (8 ޖަނަވަރީ 2025) : ކިތަންމެ ބާރުގަދަ ގައުމެއްނަމަވެސް އެގައުމުން ޔޫރަޕްގެ އިއްތިހާދުގެ ގައުމަކަށް އަރައިގަތުމުގެ ފުރުސަތު ނުދޭނެކަމަށާ ޔޫރަޕް ބަލިކަށި ކަމަށް ލަފާކުރާ ގައުމުތަކަށްވަނީ ހަގީގަތް އޮޅިފައިކަމަށް ފަރަންސޭސިވިލާތުން ބުނެފިއެވެ.
ޑެންމާކުގެ ސަރަހައްދެއް ކަމަށްވާ ގްރީންލެންޑަކީ އެމެރިކާ ވަރަށް ބޭނުން ސަރަހައްދެއްކަމާއި އެތަން ޑެންމާކުގެ އަތުން އަތުލާނެކަމަށް ވިދާޅުވެ އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް ދައްކަވާ ވާހަކަތަކަށް އިޝާރާތް ކުރައްވައި ފަރަންސޭސި ޚާރިޖީ ވަޒީރު ޖާން ނޮވެލް ޕެރޫ ވިދާޅުވީ އެހެން ގައުމަކުން ޔޫރަޕްގެ އިއްތިޙާދުގެ ސަރަހައްދީ ރޮނގަށް އަރައިގަތުމަށް ފުރުސަތު ނުދޭނެކަމުގައެވެ.
ޕެރޫ ވިދާޅުވީ ޔޫރަޕަކީ ބަލިކަށިވެފައިވާ ބައްރެއްކަމަށް ހީވާނަމަ އެއީ ކުށްހީއެއްކަމަށާ ޔޫރަޕަކީ އަދިވެސް ބާރުގަދަ ބައްރެއްކަމުގައެވެ.
ގްރީންލެންޑް އެމެރިކާގެ ބާރުގެ ދަށަށް ގެންނާނެކަމަށް ޓްރަމްޕް ދައްކަވާ ވާހަކަ އޭނާ ގެންދަވަނީ ތަކުރާރު ކުރައްވަމުންނެވެ. ދާދިފަހުން ޓްރަމްޕްވަނީ ގްރީންލެންޑް އަގުދީފައި ގަނެގެން ސުލްހަވެރިކަމާއެކު އެތަން އެމެރިކާގެ ބާރުގެ ދަށަށް ނުގެނެވިއްޖެނަމަ އެކަންކުރާނެ އެނޫންވެސް ގޮތްތައް އެބަ ހުރިކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.
ނަމަވެސް ގްރީންލެންޑަށް އެމެރިކާ އަސްކަރީ ގޮތުން އަރައިގަންނާނެކަމަށް ޓްރަމްޕް ވިދާޅުވެފައެއް ނުވެއެވެ. މިމައްސަލާގައި ޑެންމާކުގެ ބޮޑުވަޒީރާ މެއްޓޭ ފްރެޑްރިސްސެން ވަނީ ވަރަށްކަންބޮޑުވެ ވަޑައިގެން ވާހަކަ ދައްކަވާފައެވެ.
މެއްޓޭ ވިދާޅުވީ ގްރީންލެންޑަކީ ވިއްކާގޮތަށް އޮންނަ ބިމެއްނޫންކަމަށާ އަދި އެއީ ގަދަކަމުން އަތުލައި ގަނެވޭނެ ބިމެއްވެސް ނޫންކަމުގައެވެ. ޑެންމާކުގެ ބައެއްގެ ގޮތުގައި ގްރީންލެންޑް އޮންނަތާ ވަނީ ހަ ގަރުނުވެފައެވެ. އެއީ ގްރީންލެންޑާއި ޑެންމާކާ ދެމެދުވެފައިވާ އިއްތިޙާދީ އެއްބަސްވުމެއްގެ ދަށުންނެވެ.
ޔޫރަޕްގެ މުސްކުޅި އިސްތިއުމާރީ ބާރުތައް ދުނިޔޭގައި މީހުން އަޅުވެތި ކުރުމާއި ތަންތަނަށް އަރައިގަނެ އަތްގަދަ ކުރުމުގެ އިސްތިއުމާރީ ކުޅިގަނޑު ކުޅުނު ދުވަސްވަރު ޑެންމާކުވެސް ގްރީންލެންޑް ހިފީ ބާރުގެ ބޭނުން ކޮށްގެންނެވެ.
ނަމަވެސް އެއަށްފަހު ގްރީންލެންޑްވަނީ އެއްބަސްވުމެއްގެ ދަށުން ޑެންމާކުން އެސަރަހައްދުގެ ދާޚިލީ ކަންކަމުގެ ގެތެރެއަށް ނުވަންނަ ގޮތަށް އަދި މުޅިން އަމިއްލަ ވެރިކަމެއް ކުރާގޮތަށް އިއްތިޙާދީ އެއްބަސްވުމެއްގެ ދަށުން އެ ސަރަހައްދު ޑެންމާކުގެ ބެލުމުގެ ދަށުގައި އޮންނަ ގޮތަށް މީގެ 6 ވަރަކަށް ގަރުނުގެ ކުރިން އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
ޓްރަމްޕް ގެންދަވަނީ ގައުމުތަކަށް ބިރުދައްކައި އޭނާއަކީ މާވަރުގަދަ ބޭފުޅެއްކަމާއި އޭނާ ދެކެ އެހެންގައުމުތައް ބިރުގަންނަން ޖެހޭ ފަދަ ގޮތަކަށް ގައުމުތަކަށް ބިރު ދައްކައި އިންޒާރު ދެއްވަމުންނެވެ.
ޓްރަމްޕްގެ އިންޒާރުތައް ގްރީންލެންޑްގެ އިތުރުން ކެނެޑާ، ޕެނަމާ، މެކްސިކޯ އީރާނާއި ޗައިނާ އަދި ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތަށްވެސް ވަނީ އަމާޒު ކުރައްވައިފައެވެ. ނަމަވެސް މިއިން އެއްވެސް ފަރާތަކުން ޓްރަމްޕްގެ އިންޒާރުތަކާ ގުޅިގެން ބިރުގަނެ ފަހަތަށް ޖެހޭނެކަމުގެ އިޝާރާތެއް ނުދެއެވެ.
ޓްރަމްޕް ކެނެޑާއަށް ދެއްވި އިންޒާރުގައި ވިދާޅުވެފައިވަނީ ކެނެޑާ އަށް އެންމެ ރަނގަނޅު ގޮތަކީ މިނިވަން ގައުމެއްގެ ބަދަލުގައި އެމެރިކާގެ ސްޓޭޓަކަށް ވުން ކަމުގައެވެ. މިކަމަށް ރައްދު ނުދެއްވައި ހުންނެވުމަށްފަހު ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވަނީ އޭނާގެ ޕާޓީގެ އެތެރޭގެ އަރާރުމަކާ ގުޅިގެން މީގެ ދެ ދުވަސްކުރިން އިސްތިއުފާ ދެއްވާފައެވެ.
މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ދެއްވި ބަޔާނެއްގައި ޓްރޫޑޯ ވަނީ ކޮންމެ ބޭފުޅަކު ކެނެޑާގެ ވެރިކަމުގައި ހުންނެވި ނަމަވެސް ޓްރަމްޕްގެ ބިރުދެއްކުން ތަކަށް ކެނެޑާ ކުޑަކަކޫ ނުޖަހާނެކަމަށް ވިދާޅުވެ ޓްރަމްޕަށް ހަރުކަށި ރައްދެއް ދެއްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި ކެނެޑާ އޮތީ އެ ގައުމުގެ މިނިވަންކަން ދެމެހެއްޓުމަށް ޓަކައި ހަނގުރާމަކުރަން ޖެހިއްޖެނަމަ އެ ކަން ވެސް ކުރާގޮތަށެވެ.
ޓްރަމްޕް އެންމެ ފަހުންވަނީ ނޭޓޯގެ ގައުމުތަކަށްވެސް އިއްޔެ ހަރުކަށި އިންޒާރެއް ދެއްވާފައެވެ. މި އިންޒާރުގައި ޓްރަމްޕްވަނީ ނޭޓޯގެ ގައުމުތަކުން އެމެރިކާއަށް އިތުރަށް ފައިސާ ނުދޭނަމަ އެމެރިކާގެ ފަރާތުން ނޭޓޯގެ ގައުމުތަކަށް ދިފާއީ ގެރެންޓީ ނުދޭނެކަން ހާމަކުރައްވައިފައެވެ.