ގިނަ ބައެއްގެ ފާޑުކިޔުން ރައްދުވެފައިވާ އެޗްބީއޯގެ މަގުބޫލު ޓީވީ ޝޯ "ލާސްޓް އޮފް އަސް"ގެ ދެވަނަ ސީޒަން ނެރެން ތައްޔާރުވެއްޖެއެވެ.
އެޗްބީއޯއިން 2023 ވަނަ އަހަރުގެ ކުރީކޮޅުގައި ދައްކާފައިވާ މި ޝޯ ވެފައިވަނީ ބޮޑު ހިޓަކަށެވެ. މަގުބޫލު ގޭމް ސީރީޒަކަށް ބިނާކޮށް ތައްޔާރުކޮށްފައިވާ މި ޝޯ ފެށުނުއިރު ވެސް ވަނީ ބޮޑު ފޭން ބޭސް އެއް ހޯދާފައެވެ.
ނަމަވެސް، އެ އަހަރުގެ އޮކްޓޯބަރު މަހު އިޒްރާއިލުން ފަލަސްތީނަށް ދެމުން ދިޔަ ހަމަލާތަކާ ގުޅިގެން ގިނަ ބައެއްގެ ހިޔާލު ވަނީ ޝޯއާމެދު ބަދަލުވެފައެވެ. ހަމަލާތަކާ ގުޅިގެން އެތައް ބަޔަކަށް އެނގިގެން ދިޔައީ ޝޯގެ ކެމެރާގެ ފަހަތުގައި ތިބި ގިނަ ބަޔަކީ އިޒްރާއީލަށް ސަޕޯޓުކުރާ ބައެއް ކަމެވެ. އެއާއެކު ޝޯ ބޮއިކޮޓުކުރަން ގޮވާތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ.
ނަމަވެސް، އެޗްބީއޯއިން މިހާރު ރެޑީ ވަނީ ޝޯގެ ދެވަނަ ސީޒަން ނެރުމަށެވެ. ޝޯގެ އޮރިޖިނަލް ކާސްޓުން ކަމަށްވާ ޕެޑްރޯ ޕާސްކަލާއި ބެލާ ރާމްޒޭ އާ ސީޒަނުން ފެންނާނެއެވެ. ޒުވާން އެކްޓަރު ބެލާ ވަނީ މީގެ ކުރީން ފަލަސްތީނަށް ސަޕޯޓުކޮށްފައެވެ.
ޝޯގެ އާ ސީޒަން ނެރުމަށް ތައްޔާރުވަނީ މި އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައެވެ. ނަމަވެސް، ޝޯ ނެރޭނެ ސީދާ ދުވަހެއް އެޗްބީއޯއިން އަދި ހާމަކޮށްފައެއް ނުވެއެވެ.
ލާސްޓް އޮފް އަސްއަށް ލޯބި ކުރާ ގިނަ ބަޔަކު ތިބިއިރު މި ޝޯ ބޮއިކޮޓުކުރަން ވެސް ގިނަ ބަޔަކު ގޮވަމުން ދެއެވެ. ނަމަވެސް، ޝޯ ބަލަން ބޭނުންވާ ނަމަ ޝޯ ޕައިރޭޓް ކުރުމަށް ބޮއިކޮޓު ކުރާ މީހުން އެދެއެވެ.
ލާސްޓް އޮފް އަސްއަކީ ކުއްލި ގޮތަކަށް ދުނިޔެއަށް ފެތުރޭ ވައިރަހެއްގެ ސަބަބުން "ޒޯމްބީސް" ޒާތުގެ އެއްޗެހިތަކެއް އުފެދިގެން އައުމާ އެކު ކަންތައް ވެގެންދާ ގޮތް ދައްކުވައިދޭ ގޭމެކެވެ. މި ގޭމުގައި އަލިއަޅުވާލާނީ ޖޯލް އާއި އެލީގެ ދިރިއުޅުމަށެވެ. ޝޯއިން ވެސް ކިޔައިދޭނީ މި ވާހާކައެވެ.