ސަނާއަށް މި ފަހަރު ވެސް ލިބުނީ ފިރިހެން ކުއްޖެއް

ސަނާ ޚާން އަދި ފިރިމީހާ އަނަސް ސައްޔަދު--ފޮޓޯ/ޕިންކްވިލާ

ކުރިން ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރުމަށް ފަހު މިހާރު ފިލްމީ ދާއިރާއިން އެއްކޮށް ދުރަށް ޖެހިފައިވާ ކުރީގެ ބަތަލާ ސަނާ ޚާންއަށް ފިރިހެން ކުއްޖަކު ލިބިއްޖެއެވެ.

މިދިޔަ އާދީތައް ދުވަހު ސަނާގެ އާއިލާއަށް އާ މެންބަރަކު އިތުރުވެފައިވާ ކަމަށާއި މި ފަހަރު ވެސް ލިބުނީ ފިރިހެން ކުއްޖެއް ކަމަށް ސަނާއާއި ފިރިމީހާ އަނަސް ސައްޔަދު ގުޅިގެން ހޯމަ ދުވަހު ނެރުނު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވަނީ ބުނެފައެވެ.

ދެވަނަ ކުއްޖާ ވިހޭކަން އިއުލާނުކުރި ނަމަވެސް ދަރިފުޅުގެ ނަމާއި ފޮޓޯ މިހާތަނަށް އެއްވެސް ޕްލެޓްފޯމެއްގައި ހިއްސާކޮށްފައެއް ނުވެއެވެ. ސަނާގެ ސޯޝަލް މީޑިއާގައި ބުނެފައިވަނީ ދޮށީ ދަރިފުޅު ތޯރިގް ޖަމީލަށް ލޯބިލޯބި ކޮއްކޮއެއް ލިބިފައިވާ ކަމަށާއި ހެއްދެވި ފަރާތަށް ޝުކުރުކޮށް ހަމްދުކުރާ ކަމަށެވެ.

ސަނާ ފިރިމީހާ އަނަސް އަދި އަލަތު ދަރިފުޅާ އެކު--ފޮޓޯ/ފޭސްބުކް

ފިލްމުތަކުން ފެނުމުގެ އިތުރުން ސަނާއަށް އާންމުންގެ ބޮޑު މަގުބޫލުކަމެއް ލިބުނީ ކަލަސް ޗެނަލްއިން ގެނެސްދޭ ރިއަލިޓީ ޝޯ "ބިގް ބޮސް"ގެ ހަވަނަ ސީޒަންގައި ސަނާ ބައިވެރިވުމާ ގުޅިގެންނެވެ. ދީނީ ޢިލްމުވެރިޔާ އަނަސް ސައްޔަދާ 2020ވަނަ އަހަރު ކައިވެނިކުރުމަށް ފަހު ސަނާ ވަނީ މުނިފޫހިފިލުވުމުގެ ދާއިރާ މުޅިން ދޫކޮށްލާފައެވެ.

ޒަވާޖީ ހަޔާތެއް ފެށުމަށް ފަހު ސަނާ ވަނީ މުނިފޫހިފިލުވުމުގެ ދާއިރާ ދޫކޮށްލީ އިސްލާމްދީނުގެ ހިދާޔަތު ލިބި ދީނުގައި ނަހީކޮށްފައިވާ ކަންކަމުން ދުރުހެލިވެ، ތައުބާވެ، އިސްލާމްދީނުގައި އަންގަވާފައިވާ ގޮތަށް ދިރިއުޅުން ބިނާކުރުމުގެ ބޭނުމުގައި ކަމަށް ބުނެފައެވެ.

ކައިވެންޏަށް ފަހު ސަނާ ފާހަގަކުރެވުނީ އިސްލާމް ދީނުގެ މައުލޫމާތު އާންމުންނަށް ފޯރުކޮށްދީ ހޭލުންތެރިކުރުމުގެ ގޮތުން މަސައްކަތް ކުރަމުން އަންނަ މީހެއްގެ ގޮތުގައެވެ. ފިލްމީ ދާއިރާއިން ސަނާ ދުރަށް ދިޔަ ނަމަވެސް އިންޑަސްޓްރީގެ ވަރަށް ގިނަ މީހުންނަކީ އަދިވެސް ސަނާގެ ވަރަށް ގާތް މީހުންނެވެ.

comment ކޮމެންޓް