ސުނިލް، ވިވެކް އަދި ސޫރަޖް ތާރީޚީ ފިލްމަކަށް ތައްޔާރުވަނީ

ބޮލީވުޑްގެ އެކްޓަރުން ކަމަށްވާ ވިވެކް އޮބެރޯއި، ސުނިލް ޝެޓީ އަދި ސޫރަޖް ޕަންޗޯޅީ--ފޮޓޯ/ބޮލީވުޑްހަންގާމާ

ފިލްމު "ހީރޯ"އިން 2015 ވަނަ އަހަރު ބޮލީވުޑަށް ތަޢާރަފުވި ސޫރަޖް ޕަންޗޯޅީ އިންޑިއާގެ ތާރީޚާ ގުޅުން ހުރި ބައޮގްރަފިކަލް ޑްރާމާއަކަށް ތައްޔާރުވަމުން އަންނަކަން ހާމަކޮށްފިއެވެ.

ސޫރަޖާ އެކު މި ފިލްމުގެ މުހިންމު ރޯލުތަކުން ފެންނާނީ ބޮލީވުޑްގެ ތަޖުރިބާކާރު އެކްޓަރުން ކަމަށްވާ ސުނިލް ޝެޓީ އަދި ވިވެކް އޮބެރޯއީއެވެ. ބޮޑު ބަޖެޓަކުން ވަރަށް ގްރޭންޑްކޮށް އުފައްދަން ނިންމާފައިވާ މި ފިލްމަކީ އިންޑިއާގެ ގުޖްރާތުގައި 14 ވަނަ ގަރުނުގެ ތެރޭ ބިނާކުރި ފައްޅިއެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.

މި ފިލްމުގައި ގެނެސްދޭ ގިނަ ވާހަކަތަކަކީ ހަގީގީ ހާދިސާތަކުގެ މައްޗަށް ބިނާކޮށް ގެނެސްދޭނެ ވާހަކަތަކެއް ކަމަށާއި ގުޖްރާތުގެ ތާރީޚާ ގުޅުންހުރި މުހިއްމު ކަންކަން ފިލްމުން ބެލުންތެރިން ތަޖުރިބާކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. ފިލްމުން ބަތަލާގެ ރޯލުން ފެންނާނީ އަކަންކްޝާ ޝަރުމާ ކަމަށް ރިޕޯޓުތައް ބުނެފައިވާއިރު މި ފިލްމަކީ ދެ ތަރިން ވެސް ސުނިލާއި ވިވެކާ އެކު މަސައްކަތް ކުރާނެ ފުރަތަމަ ފަހަރެވެ.

ސޫރަޖް އަދި އަތިޔާ ފިލްމު "ހީރޯ"ގެ މަންޒަރެއްގައި--ފޮޓޯ/ފްލިކްސް

ފިލްމު "ހީރޯ"އިން ސޫރަޖް ބޮލީވުޑަށް ތައާރަފުކުރުމުގައި އެންމެ ބޮޑު ދައުރެއް އަދާކޮށްފައިވަނީ އެކްޓަރު ސަލްމާން ޚާނެވެ. ކުރީގެ ބަތަލާ ޖިއާ ޚާންއާ ލޯބީގެ ގުޅުމެއް އޮތުމަށް ފަހު ޖިއާ ޚާން މަރުވި މައްސަލައާ ގުޅިގެން ސޫރަޖްގެ ފިލްމީ ކެރިއަރަށް އޭގެ އަސަރު ވަރަށް ބޮޑަށް ވަނީ ކޮށްފައެވެ. ޖިއާގެ މަރުވި މައްސަލައިގެ ދައުވާ ސޫރަޖަށް 2013 ވަނަ އަހަރު އާއިލާއިން އުފުލާފައިވާއިރު 2023 ވަނަ އަހަރު ތެރޭ އިންޑިއާގެ ކޯޓުން ވަނީ އެ ހާދިސާގައި ސޫރަޖުގެ ކުށެއް ނެތް ކަމަށް ކަނޑައަޅާ މިނިވަންކޮށްފައެވެ.

ކުރީގެ ފިލްމީ ތަރިން ކަމަށްވާ އަދިތިޔަ ޕަންޗޯޅީ އަދި ޒަރީނާ ވައްހާބުގެ ދަރިއެއް ކަމަށްވާ ސޫރަޖުގެ މި ފިލްމާ އެކު އޭނާގެ ފިލްމީ ކެރިއަރުގެ ކުރިމަށް ކުރެވޭ އުންމީދުތައް އާވެގެންދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. ސޫރަޖާ އެކު ފިލްމު "ހީރޯ"އިން ބޮލީވުޑަށް ތައާރަފުވި ސުނިލް ޝެޓީގެ ދަރިފުޅު އަތިޔާ ޝެޓީއަކީ ވެސް ބެލުންތެރިންގެ މާ ބޮޑު ތަރުހީބެއް ނުލިބި ފިލްމީ ދާއިރާއިން މިހާރު ދުރަށްޖެހިފައިވާ ބަތަލާއެކެވެ.

comment ކޮމެންޓް