ސްޕޭސް-އެކްސް އިން އިޓަލީގެ މުވާސަލާތީ ނިޒާމުގައި ޖާގަ ހޯދަން މަސައްކަތްކުރަމުން ދާކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
އިޓަލީގެ މުވާސަލާތީ ނިޒާމުގައި ދައުރެއް އަދާކުރުމަށް ބިލިއަނަރު އެލޮން މަސްކް މަސައްކަތް ކުރަމުންދާއިރު، އޭނާގެ އެއަރޮސްޕޭސް ވިޔަފާރި ސްޕޭސް-އެކްސް އާއި ސެޓެލައިޓް ބްރޯޑްބޭންޑް ވެންޗަރ ސްޓާލިންކް ފުޅާކުރުމަށް ވެސް މަސައްކަތްކުރަމުން ދެއެވެ.
ރޮއިޓާސްގެ ރިޕޯޓެއްގައި ވާގޮތުން ސްޓާލިންކާ އެކު ސަޕްލައި އެގްރީމެންޓްތަކެއް ހެދުމަށް އިޓަލީން ދިރާސާކުރަމުންދާއިރު، އިޓަލީއަށް އެންމެ ރައްކާތެރި އަދި ކުރިއަރާފައިވާ މުވާސަލާތީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ތައްޔާރަށް ހުރި ކަމަށް މަސްކް ވަނީ ހާމަކުރައްވާފައެވެ.
އިޓަލީގެ ބޮޑުވަޒީރު ޖިއޯޖިއާ މެލޯނީ އާއި މަސްކްގެ ދެމެދުގައި ވަރަށް ގާތް ގުޅުމެއް އޮވެއެވެ. މަސްކަކީ އެމެރިކާގެ ރައީސްކަމާ ދެވަނަފަހަރަށް ހަވާލުވާ ޑޮނަލްޑް ޓްރަމްޕްގެ ވެސް ގާތް އެކުވެރިއެކެވެ.
މަސްކްގެ ސްޕޭސް-އެކްސްގެ ބައެއް ކަމަށްވާ ސްޓާލިންކްގެ 6،700 ސެޓެލައިޓް ލޯ އޯބިޓްގައި ހަރަކާތްތެރިވަމުން ދާއިރު، ދުނިޔޭގައި ހަރަކާތްތެރިވާ ސެޓެލައިޓްތަކުގެ ތިން ބައިކުޅަ ދެ ބައި އެ ކުންފުނިން ކޮންޓްރޯލްކުރެއެވެ.
ސްޓާލިންކްއިން ހަތަރު މިލިއަނަށް ވުރެ ގިނަ ކަސްޓަމަރުންނަށް ލޯ-ލޭޓެންސީ ބްރޯޑްބޭންޑް ޚިދުމަތް ފޯރުކޮށްދެއެވެ. މި ކަސްޓަމަރުންގެ ތެރެއިން 55،000 ކަސްޓަމަރުންނަކީ ޔޫރޯ ޒޯންގެ ތިން ވަނައަށް އެންމެ ބޮޑު އިގްތިސާދު ކަމަށްވާ އިޓަލީގެ ކަސްޓަމަރުންނެވެ.
މެޑިޓަރޭނިއަން ސަރަހައްދުގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރާ އިޓަލީގެ ސަރުކާރާއި، ޑިޕްލޮމެޓުންނާއި، ދިފާއީ އޮފިޝަލުންގެ މެދުގައި ރައްކާތެރި މުވާސަލާތީ ޚިދުމަތް ފޯރުކޮށްދިނުމަށް މަސްކްގެ ސްޕޭސް އެކްސްގެ މުވާސަލާތީ ނިޒާމު ބޭނުންކުރުމަށް އިޓަލީން ވަނީ ދިރާސާކުރަން ފަށާފައެވެ.
1.5 ބިލިއަން ޔޫރޯ (1.6 ބިލިއަން ޑޮލަރު) ގެ މި މަޝްރޫއު ފަސް އަހަރަށް ބެހިގެންދާނެ ކަމަށް ލަފާކުރެވެއެވެ. މި މަޝްރޫއު ވަނީ މިދިޔަ އޮކްޓޯބަރުގައި އިޓަލީގެ ފޮރިން މިނިސްޓަރު އެންޓޯނިއޯ ޓަޖާނީ އާންމުކޮށް އިއުލާންކުރައްވާފައެވެ.
އިޓަލީގެ އެންމެ އެކަހެރި ސަރަހައްދުތަކުގައި އިންޓަނެޓްގެ ޚިދުމަތް އިތުރަށް ފުޅާކުރުމަށް ސްޓާލިންކް ބޭނުންކުރުމަށް ވެސް ސަރުކާރުން ވިސްނަމުން ދެއެވެ.
ސަރުކާރުން އެހީވާ ކުންފުނިތަކުގެ ފަރާތުން ސަރުކާރުން ފައިސާ ދީގެން ހިންގާ ފައިބަ އެޅުމުގެ މަޝްރޫއުތަކުގައި ލަސްތަކެއް ދިމާވަމުންދާތީ، އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން މި އަހަރު ތެރޭގައި ސްޕޭސް އަސާސްކޮށްގެން ފޯރުކޮށްދޭ ޚިދުމަތްތައް ޓެސްޓުކުރަން ފެށުމަށް ސަރުކާރުން ވަނީ ތައްޔާރުވަމުންނެވެ.