އެމްޑީޕީ އުފެއްދީންސުރެ އެ ޕާޓީގައި އިސްކޮށް މަސައްކަތް ކުރައްވަމުން އަންނަ, ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ތޯރިގު, އޮޅުވާލައިގެން ސަރުކާރު ހިންގާ ޕީއެންސީއަށް ވައްދާފައިވާ ކަމަށް ވިދާޅުވެ, އެ މައްސަލަ އޭނާ ފުލުހަށް ހުށަހަޅައިފިއެވެ.
މި މައްސަލައިގައި ޕޮލިސް ކޮމިޝަނަރަށް އެޑްރެސް ކުރައްވައި ތޯރިގު މިއަދު ފޮނުއްވި ސިޓީ، އޭނާވަނީ ޓްވިޓާގައި ހިއްސާ ކުރައްވައިފައެވެ.
އޭގައިވާ ގޮތުން، ތޯރިގު މި މައްސަލަ އެންމެ ފުރަތަމަ ފުލުހަށް ހުށަހެޅުއްވީ ހުސްވި އަހަރުގެ ޑިސެންބަރު 26ގައެވެ. މައްސަލަ ހުށަހެޅުއްވީ އޭނާ ޕީއެންސީއަށް ވެއްދުމަށް ހުށަހަޅާފައިވާ ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ)ން ހޯދުމަށް ފަހު، އެއާ ވެސް އެކުގައެވެ.
އެމްޑީޕީ ވެރިކަމުގައި ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި ތޯރިގު ސިޓީގައި ވިދާޅުވެެފައި އޮތީ، އޭނާ ޕީއެންސީއަށް ވެއްދުމަށް ފުރާފައި އޮތް ފޯމުގައި ޖަހާފައިވަނީ އޭނާގެ ފޮޓޯއާއި ފިންގަޕްރިންޓާއި އޭނާގެ ސޮޔެއް ވެސް ނޫން ކަމަށެވެ. އަދި އެ ފޯމުގައި ހެކީންގެ ގޮތުގައި ވެސް ޖަހާފައި އޮތީ އޭނާ ދަންނަ ބައެއް ނޫން ކަމަށް ސިޓީގައިވެއެވެ.
އޭނާ ފުލުހުގައި އެދިފައިވަނީ ވަގު ފޯމުގައި ޖަހާފައިވަނީ ކާކުގެ ފޮޓޯއެއް ކަމާއި، އޭގައި ސޮއިކޮށް، ފިންގަޕްރިންޓު ޖަހާފައިވާ މީހުންގެ އިތުރުން، ހެކީންގެ ގޮތުގައި ސޮއިކޮށް ފިންގަޕްރިންޓު ޖަހާފައިވަނީ ފޯމުގައި ބުނާ މީހުންކަން ހޯދައިދިނުމަށެވެ.
ސަރުކާރު ހިންގާ ޕީއެންސީއަށް 100،000 މެންބަރުން ހަމަކުރުމުގެ ވިސްނުން ގެންގުޅޭކަމަށް އެ ޕާޓީން މީގެ ކުރިން ބުނެފައިވެއެވެ.
އެމްޑީޕީގެ މެންބަރުން އޮޅުވާލައިގެން ޕީއެންސީއަށް ވައްދަމުން އަންނަ ކަމަށް އެމްޑީޕީން ތުހުމަތު ކުރެއެވެ. ނަމަވެސް ޕީއެންސީއިން ވަނީ އެ ތުހުމަތުތައް ދޮގު ކޮށްފައެވެ.
"ސަން"އަށް މައުލޫމާތު ދެއްވަމުން މީގެ ކުރިން ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު، އިބްރާހީމް ފަލާހު ވިދާޅުވީ އެ ޕާޓީއަށް 82،000އަށްވުރެ ގިނަ މެންބަރުން މިހާރު ހަމަކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް އީސީގެ ދަފްތަރުން ދައްކާ ގޮތުގައި ހުސްވި އަހަރުގެ ސެޕްޓެންބަރު 19ގެ ނިޔަލަށް އެ ޕާޓީގައި ތިބީ 28،983 މެންބަރުންނެވެ.
ޕީއެންސީން އެއް އަހަރު ތެރޭ އެހާ ގިނަ އަދަދަކަށް މެންބަރުން އިތުރުކޮށްފައިވާއިރު، މިދިޔަ އަހަރު ރައީސް ވެރިކަމަށް ވަޑައިގެންނެވިއިރު އެ ޕާޓީގައި ތިބީ ގާތްގަނޑަކަށް 3،000 މެންބަރުންނެވެ.
ވަގަށް ސިޔާސީ ޕާޓީތަކަށް މީހުން ވައްދާ މައްސަލަ ސަމާލުކަމަށް އައީ މީގެ ދުވަސްތަކެއް ކުރިންނެވެ. އެ ކަމާ ގުޅިގެން އީސީންވަނީ އެ މައްސަލަ ހައްލު ކުރުމަށް ފިޔަވަޅުތަކެއް އަޅައިފައެވެ. އޭގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރެއްތޯ އެސްއެމްއެސްގެ މެދުވެރިކޮށް ބެލޭނެ ގޮތް ހެދުން ހިމެނެއެވެ.