ބަންގްލަދޭޝްގެ ތަރައްގީގައި، ރާއްޖޭގައި އުޅޭ މަސައްކަތްތެރީން ވެސް ބައިވެރިވާން ހައި ކޮމިޝަނުން އެދިއްޖެ

ބަންގްލަދޭޝްގެ ހައި ކޮމިޝަނުން އެ ގައުމުގެ މިނިވަން ދުވަހާއި ގައުމީ ދުވަސް ފާހަގަކުރުން --

ރާއްޖޭގައި އުޅޭ ބަންގްލަދޭޝްގެ މަސައްކަތްތެރީން ވެސް އެ ގައުމު ތަރައްގީކުރުމުގައި ބައިވެރިވާން ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައި ކޮމިޝަނުން މިއަދު އެދިއްޖެއެވެ.

ބަންގްލަދޭޝްގެ ހައި ކޮމިޝަނުން މިއަދު ވަނީ އެ ގައުމުގެ މިނިވަން ދުވަހާއި ގައުމީ ދުވަސް ފާހަގަކޮށްފައެވެ. އެއީ 1971ގައި، ނުވަ މަސް ވަންދެން ކުރި ހަނގުރާމައަކަށް ފަހު ބަންގްލަދޭޝްއަށް މިނިވަންކަން ލިބުނު ދުވަހުގެ މުނާސަބަތުގައި ފާހަގަކުރާ ދުވަހެކެވެ.

ހައި ކޮމިޝަނުން މި ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ފެށީ، ހުޅުމާލޭގައި ހުންނަ ޗާންސަރީގެ ގޯތިތެރޭގައި ބޭއްވި ބަންގްލަދޭޝްގެ ދިދަ ނެގުމާއި ގައުމީ ސަލާމް ކިޔުމުގެ ރަސްމިއްޔާތަކުންނެވެ. ދިދަ ނަންގަވައި ދެއްވީ އެ ގައުމުގެ އެކްޓިން ހައި ކޮމިޝަނަރު މުޙައްމަދު ސޮހެލް ޕަރުވޭޒްއެވެ.

އެ ރަސްމިއްޔާތުގައި ހައި ކޮމިޝަނުގެ އޮފިޝަލުންނާއި ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝްގެ ރައްޔިތުންގެ ބައިވެރިވެފައިވެއެވެ.

އެ ރަސްމިއަޔާތުގައި ހަައި ކޮމިޝަނަރު ވަނީ، ބަންގްލަދޭޝްގެ މިނިވަންކަމަށް ޓަކައި ޝަހީދުވި މީހުންގެ ހަނދާން އާ ކުރައްވައިފައެވެ. އަދި 1971ގައި ބަންގްލަދޭޝްއިން ބޭރުގައި ދިރިއުޅެމުން ދިޔަ މީހުން ވެސް ގައުމުގެ މިނިވަންކަމަށް ޓަކައި ކުރި މަސައްކަތްތައް އޭނާ ފާހަގަކުރެއްވިއެވެ.

އަދި މީގެ އިތުރުން ހައި ކޮމިޝަނަަރު ވަނީ ބަަންގްލަދޭޝް އާއި ރާއްޖެއާ ދެމެދު އޮތް ވަރުގަދަ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައިފަައެވެ.

ބަންގްލަދޭޝްގެ ހައި ކޮމިޝަނުން އެ ގައުމުގެ މިނިވަން ދުވަހާއި ގައުމީ ދުވަސް ފާހަގަކުރުން --

އެގޮތުން، އެ ގުޅުން ބިނާވެފައިވަނީ އެއް އަގީދާއަކާއި، އެކަކު އަނެކަކަށް ކުރާ އިޙްތިރާމާއި، ތަޢުލީމާއި، ޞިއްޙަތާއި، ވިޔަފާރިއާއި، މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމުގެ ގާބިލުކަން އިތުރުކުރުން ފަދަ އެކި ދާއިރާތަކުން އޮންނަ އެއްބާރުލުމުގެ މައްޗަށް ކަމަށް ވެސް ހައި ކޮމިޝަނަރު ފާހަގަ ކުރެއްވިއެވެ.

ހައި ކޮމިޝަނަރު ވަނީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ބަންގްލަދޭޝްގެ ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންނަށް ދެއްވާފައިވާ ހެޔޮއެދުމުގެ ބަސްފުޅުތަކަށް ޝުކުރު އަދާކުރައްވާފައެވެ.

އެއާއެކު ހައި ކޮމިޝަނަރު ވަނީ ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ބިދޭސީން، އަމިއްލަ ގައުމުގެ ތަރައްގީގެ މަސައްކަތުގައި ބައިވެރިވުމަށް އެދިވަޑައިގެންފައެވެ. އަދި ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކަށް ރަނގަޅަށް ތަބާވުމަށާއި، ގަދަރުވެރިކަމާއި ފަޚުރުވެރިކަމާއެކު މަސައްކަތްކުރުމަށް އެދިވަޑައިގެންފައިވެއެވެ.

މީގެ އިތުރުން ހައި ކޮމިޝަނަރު ވަނީ ބަންގްލަދޭޝްގެ ރީތި ނަން ހޯދައި ދިނުމަށް އެންމެންގެ ވެސް މަސައްކަތްކުރުމަށް އެދިވަޑައިގެންފައެވެ. އަދި ބަންގްލަދޭޝްގެ މިނިވަން ދުވަހާއި ގައުމީ ދުވަހުގެ ހެޔޮއެދުންތައް ހައި ކޮމިޝަނަރު ވަނީ ރާއްޖޭގައި ތިބި އެ ގައުމުގެ ހުރިހާ ރައްޔިތުންނަށް ފޮނުއްވާފައެވެ.

comment ކޮމެންޓް