ހައްޔަރު ކޮށްފާނެ ކަމުގެ ބިރަށް އިސްރާއީލު ސިފައިން ދުނިޔޭގެ ގައުމުތަކުން ފިލަނީ

އިޒްރާއިލް ސިފައިން --

ޓެލްއަވީވު (5 ޖަނަވަރީ 2025) : ޣައްޒާގެ އާންމުންނާ ދެކޮޅަށް އިސްރާއީލު ސިފައިން ހިންގާ ގަތުލުއާންމުތަކާއި ނަސްލު ނައްތާލުމުގެ ޖަރީމާތަކާ ގުޅިގެން ދުނިޔޭގެ ގައުމުތަކަށް ދަތުރުކުރާ އިސްރާއީލުގެ ސިފައިން ހައްޔަރުކުރުމުގެ އަމުރުތައް ނެރެމުންދާތީ އިސްރާއީލު ސިފައިންގެ އާއިލާތަކުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

އިސްރާއީލު ސިފައިންގެ އާއިލާތަކުން އެ ގައުމުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ދުނިޔޭގެ ގައުމުތަކުން އިސްރާއީލު ސިފައިން ހައްޔަރުކޮށް އެ މީހުންގެ މައްޗަށް ދައުވާކުރަން ފަށަން އުޅޭ މަންޒަރު ފެންނަން ފަށާފައިވާއިރު އިސްރާއީލު ސިފައިން ހިމާޔަތް ކުރާނެ ސްޓްރެޓެޖީއެއް ނަތަންޔާހޫގެ ސަރުކާރުން ގެންގުޅޭތަން ނުފެންނަ ކަމުގައެވެ.

މީގެ ދެތިން ދުވަސްކުރިން ބްރަޒީލްގެ ކޯޓަކުންވަނީ ފަތުރުވެރިއެއްގެ ގޮތުގައި އެގައުމަށް ދިޔަ އިސްރާއީލު ސިފައިންގެ މީހަކު ހައްޔަރު ކުރުމުގެ އަމުރު ނެރެފައެވެ.

ނަމަވެސް ބްރަޒީލްގެ ފުލުހުން އިސްރާއީލު ސިފައިންގެ މީހާ ހައްޔަރު ކުރުމުގެ ކުރިން އޭނާ ސިއްރިޔާތުގައި ބްރަޒީލުން ފިލާފައިވާކަން އިސްރާއީލުގެ ނޫހެއްކަމަށްވާ "އިސްރާއީލު ޓުޑޭ" އިންވަނީ ކަށަވަރު ކޮށްދީފައެވެ.

ރިޕޯޓްތައް ބުނާގޮތުން އިސްރާއީލު ސިފައިންގެ މީހާ ބްރަޒީލް އިން ފިލަން އެހީތެރިކަން ފޯރުކޮށްދިނީ އެ ގައުމުގައިވާ ހުޅަނގުގެ ގައުމެއްގެ އެމްބަސީ އަކުންނެވެ. އިސްރާއީލުން ހިންގާ ޔަހޫދީ ޓެރަރިޒަމަށް އެހީތެރިވާ މައިގަނޑު ފަރާތަކީ އެމެރިކާއެވެ. ދެން ޔޫރަޕްގެ ބޮޑެތި ބާރުތައްކަމަށްވާ އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތް އަދި ޖަރުމަނެވެ.

ޣައްޒާގައި އިސްރާއީލު ހިންގާފައިވާ ގަތުލުއާންމެއްގައި ޝަހީދުކޮށްލާފައިވާ އާންމުންގެ ބަޔަކު ވަޅުލަނީ

މީގެ ދެތިން ހަފުތާ ކުރިން އިސްރާއީލުގެ ސިފައިންގެ މީހަކު ވަނީ ސްރީލަންކާއިން ވެސް ސިއްރު ގޮތަކަށް ފިލައި ރައްކާވެފައެވެ. އެ މީހާ ފިލިކަމަށްވަނީ އޭނާއަކީ އިސްރާއީލު ސިފައިންގެ މީހެއް ކަމަށްވާތީ އޭނާ ހައްޔަރު ކުރުމުގެ އަމުރެއް ސްރީލަންކާގެ ކޯޓަކުން ނެރެން އުޅޭކަން އެނގިގެންނެވެ.

އިސްރާއީލު ގެ ނޫހެއްކަމަށްވާ "ހާއާރެޓްސް" ބުނާގޮތުން އިސްރާއީލު ސިފައިންގެ ގިނަ ބަޔަކު އެމެރިކާއާއި ޔޫރަޕްގެ ބައެއް ގައުމުތައް ފިޔަވައި އެ ނޫން ގައުމުތަކަށް ދަތުރުކުރަން މިހާރު ބިރުގަނެއެވެ.

އެއީ ހަނގުރާމައިގެ ޖަރީމާއާއި ގަތުލުއާންމުތައް ހިންގާކަމުގެ ކުށުގައި އިސްރާއީލު ސިފައިންގެ އެތައް ބަޔަކު ހައްޔަރު ކުރުމުގެ ސިއްރު އަމުރުތަކެއް ބައިނަލްއަގްވާމީ ޖިނާއީ ކޯޓުން ނެރެފައިވާކަމަށް ބެލެވޭތީއެވެ.

ހަނގުރާމައިގެ ޖަރީމާއާއި ގަތުލުއާންމުތައް ހިންގާކަމުގެ ކުށުގައި އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އިސްރާއީލުގެ ކުރީގެ ދިފާއީ ވަޒީރު ޔޯވް ގެލަންޓް ހައްޔަރު ކުރުމުގެ އަމުރު ބައިނަލްއަގްވާމީ ކޯޓުން ނެރެފައިވަނީ ފާޅުގައެވެ.

ނަމަވެސް ޣައްޒާގައި އަންހެނުންނާއި ކުޑަކުދިން މަރައި ހޮސްޕިޓަލްތަކުގައި ހުޅުޖަހައި ގަތުލުއާންމުތައް ހިންގަމުން ގެންދާ އިސްރާއީލު ގެ ލާއިންސާނީ ސިފައިންގެ އެތައް ބައެއްގެ މައްޗަށް ބައިނަލްއަގްވާމީ ކޯޓުން ހައްޔަރު ކުރުމުގެ ސިއްރު އަމުރުތަކެއް ނެރެފައިވާކަމަށް ވަނީ ބެލެވިފައެވެ.

"ހާއާރެޓްސް" ބުނާގޮތުން ގަތުލުއާންމު ހިންގާ މައްސަލާގައި އިސްރާއީލު ސިފައިން ހައްޔަރުކޮށް ޝަރީއަތް ނުހިންގާނެ ކަމުގެ ގެރެންޓީ އޮތީ ހަމައެކަނި އެމެރިކާއަށެވެ. އެ ނޫން ގައުމުތަކުގައި މި ގެރެންޓީ ނެތްކަމަށް ވެއެވެ. ނަމަވެސް ޔޫރަޕްގެ ގައުމުމަކުން އިސްރާއީލު ސިފައިންގެ މުޖްރިމަކު ހައްޔަރު ކޮށްފާނެ ކަމަށް ނުބެލެވޭކަމަށް އިސްރާއީލުގެ ނޫސް ބުނެއެވެ.

އިސްރާއީލުގެ އިދިކޮޅު ލީޑަރު ޔެއިރު ލެބެޑް ވަނީ އިސްރާއީލު ސިފައިންނަށް ދުނިޔޭގައި ރައްކާތެރިކަން ނެތުމަކީ އިސްރާއީލަށް ކުރިމަތިވާ ބޮޑު ކާރިސާއެއްކަމަށް ސިފަކޮށްފައެވެ. އޭނާ ބުނި ގޮތުގައި މިއީ ނަތަންޔާހޫގެ ވެރިކަމުގައި ދުނިޔޭގައި އިސްރާއީލު އެކެހެރި ވެފައިވާ މިންވަރު ހާމަކޮށްދޭ ކަމެކެވެ.

comment ކޮމެންޓް