ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން މިއަދު ރީނދޫ ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން ރީނދޫ ސަމާލު ނެރެފައިވަނީ މިއަދުގެ 11:15 އިން ފެށިގެން 15:00 އަށް ކ އަތޮޅުން ފެށިގެން ތ އަތޮޅަށެވެ. އެ އޮފީހުން ބުނީ، މި ސަރަހައްދަށް މި ވަގުތުގައި ބޯކޮށް ވާރޭވެހި ގުގުރުމުގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އެ އޮފީހުން ވަނީ މިއަދު 10:30 އިން ފެށިގެން 16:30 އަށް ބ އަތޮޅުން ފެށިގެން ލ އަތޮޅަށް ހުދު ސަމާލު ނެރެ، ބ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް 11:00 އިން ފެށިގެން 16:30 އަށް އެ ސަމާލު ދަންމާލާފައެވެ.
ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާ އެކު ވިއްސާރަކޮށް، ބޯކޮށް ވާރޭވެހޭނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި، އަދި އެހެން ހިސާބުތަކަށް އިރުއުތުރާ އިރުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އެގޮތުން، ވިލާގަނޑަކު ގަޑިއަކު 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް އެ އޮފީހުން ވަނީ ލަފާކޮށްފައެވެ.
މެޓް އޮފީހުން ވަނީ ރާއްޖޭގެ ދެކުނުގެ ހިސާބުތަކަށް ބަލާއިރު ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި އަދި އެހެން ހިސާބުތަކުގެ ކަނޑުތައް އާންމު ގޮތެއްގައި މަޑުވާނެ ކަމަށް ލަފާކޮށްފައެވެ. އަދި، ރާޅުތަކުގެ އުސްމިނުގައި ދެ ފޫޓާއި ފަސް ފޫޓު އަދި ހަތަރު ފޫޓާއި ހަތް ފޫޓު ހުންނާނެ ކަމަށް އެ އޮފީހުން ވަނީ ލަފާކޮށްފައެވެ.
އެހެންވެ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ. ދިޔަވަރު ބޮޑުވާ ވަގުތުގައި އުތުރާއި މެދުރާއްޖެތެރޭގެ ރަށްތަކަށް އުދައެރުން އެކަށީގެންވާ ކަމަށާއި އެ ކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ތިބުމަށް ވެސް މެޓް އޮފީހުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.